"އާޝިގީ 2"ގެ ތަރިން ކަމަށްވާ އަދިތުޔާ ރޯއި ކަޕޫރާއި ޝްރައްދާ ކަޕޫރުގެ އާ ފިލްމު "އޯކޭ ޖާނޫ"ގެ ޝޫޓިން އެންމެ 35 ދުވަސް ތެރޭ ފުރިހަމަކޮށްފި އެވެ.
މި ފިލްމަކީ މަނީ ރަތުނަމް ޑައިރެކްޓްކޮށްފައިވާ "އޯކޭ ކަންމަނީ" ކިޔާ ތަމަޅަ ފިލްމެއްގެ ރިމޭކް އެކެވެ. މިދިޔަ އަހަރު ސައުތު އިންޑިޔާގައި މިފިލްމު ރިލީޒްކުރުމާއެކު ބޮކްސް އޮފީހަށް ހީވީ ތޫފާނެއް އައިހެންނެވެ.
އެގޮތުން މިދިޔަ އަހަރު އެންމެ ބޮޑު ކާމިޔާބެއް ހޯދި ތަމަޅަ ފިލްމަކަށް އެ ފިލްމު ވެފައިވާއިރު ފިލްމުގެ ތަރިންކަމަށްވާ ދަލްގާރް ސަލްމާން އާއި ނިތިޔާ މެނަން އާދައިގެ ތަރިންގެ ގޮތުގައި ތިބެފައި މި ފިލްމު ރިލީޒްވުމާއެކު ސުޕަ ސްޓާރުންނަށް ބަދަލުވި އެވެ.
"އޯކޭ ކަންމާނީ"ގެ ހިންދީ ވާޝަން "އޯކޭ ޖާނޫ" ޑައިރެކްޓްކޮށްފައިވަނީ ޝާދް އަލީ އެވެ. ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަންސް އިން ޕްރޮޑީއުސްކުރާ މި ފިލްމުގެ މިއުޒިކް ތައްޔާރުކޮށްދީފައިވަނީ އޭ.އާރް. ރަހްމާން އެވެ.
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި "އާޝިގީ 2"ގައި އަދިތުޔާ އާއި ޝްރައްދާ ދެއްކި ކެމިސްޓްރީއަށް ވުރެ ވެސް ފުރިހަމަ ކެމިސްޓްރީއެއް މި ފިލްމުގައި އެ ދެ ތަރިން ދައްކުވައިދޭނެ އެވެ.
ފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ ކައިވެނިކުރަން ބޭނުންނުވާ ޒުވާން ލޯބީގެ ޖޯޑެއްގެ ދިރިއުޅުމުގެ ހާދިސާ ތަކަކަށެވެ.
ޑައިރެކްޓަރު ޝާދް ވަނީ މީގެ ކުރިން ވެސް މަނީ ރަތުނަމްގެ ތަމަޅަ ފިލްމެއްގެ ހިންދީ ރިމޭކްއެއް ޑައިރެކްޓްކޮށްފަ އެވެ. "އަލައިޕަޔުތޭ" ކިޔާ ތަމަޅަ މި ފިލްމުގެ ހިންދީ ވާޝަން އަކީ ރާނީ މުކަރުޖީ އާއި ވިވެކް އޮބްރޯއީ ލީޑް ރޯލު ކުޅުނު ވަރަށް ރީތި ލޯބީގެ ފިލްމެއް ކަމަށްވާ "ސާތިޔާ" އެވެ.
ބެލުންތެރިން އުންމީދުކުރަނީ "ސާތިޔާ" ފަދަ ރީތި ފިލްމަކަށް "އޯކޭ ޖާނޫ"ވެސް ވާނެ ކަމަށެވެ.
ފިލްމުގެ އެންމެ ފަހުގެ ޝޫޓިން އަހުމަދުއާބާދުގެ ކޮލެޖެއްގައި އިއްޔެ ވަނީ ފުރިހަމަކޮށްފަ އެވެ. އަދި ފިލްމު ނިމިފައިވާ ކަން ޝްރައްދާ ކޮށްފައިވާ ޓުވީޓަކުން ޔަގީންކޮށްދީފައި ވެއެވެ.
"އޯކޭ ޖާނޫ" ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު އެވެ.