އިންސާނާގެ ހިތަކީ އެމީހެއްގެ ދިރިހުރުމާއި މަރުވުން އެއާ ގުޅިފައިވާ މުހިއްމު ގުނަވަނެކެވެ. އެހެންކަމުން ހިތާ ނުލާ މިހަކު އަހަރަކަށް ވުރެ ގިނަ ދުވަހު ދުނިޔޭގައި ހުރި ވާހަކަ އަޑު އިވެއްޖެ ކޮންމެ މީހެއްގެ ވެސް ހިތުގައި އުފެދޭނީ އެންމެ ސުވާލެކެވެ. ހިތާ ނުލައި އޭނާ މަރުނުވެ ސަލާމަތުން ހުރީ ކިހިނެއް ހެއްޔެވެ؟
ހަށިގަނޑުގެ ބޭރުގައި އޮތް މަސްނޫއީ ހިތެއްގެ އެހީގައި 17 މަސް ދުވަސް ވަންދެން ދިރިހުރި، މިޗިގަންގައި ދިރިއުޅޭ އުމުރުން 25 އަހަރުގެ ސްޓޭން ލާކިން މިހާރު ވަނީ ހާޓް ޓްރާންސްޕްލާންޓް ހަދާފަ އެވެ. އެމީހެއްގެ އަސްލު ހިތާ ނުލާ ދުނިޔޭގައި އޮވެވިދާނެތޯ ސުވާލުކުރާ މީހުންނަށް ބުނެލަން އޮތީ މިފަދަ މީހަކަށް ވެސް ދުނިޔޭގައި އޮވެވިދާނެކަމަށް މިހާރު ޔަގީންވެފައިވާ ކަމަށެވެ. ތޭރަ ޕައުންޑްގެ ޕޯޓެބަލް ޑިވައިސް އެއްގެ އެހީގަ އެވެ.
ގުނަވަނެއް ޓްރާންސްޕްލާންޓްކުރުމަކީ ބުރަ އަދި އެހާމެ ލަސްލަހުން ކުރެވޭ މަސައްކަތެކެވެ. އަދި މިކަން ކުރެވެން އޮތަސް އެމީހާއާ ގުޅޭ ގުނަވަނެއް ހޯދަން އަދި މާ އުނދަގުލެވެ. ކިޑްނީ ކަހަލަ ގުނަވަނެއް ނަމަ މީހަކަށް ދިރި ދުނިޔޭގައި ހުރެ ވެސް ހަދިޔާ ކުރެވިދާނެ އެވެ. ނަމަވެސް ހިތެއް ހަދިޔާ ކުރެވޭނީ އެ މީހަކު މަރުވެގެންނެވެ.
ނަމަވެސް ސައިންސްވެރިން މިހާރު މި އީޖާދުކުރި ޑިވައިސްގެ ސަބަބުން ބައި-ވެންޓްރިކިއުލާ ހާޓް ފެއިލިއާގެ އެންމެ ފަހު ސްޓޭޖްގައިވާ މީހުންނަށް ހިތެއް ލިބެންދެން މަރުނުވެ ތިބެވެ އެވެ. މިއީ އުމުރުން 24 އަހަރުގެ ސްޓެން އަށް ވެސް މަރުން ސަލާމަތްވެގެން މި ހުރިހާ ދުވަހު އޮވެވުނު ގޮތެވެ.
ސިންކާޑިއާ ފްރީޑަމް ޕޯޓަބްލް ޑްރައިވާ ޑިޒައިންކޮށްފައި ވަނީ ހިތް މުޅީން ފެއިލްވާ މީހުންގެ ބޭނުންތަކަށެވެ. މިފަދަ މީހުންގެ ބުރަކަށީގައިވާ ބެކްޕެކްގައި މި ޑިވައިސް އަބަދުވެސް އެމީހުންނާއެކު ދާހާ ތަނަކަށް ގެންދަންޖެހެ އެވެ. މި މެޝިނުން ކޮމްޕްރެސް ވައިގެ ބޭނުންކޮށްގެން އިންސާނާގެ ހިތުގެ މަސައްކަތް ކަމަށްވާ މުޅި ހަށިގަނޑަށް ލޭ ޕަމްޕްކޮށްދިނުމުގެ މަސައްކަތް ކުރެ އެވެ.
ސްޓެން އަކީ އިންސާނާގެ އަސްލު ހިތާ ނުލައި މިޗިގަން ހޮސްޕިޓަލުން ނުކުތް ދިރިހުރި ފުރަތަމަ އިންސާނާ އެވެ.
"މިއީ ވަރަށް ޖަޒުބާތުން ފުރިގެންވާ ރޯލާ-ކޯސްޓާ އެއް،" ސްޓެން ބުނެފައިވެ އެވެ.
ސްޓެން އާއި އޭނާގެ ކޮއްކޮއަށް ޖެހިފައި ވަނީ އާއިލީގޮތުން ވާރުތަވާ ކާޑިއޯމަޔޯޕަތީ ކިޔާ ބައްޔެކެވެ. މިއީ ޖެނެޓިކް ހާޓް މައްސަލަ އެކެވެ. މި ބަލި ހުންނަ މީހުންނަށް ކުރިން އެއްވެސް އަލާމާތެއް ނުފެނި ކުއްލިއަކަށް ހާޓް ފެއިލްވެ އެވެ.
ހިތެއް ލިބޭތޯ ސްޓެން އާއި ކޮއްކޮ އިންތިޒާރުގައި ތިބޭތާ ގިނަ ދުވަސްތަކެއް ފަހުން މިހާރު ވަނީ ފެއިލް ވެފައިވާ އެމީހުންގެ އަސްލު ހިތް ނެގުމަށްފަހު ސިންކާޑިއާ ޑިވައިސް މި ދެބެންގެ ހިތަށް ވެސް ލައްވާފަ އެވެ.
މިކަމުގައި އޮތް އުފާވެރި ޚަބަރަކީ ސްޓެން އާއި އޭނާގެ ކޮއްކޮއަށް މި ޑިވައިސް ބޭނުންކޮށްގެން ހެދި ޕްރޮސީޖާ ކާމިޔާބު ވެފައިވާތީ ހާޓް ފެއިލްވެ ހިތެއްގެ އިންތިޒާރުގައި ތިބޭ އެހެން މީހުންނަށް ވެސް މި ޑިވައިސް ލައްވައިގެން މަޑުކުރެވިދާނެ އެވެ.