ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމަށް، މީގެ ކުރިން ވެސް އެ މަގާމު އަދާކުރެއްވި އަދި އެންމެ ފަހުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުން އިސްތިއުފާ ދެއްވި އަމްޖަދު މުސްތަފާ މިއަދު އައްޔަންކުރައްވައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އަދި ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދެވެ.
ޒިންމާދާރުކަމާ އެކު މަސްއޫލިއްޔަތު އަދާކުރެވޭނެ މާހައުލެއް ނެތް ކަމަށް ވިދާޅުވެ ޓްރައިބިއުނަލްގެ ރައީސްކަމުން 2020 ވަނަ އަހަރު އޭނާ އިސްތިއުފާ ދެއްވީ މަގާމަށް އައްޔަންކުރެއްވިތާ ހަތަރު މަސް ފަހުންނެވެ.
އަމްޖަދު ވަނީ އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސްކަން އަދި މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގެ މެންބަރުކަން ފުރުއްވާފައިވެ އެވެ.
ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަނުން މާސްޓާސް ހާސިލްކުރައްވާފައިވާ އަމްޖަދު އެންމެ ފަހުން ހުންނެވީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކަށެވެ. ނަމަވެސް، އެ މަގާމުން ވެސް މިދިޔަ އޭޕްރީލް މަހު އޭނާ އިސްތިއުފާ ދެއްވީ އެވެ.
ވަޒީފާގެ މައްސަލަތަކުގައި ގޮތް ނިންމާ ޓްރައިބިއުނަލްގައި، ރައީސާ އެކު ޖުމްލަ ނުވަ މެމްބަރުން އެބަތިއްބެވެ.