ގްރީން ޓީގައި ޑައުންސް ސިންޑްރޯމް އަށް ފަރުވާކުރެވިދާނެ މާއްދާއެެއް ހުންނަ ކަމަށް ސައިންސްވެރިންގެ ޓީމަކުން ބުނެފި އެވެ.

ރިސާޗަރުން ބުނީ ގްރީން ޓީގައި ހުންނަ އެޕިގަލޯކެޓެކިން ގެލޭޓް ކިޔާ މާއްދާއަކުން ކަންކަން ދަސްކުރުމުގެ ގާބިލްކަން ވަރުގަދަކޮށްދޭ ކަމަށެވެ. މިއީ ގްރީން ޓީގެ އިތުރުން ކަޅު ސައި ގައި ވެސް ހުންނަ މާއްދާއެކެވެ. އެކަމަކު ގްރީން ޓީގައި މި މާއްދާ އިތުރެވެ. މިއީ ހަނދާން ގަދަވުމާއި އާންމު ހުނަރުތައް ދަސްކުރުމުގެ ގާބިލްކަން ވަރުގަދަކޮށްދޭ މާއްދާއެކެވެ.

އަހަރު ދުވަހުގެ މުއްދަތަށް މި ދިރާސާ ކުރެއްވި ޑރ. ރަފައެލް ޑި ލާ ޓޯރޭ ވިދާޅުވެފައި ވަނީ ޑައުންސް ސިންްޑްރޯމް ހުންނަ މީހުންނަށް ދޭ އާންމު އެހެން ފަރުވާތަކާ އެކު ގްރީން ޓީ ބޭނުންކުރުމުން ފަރުވާގެ ނަތީޖާ ރަނގަޅަށް ފެނިފައިވާ ކަމަށެވެ. ސައިންސްވެރިން މިގޮތަށް ބުނެފައި ވަނީ އުމުރުން 16 އަހަރާއި 34 އަހަރާ ދެމެދު 84 މީހަކު ބޭނުންކޮށްގެން ކުރި ދިރާސާތަކަށް ފަހުގަ އެވެ.

"މިއީ ހަމަ އެކަނި ކޮގްނިޓިވް ބަދަލުތަކެއް ކަމަށް ނުވުމަކީ ލިބުނު ވަރަށް ބޮޑު ހައިރާންކަމެއް. ދަސްކުރުމާއި ހަނދާނުގެ ބަޔާއި ސަމާލުކަމާ ގުޅުން ހުރި 'ފަންކްޝަނަލް ކަނެކްޓިވިޓީ' ގެ ނިއުރޯންސް އަށް ވެސް ބަދަލު އައި،" ޑރ. ޑި ލާ ޓޯރޭ ވިދާޅުވި އެވެ.

ދަ ލޭންސިޓް ނިއުރޮލޮޖީގައި ޝާއިއުކޮށްފައިވާ މި ދިރާސާ ރިޕޯޓްގައި ބުނެފައި ވަނީ ޑައުންސް ސިންޑްރޯމަށް ގްރީން ޓީން ލިބޭ ފައިދާ އިތުރަށް ދެނެގަތުމަށް އަދިވެސް ދިރާސާކުރަންޖެހޭ ކަމަށާއި އެ މަސައްކަތް ސައިންސްވެރިން ކުރިއަށް ގެންދާނެ ކަމަށެވެ.

ދިރާސާގައި ބުނެފައި ވަނީ ޑައުންސް ސިންޑްރޯމް ހުންނަ ބޮޑެތި މީހުންނަށް ގްރީން ޓީން ކުރި ފައިދާ ވަރަށް ބޮޑަށް ތަފާތު ކަމަށް ވެސް ފާހަގަވެފައިވާ ކަމަށެވެ. އެހެންވެ ކުޑައިރުން ފެށިގެން މި ބޭނުންކޮށްގެން ފަރުވާ ދީފި ނަމަ ވަރަށް ރަނގަޅު ނަތީޖާއެއް ނެރެވިދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ސައިންސްވެރިން ވަނީ ބުނެފަ އެވެ.