މެޗުގެ ބޮޑުބައި އެކަކު މަދުކޮށް ކުޅެ މެންޗެސްޓާ ސިޓީން ޕްރިމިއާ ލީގުގައި މިރޭ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް އަތުން 1-0 އިން މޮޅުވެއްޖެ އެވެ.
ޔުނައިޓެޑުގެ އޯލްޑް ޓްރެފޯޑް ސްޓޭޑިއަމުގައި ކުޅުނު މެޗުގެ 23 ވަނަ މިނެޓުގައި ސިޓީގެ ފިލް ފޮޑެން އަށް ރެފްރީ މައިކަލް އޮލިވާ ރަތްކާޑެއް ދެއްކި އެވެ. ސިޓީ މޮޅުވީ ދެ ވަނަ ހާފުގައި ނޯވޭ ފޯވާޑް އާލިން ހާލަންޑް ޖެހި ގޯލުންނެވެ.
އާ ކޯޗު އެންޒޯ މަރެސްކާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެންޗެސްޓާ ޑާބީން މޮޅުވުމާ އެކު ސިޓީ އޮތީ އެއް ވަނައިގައި 12 ޕޮއިންޓާ އެކު އޮތް އާސެނަލްއާ އެއް އަދަދަކަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން ދެ ވަނައިގަ އެވެ. މިދިޔަ ސީޒަނުގެ ވަކި ހިސާބަކުން ހަވާލުވެ ނަތީޖާ ރަނގަޅުކޮށްދިން މައިކަލް ކެރިކުގެ ކޯޗުކަމުގައި ކުޅޭ ޔުނައިޓެޑް އޮތީ ހަތަރު މެޗުން ހަތަރު ޕޮއިންޓާ އެކު 13 ވަނައިގަ އެވެ. އެއް ވަނައިގައި އޮތް އާސެނަލްއާ ދެމެދު 8 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.
މި މެޗުގައި ސިޓީގެ ފޯޑެން އަށް ރަތްކާޑެއް ދެއްކީ ޔުނައިޓެޑުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް އަށް ހަމަލާ ދިނުމުންނެވެ. އެކަމަކު އެއީ ފޯޑެން އަށް ބްރޫނޯ ފައުލްކޮށް އަދި ހަމަލާ ދިނުމުން ރައްދުގައި ދިން ހަމަލާއެއް ކަމުން ބްރޫނޯ އަށް ވެސް ރަތެއް ދައްކަން ޖެހޭނެ ކަމަށް ސިޓީން އެޕީލްކުރި އެވެ.
މި ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތު ލިބުނެވެ. އެންމެ ރަނގަޅު ހަމަލާއެއް އުފެއްދީ ހިލޭ ޖެހުމަކުން ޔުނައިޓެޑުގެ މާކަސް ރަޝްފޯޑެވެ. ދެ ވަނަ ހާފުގެ ކުރީކޮޅު ޔުނައިޓެޑުގެ ކޯބީ މައިނޫގެ ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވި އެވެ.
އެކަކު މަދުވުމުން ޔުނައިޓެޑް މޮޅުވާނެ ކަމަށް ބެލެވުނު ނަމަވެސް ސިޓީން ވަނީ ލިބުނު ފުރަތަމަ ފުރުސަތުގައި ގޯލު ޖަހައިފަ އެވެ. ޖޮސްކޯ ގްވާޑިއޯލް ނަގައިދިން ހުރަސް ހާލަންޑް ގޯލަށް ވައްދާލުމުން ފުރަތަމަ ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ. އެކަމަކު ވީއޭއާރް އިން ބެލުމަށް ފަހު ނިންމީ އޮފްސައިޑް ނޫން ކަމަށެވެ. އެ ބޯޅަ އަށް އޮފްސައިޑް މަގާމެއްގައި ހުރި ސިޓީގެ އެންޒޯ ފެނާންޑޭޒް އެރި ނަމަވެސް އޭނާގެ ބައިވެރިވުމެއް އެ ގޯލުގައި ނެތް ކަމަށް ރެފްރީ ނިންމުމުން އެ ގޯލު ސައްހަވީ އެވެ.
އޭގެ ފަހުން އެންޒޯ ވަނީ ސިޓީ އަށް ދެ ވަނަ ލަނޑެއް ޖަހައިދިނުމާ ގާތަށް ގޮސްފަ އެވެ. އެކަމަކު އެ ބޯޅަ ޔުނައިޓެޑުގެ ގޯލްކީޕަރު ސެނޭ ލެމަންސް އަތުގައި ޖެހިފައި އަމާޒުވީ ގޯލު ދަނޑިއަށެވެ. އިރުކޮޅެއް ފަހުން ހާލަންޑް އަތުން ވެސް ރަނުގެ ފުރުސަތެއް ބޭކާރުވި އެވެ.
ޔުނައިޓެޑުން އެޓޭކް އުފެއްދި ނަމަވެސް ސިޓީން ދިޔައީ މޮޅަށް ޑިފެންސްކުރަމުންނެވެ. އެކަމަކު ސިޓީގެ ޑިފެންސް ފޫއަޅުވާލައި ބްރޫނޯ ރީތި ބޯޅައެއް ބްރަޔަން އެމްބޫމޯ އަށް ދިނެވެ. އޭނާ ގޯލް ކުރިމަތިން ހުހަށް ހުރެ ފޮނުވާލުމުން އެ ބޯޅަ ސަލާމަތްކުރީ ސިޓީގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ އެވެ.