ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ) އިން މާދަމާ ފަށާ ކޮންގްރެސްއަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ފުރިހަމަ ކޮންގްރެސްއަށް ވާނެ ކަމަށާއި އެހެންވެ، އެހެން ޕާޓީތަކުން އެ ކޮންގްރެސްގެ ކަންކަން ބަަލައި ތަޖުރިބާކުރަން އައުމަށް ދައުވަތު ދެއްވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ. 

މާދަމާ އިން ފެށިގެން މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ޕީއެންސީން ކުރިއަށް ގެންދާ ކޮންގްރެސް ފެށުމުގެ ކުރިން މިއަދު ހެނދުނުން ފެށިގެން ރައީސް ޑރ. މުހައްމަދު މުހައްމަދު މުއިއްޒު ގެންދަވަނީ ކޮންގްރެސްގައި ބައިވެރިވާ އެކި ޓީމުތަކާ ބައްދަލު ކުރައްވަމުންނެވެ. 

ސޯޝަލް ސެންޓަރުގައި ކުރިއަށްދާ އެ ހަރަކާތާ ގުޅިގެން އެމްއެމްޓީވީއަށް ދެއްވި އިންޓަވިއެއްގައި އަދުރޭ ވިދާޅުވީ ޑީއާރުޕީގެ ދެ ކޮންގްރެސް އާއި ޕީޕީއެމްގެ ދެ ކޮންގްރެސް އަދި ޕީޕަލްސް އެލަޔަންސް (ޕީއޭ) ގެ ކޮންގްރެސްއެއްގައި ވެސް އޭނާ ބައިވެރިވެ ވަޑައިގަތް ކަމަށެވެ. އެކަމަކު އެއިން އެއްވެސް ކޮންގްރެސްއަކަށް ވަޑައިގަންނަވާ ބޭފުޅުންނާ، ޕާޓީގެ ރައީސް ބައްދަލު ނުކުރައްވާ ކަމަށް އަދުރޭ ވިދާޅުވި އެވެ. 

އަދުރޭ ވިދާޅުވި ގޮތުގައި ރައިސް ވަނީ ސްޓިއަރިން ކޮމެޓީގެ ރައީސުންނާ ބައްދަލުކުރައްވައިފަ އެވެ. އަދި މިހާރު ކުރިއަށް ދަނީ އަންހެނުންގެ ކޮމެޓީގެ ރައީސުންގެ ބައްދަލު ކުރެއްވުން ކަމަށާއި އެއަށް ފަހު ޒުވާނުންގެ ގޮފިތަކުގެ ރައީސުންނާ ވެސް އެމަނިކުފާނު ބައްދަލު ކުރައްވާނެ ކަަމަށް ވިދާޅުވި އެވެ.

މެންދުރުފަހު، ކައުންސިލުގެ ރައީސުންނާ ބައްދަލުކުރެއްވުމުގެ އިތުރުން އެކި ދާއިރާތަކުގެ ރައީސުންނާއި ނައިބް ރައީސުންނާ ވެސް ބައްދަލުކުރައްވާނެ އެވެ. 

ކޮންގްރެސް ފެށުމުގެ ކުރިން ހުރިހާ ބައިވެރިންނާ ވެސް ބައްދަލުކުރައްވާނެކަން ފާހަގަކުރައްވާ އަދުރޭ ވިދާޅުވީ މިއީ ޕާޓީ ނިޒާމުގައި ނަމޫނާއަކަށް ނަގަންޖެހޭ ކަމެއް ކަަމަށެވެ. 

"މާނައަކީ މި ކޮންގްރެސްއަށް ވަޑައިގެންނެވި ހުރިހާ ބޭފުޅުންނާ ރައީސް ބައްދަލުކުރައްވާނެއޭ ކޮންގްރެސް ފެށުމުގެ ކުރިން. ހަމަ ބައްދަލު ކުރައްވާ އެ ބޭފުޅުންނާ އެކު ވަގުތުކޮޅެއް ހޭދަކުރައްވާނެ. މިއީ އަސްލު ޕާޓީ ނިޒާމުގައި ވަރަށް ރަނގަޅަށް ނަމޫނާއަކަށް ނަގަންވީ ކަމެއް،" ސޯޝަލް ސެންޓަރުގެ ބޭރުގައި ހުންނަވައިގެން އަދުރޭ ވިދާޅުވި އެވެ. 

ޕީއެންސީގެ ކޮންގްރެސްގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކުރައްވަނީ-- ފޮޓޯ: ޕީއެންސީ
ޕީއެންސީގެ ކޮންގްރެސްގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކުރައްވަނީ-- ފޮޓޯ: ޕީއެންސީ

"ރާއްޖެއަށް މަލްޓި ޕާޓީ ޑިމޮކްރަސީ ތައާރަފުވި ފަހުން މިހާތަނަށް މިކަހަލަ މަތީ މަޖިލީހެއް ބޭއްވިފައި ނޯންނާނެ. އެހެންވީމަ އަޅުގަނޑަށް ދަންނަވާލަން ބޭނުންވަނީ އެހެން ޕާޓީތަކުން ވަޑައިގެން ރަނގަޅޭ ބައްލަވާލައްވަން އެ ބޭފުޅުންގެ މިކަންތައްތައް ކޮންގްރެސްތަކަށް ތައްޔާރުވުމަށް ވަރަށް ބައިވަރު ތަޖުރިބާތައް ލިބޭނެއޭ."  

އަދުރޭ ވިދާޅުވި ގޮތުގައި ކޮންގްރެސްގައި ބައިވެރިވާ ބޭފުޅުންނާ ބައްދަލު ކުރެއްވުމަށް ރައިސް މުއިއްޒު ނިންމެވީ އަމިއްލަފުޅަށް އިސްނަންގަވައިގެންނެވެ. އަދި ކޮންގްރެސް ފެށުމުގެ އެއް ދުވަސް ކުރިއަށް ދުވަހެއް އިތުރުކުރައްވަން ޖެހުނީ ވެސް އެހެންވެ، ކަމަށް އަދުރޭ ވިދާޅުވި އެވެ. 

ޕީއެންސީގެ ކޮންގްރެސްގައި އެ ޕާޓީގެ މަގާމުތަކަށް ގިނަ ބަޔަކު ވާދަ ކުރާއިރު އެތެރޭގެ އިންތިހާބުގައި ހޮވަނީ އެ ޕާޓީގެ ޒުވާނުންގެ ހަރަކާތުގެ ރައީސާއި ނައިބު ރައީސާއި ސެކްރެޓަރީ ޖެނެރަލް އާއި ހަޒާންދާރު އަދި އަންހެނުންގެ ހަރަކާތުގެ ވެސް ހަމަ އެ މަގާމުތަކަށެވެ.

ޕީއެންސީގެ ސެނެޓަށް ކުރިމަތިލީ ކެންޑިޑޭޓުންގެ އަދަދުތައް

  1. އާއްމުކޮށް ހުޅުވާލާ 18 ގޮނޑިއަށް، 73 ކެންޑިޑޭޓުން.
  2. ނައިބުރައީސް ކަމަށް 11
  3. އަންހެނުންނަށް ހާއްސަކުރާ 10 ގޮނޑިއަށް، 23 ކެންޑިޑޭޓުން
  4. ޒުވާނުންނަށް ހާއްސަކުރާ 7 ގޮނޑިއަށް 13 ކެންޑިޑޭޓުން

ކޮންގްރެސްގައި ބައިވެރިވުމަށް އިއްޔެއިން ފެށިގެން މެމްބަރުން ވަނީ މާލެ އަންނަން ފަށައިފަ އެވެ. 

ޕީއެންސީގެ މެމްބަރުންގެ އަދަދު މިހާރު 77،000 އަށް ވުރެ ގިނަ އެވެ.