އެމްޑީޕީގެ ޗެއާޕާސަން ހޮވާ އިންތިހާބާއި އެ ޕާޓީގެ ގައުމީ މަޖިލީހުގެ އިންތިހާބު ބާއްވަން ފައިސާއެއް ނެތް ކަމަށާއި އަދި މިވަގުތު އެ ދެ އިންތިހާބު ބާއްވައިފި ނަމަ ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލިދާނެ ކަމަށް ބުނެ ރިޔާސީ ޕްރައިމަރީގެ ފަހަށް، އެ ދެ އިންތިހާބު ތާވަލުކުރަން ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ހުށަހަޅުއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ޣަފޫރު، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެތެރޭގެ ދެ އިންތިހާބު މިވަގުތު ބާއްވައިފި ނަމަ ޕާޓީގެ އެތެރޭގެ މަަސްލަހަތު ގެއްލި، ސަރުކާރު ޖަވާބުދާރީކުރުމުގެ މަސައްކަތަށް އެކަމުގެ ސަބަބުން ހުރަސްތަކެއް ކުރިމަތިވާނެ ކަމަށެވެ.
އިންތިހާބު ފަސްކުރަން ހުށަހަޅުއްވާ ދެވަަަނަ ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އިިންތިހާބު ބާއްވާނެ ފައިސާ ނެތުމެވެ. އޭނާ ވިދާޅުވި ގޮތުގައި މި އަހަރު ސަރުކާރުން ލިބެންޖެހޭ ފައިސާ އެމްޑީޕީއަށް އަދިވެސް ނުލިބެ އެވެ.
"ވީމާ އަޅުގަނޑު މި ހުށަހަޅަނީ ޕާޓީގެ ހިންގުމަށްޓަކައި އިސްފަރާތްތައް ވާހަކަދައްކައި އިންޓަރީމް އެރޭންޖްމަންޓެއް (އަޅުގަނޑު ނުހިމަނާ) ދިއުމަށެވެ. އަދި އެކަން ގައުމީ މަޖްލިސް އަށް ހުށަހަޅާ ފާސްކުރުމަށް،" ޣަފޫރު ވިދާޅުވި ކަމަށް، މައުލޫމާތު އެނގޭ ބޭފުޅަކު ބުންޏެވެ.
އިންތިހާބު ފަސްކުރަން ހުށަހެޅުއްވި އިރު ޗެއާޕާސަން ކަމުގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ގެންދަވަނީ ވާދަވެރިކަމާ އެކު ކެމްޕެއިން ކުރައްވަމުންނެވެ. އެމްޑީޕީ ތެރޭ އުފެދިފައިވާ ދެ ފެކްޝަންގެ މި ދެ ކެންޑިޑޭޓުންގެ މެދުގައި ދަނީ ބަހުގެ އެކި ހަމަލާތައް ބަދަލުކުރަމުންނެވެ.
ޣަފޫރުގެ ހުށަހެޅުއްވުމާ އެއްގޮތަށް، އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ފަސްކޮށްފި ނަމަ، އެއީ އެ އިންތިހާބު ފަސްކުރާ ދެވަނަ ފަހަރަށް ވާނެ އެވެ. އެ އިންތިހާބު ފަސްކުރަން މިދިޔަ ޑިސެމްބަރު މަހު އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކުރީ ލޯކަލް ކައުންސިލް އިންތިހާބަށް ވުރެ ފަހުން ބޭއްވުމުގެ ބޭނުމުގަ އެވެ.
ޑިސެމްބަރު ނުވަ ވަނަ ދުވަހުގެ ރޭ ބޭއްވި ގައުމީ މަޖިލިހުގެ ޖަލްސާގައި އެ ގޮތަށް ފާސްކުރީ ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހުށަހެޅުއްވި ހުށަހެޅުއްވުން އެ ޖަލްސާ އަށް ހާޒިރުވި 69 މެމްބަރުންގެ ތެރެއިން 58 ވޯޓާ އެކު ފާސްކުރުމުންނެވެ.
ސަލީމްގެ ހުށަހެޅުއްވުމުގައި އޮތީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓުލާ ތާރީހުން ފެށިގެން ލަސްވެގެން ހަތް ދުވަހުގެ ތެރޭގައި ޗެއާޕާސަންގެ އިންތިހާބަށް އެމްޑީޕީން ފުރުސަތު ހުޅުވާލަން ވާނެ ކަމަށާއި އިންތިހާބު ބާއްވާނެ ގޮތުގެ ތާވަލެއް އެ ޕާޓީގެ ގަވާއިދާއި އުސޫލުތަކުގެ ތެރެއިން އެކުލަވާލަން ވާނެ ކަމަށެވެ.
ޗެއާޕާސަން އިންތިހާބު މިފަހަރު އިއުލާންކުރީ އޭރު ނިންމި ނިންމުމާ އެއްގޮތަށެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ފަސްކުރަން އެދިވަޑައިގެން އެޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސް އަހުމަދު އަބްދުﷲ އަފީފު ވެސް ވަނީ ވަގުތީ ޗެއާޕާސަން އަށް ސިޓީއެއް ފޮނުއްވައިފަ އެވެ.
ސިޓީގައި އޭނާ ވިދާޅުވީ ޕާޓީގެ ޗެއާޕާސަން ހޮވަން ބާއްވާ އިންތިހާބުގެ ކަންތައްތައް ރާވައި ހިންގުން އަސާސީ ގަވާއިދުގެ 46 ވަނަ މާއްދާއިން ހަވާލުކޮށްފައިވަނީ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސްއާ ކަމަށެވެ. އެހެންވެ، އޭނާއަށް އެންގުމެއް ނެތި އިންތިހާބާ ގުޅޭ ކަންކަން ނުނިންމޭނެ ކަމަށް އެ ސިޓީގައިވެ އެވެ.
"އެހެންކަމުން އަޅުގަނޑަށް ނާންގައި ޗެއާޕާސަންގެ އިންތިހާބާ ގުޅޭ އެއްވެސް ނިންމުމެއް، ޕާޓީގެ އެއްވެސް ގުނަވަނަކުން ނިންމުމަކީ އަސާސީ ގަވައިދާ ހިލާފު ކަމަކަށް ނޫނީ ނުވާނެ..." އެ ސިޓީގައިވެ އެވެ.
އެހެންވެ، އިންތިހާބަށް ހުޅުވާލަން ކުރި އިއުލާނާއި އެ އިއުލާނާ އެކު އާއްމުކޮށްފައިވާ ޓައިމްލައިނަކީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ކޮންމެވެސް ބަޔަކު ނިންމާފައިވާ ނިންމުންތަކެއް ކަމަށް އެ ސިޓީގައިވެ އެވެ. އަދި އެ ނިންމުންތަކަކީ ބާތިލު ނިންމުންތަކެއް ކަމަށް އިއުލާނުކޮށްދޭން އެ ސިޓީގައި އޭނާ އަންގަވާފައިވެ އެވެ.