ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމުން އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު އިސްތިއުފާ ދެއްވައިިފި އެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ ކުރީގެ ހެލްތު މިނިސްޓަރު ނާޒިމް އެ މަގާމުން އިސްތިއުފާ ދެއްވިކަން "މިހާރު" އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.
"މިއަދު ހެނދުނު ލިޔުމަކުން އެ ބޭފުޅާ ވަނީ އިސްތިއުފާ ހުށަހަޅުއްވާފައި،" ރައީސް އޮފީހުގެ އޮފިޝަލް ވިދާޅުވި އެވެ.
ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް ވަޒީރުންގެ ފެންވަރުގައި މިދިޔަ ޖޫން މަހުގެ ކުރީކޮޅު، އައްޔަންކުރި ނާޒިމް އެ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް އަދި ސާފެއް ނޫނެވެ.
މި ސަރުކާރުގައި ނާޒިމް އެންމެ ފުރަތަމަ އައްޔަންކުރެއްވީ ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީގެ ޕްރިންސިޕަލް ސެކްރެޓަރީއަށެވެ. ކެބިނެޓަށް ގެނައި ބަދަލުތަކާ އެކު ހެލްތު މިނިސްޓަރަކަށް އޭނާ އައްޔަންކުރެއްވީ ސެޕްޓެމްބަރު 30، 2024 ގަ އެވެ.
ނަމަވެސް މިދިޔަ އޭޕްރީލް ހަ ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށް ފަހު، ކަންކަން ހަރުދަނާ ކުރުމަށް ކަމަށް ވިދާޅުވެ، 10 މިނިސްޓަރަކު އިސްތިއުފާ ދެއްވިއިރު، ނާޒިމް ވެސް މަގާމުން އިސްތިއުފާ ދެއްވީ އެވެ. ރައީސް އޮފީހުގެ އިސް މަގާމެއް އަލުން ދެއްވީ އޭގެ ފަހުންނެވެ.