އެމްޑީޕީގެ ޗެެއާޕާސަން އިންތިހާބު ފަސްކޮށް އިންތިގާލީ އިންތިޒާމެއް ހަމަޖައްސަން ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ހުށަހެޅުއްވުމާ އެކު ކުރީގެ ރައީސް މުހައްމަދު ނަޝީދު އެޕާޓީގެ ލީޑަޝިޕާ ހަވާލުވެވަޑައިގަންނަވަން ޝައުގުވެރިކަން ފާޅުކުރައްވައިފި އެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ފަސްކުރައްވަން ޣަފޫރު ހުށަހެޅުއްވީ އޭނާ ވިދާޅުވި ގޮތުގައި ޕާޓީގެ އެތެރޭގައި މަސްލަހަތު ހިފެހެއްޓުމަށާއި މިވަގުތު އޮތް މާލީ ދަތިކަމުންނެވެ. ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި އޭނާ ވިދާޅުވީ އިންތިހާބު ފަސްކުރުމަށް ފަހު "އިންޓެރިމް އެރޭންޖްމަންޓެއް" ހަމަޖައްސަން ގައުމީ މަޖިލީހަށް ހުށަހަޅައި ފާސްކުރަން ފެނިވަޑައިގަންނަވާ ކަމަށެވެ.
ޣަފޫރު އެހެން ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވީ "މިވަގުތު ޕާޓީ ހިންގަން ނަގާފައިވާ އިސް ލީޑަރުންނާއި ގައުމީ މަޖިލިސް އެދޭ ނަމަ ރިޔާސީ ޕްރައިމަރީއާ ހިސާބަށް ވަގުތީ ޗެއާޕާސަން ކަމާ ރައީސް ނަޝީދު ހަވާލުވާން ފެންނަ" ކަމަށެވެ.
"ގައުމީ މަޖިލިސް އެދޭ ނަަމަ ވަގުތީ ޗެއާޕާސަންކަން ކުރުމަށް އަޅުގަނޑު އިއުތިރާޒެއް ނެތް،" ރާއީއަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް އިއުލާނުކުރުމާ އެކު ނަޝީދުގެ އިތުރުން އެ މަގާމަށް ކުރިމަތިލެއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅުދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމާއި އެޕާޓީގެ ކުރީގެ ނައިބުރައީސް އަަލްހާން ފަހުމީ އެވެ. އަލްހާން މިހާރު ވަނީ ވާދަ ނުކުރަން ނިންމަވައިފަ އެވެ.
އިންތިހާބު ފަސްކުރަން ހުށަހެޅުމުން މީކާއިލް ވެސް ވަނީ އެކަމަށް ދެކޮޅު ހައްދަވައިފަ އެވެ.
ޣަފޫރުގެ ހުށަހެޅުއްވުމާ އެއްގޮތަށް، އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ފަސްކޮށްފި ނަމަ، އެއީ އެ އިންތިހާބު ފަސްކުރާ ދެވަނަ ފަހަރަށް ވާނެ އެވެ. އެ އިންތިހާބު ފަސްކުރަން މިދިޔަ ޑިސެމްބަރު މަހު އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކުރީ ލޯކަލް ކައުންސިލް އިންތިހާބަށް ވުރެ ފަހުން ބޭއްވުމުގެ ބޭނުމުގަ އެވެ.
ޑިސެމްބަރު ނުވަ ވަނަ ދުވަހުގެ ރޭ ބޭއްވި ގައުމީ މަޖިލިހުގެ ޖަލްސާގައި އެ ގޮތަށް ފާސްކުރީ ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހުށަހެޅުއްވި ހުށަހެޅުއްވުން އެ ޖަލްސާ އަށް ހާޒިރުވި 69 މެމްބަރުންގެ ތެރެއިން 58 ވޯޓާ އެކު ފާސްކުރުމުންނެވެ.
ސަލީމްގެ ހުށަހެޅުއްވުމުގައި އޮތީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓުލާ ތާރީހުން ފެށިގެން ލަސްވެގެން ހަތް ދުވަހުގެ ތެރޭގައި ޗެއާޕާސަންގެ އިންތިހާބަށް އެމްޑީޕީން ފުރުސަތު ހުޅުވާލަން ވާނެ ކަމަށާއި އިންތިހާބު ބާއްވާނެ ގޮތުގެ ތާވަލެއް އެ ޕާޓީގެ ގަވާއިދާއި އުސޫލުތަކުގެ ތެރެއިން އެކުލަވާލަން ވާނެ ކަމަށެވެ.
ޗެއާޕާސަން އިންތިހާބު މިފަހަރު އިއުލާންކުރީ އޭރު ނިންމި ނިންމުމާ އެއްގޮތަށެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ފަސްކުރަން އެދިވަޑައިގެން އެޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސް އަހުމަދު އަބްދުﷲ އަފީފު ވެސް ވަނީ ވަގުތީ ޗެއާޕާސަން އަށް ސިޓީއެއް ފޮނުއްވައިފަ އެވެ.
ސިޓީގައި އޭނާ ވިދާޅުވީ ޕާޓީގެ ޗެއާޕާސަން ހޮވަން ބާއްވާ އިންތިހާބުގެ ކަންތައްތައް ރާވައި ހިންގުން އަސާސީ ގަވާއިދުގެ 46 ވަނަ މާއްދާއިން ހަވާލުކޮށްފައިވަނީ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސްއާ ކަމަށެވެ. އެހެންވެ، އޭނާއަށް އެންގުމެއް ނެތި އިންތިހާބާ ގުޅޭ ކަންކަން ނުނިންމޭނެ ކަމަށް އެ ސިޓީގައިވެ އެވެ.
"އެހެންކަމުން އަޅުގަނޑަށް ނާންގައި ޗެއާޕާސަންގެ އިންތިހާބާ ގުޅޭ އެއްވެސް ނިންމުމެއް، ޕާޓީގެ އެއްވެސް ގުނަވަނަކުން ނިންމުމަކީ އަސާސީ ގަވައިދާ ހިލާފު ކަމަކަށް ނޫނީ ނުވާނެ..." އެ ސިޓީގައިވެ އެވެ.
އެހެންވެ، އިންތިހާބަށް ހުޅުވާލަން ކުރި އިއުލާނާއި އެ އިއުލާނާ އެކު އާއްމުކޮށްފައިވާ ޓައިމްލައިނަކީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ކޮންމެވެސް ބަޔަކު ނިންމާފައިވާ ނިންމުންތަކެއް ކަމަށް އެ ސިޓީގައިވެ އެވެ. އަދި އެ ނިންމުންތަކަކީ ބާތިލު ނިންމުންތަކެއް ކަމަށް އިއުލާނުކޮށްދޭން އެ ސިޓީގައި އޭނާ އަންގަވާފައިވެ އެވެ.
އެފަހަރު އެކަމަށް އެއްޗެއް ވިދާޅު ނުވި ނަމަވެސް އިންތިހާބު ފަސްކުރަން ޣަފޫރު ހުށަހެޅުއްވުމުން މެންބަރު މީކާއީލް މިފަހަރު އެކަމާ ދެކޮޅު ހެއްދެވި އެވެ. އޭނާ ވިދާޅުވީ އެއީ އޭނާ ވެސް އަދި ޕާޓީގެ އެއްވެސް މެންބަރަކު ވެސް ބަލައިގަންނާނެކަމެއް ނޫން ކަމަށެވެ.