ފުލުހުންގެ ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި އިއްޔެ ހައްޔަރުކުރި ތިން ފިލްމީ ތަރިންގެ ކޮޓަރިން މަސްތުވާތަކެތި ފެނުނީ ހާމައަށް ހުއްޓާ ކަމަށް ފުލުހުން މިއަދު ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.
ވިލިމާލޭގައި އިއްޔެ ހިންގި އެންޓި ނާކޮޓިކްސް އޮޕަރޭޝަނެއްގައި އެއް ކޮޓަރިއެއްގެ ތެރެއިން ހައްޔަރުކުރީ ފިލްމީ ތަރި އަހުމަދު އަޒްމީލާއި އިސްމާއިލް ޖުމައިހު އަދި މުހައްމަދު ވިޝާލް (ރޯމަން) އެވެ. އޭގެ އިތުރުން އަޒްމީލުގެ ކޮއްކޮއެއް ކަމަށްވާ ޝާހިލު މުހައްމަދު ވެސް ހައްޔަރުކުރި އެވެ.
އެ ހަތަރު މީހުންގެ މައްޗަށް ވެސް ފުލުހުން ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރާ ކަމުގެ ތުހުމަތެވެ. އެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހުން މިއަދު ކޯޓަށް ގެންދިޔުމުން އެ އެންމެން ވެސް 15 ދުވަހަށް ބަންދުކުރަން ނިންމި އެވެ.
ބަންދު އަމުރުގައި ބުނެފައިވާ ގޮތުން އެމީހުން ތިބި ކޮޓަރި ހުޅުވާފައިވަނީ ފުލުހުން ބާރުގެ ބޭނުންކޮށްގެންނެވެ. އެ ކޮޓަރިއަށް ފުލުހުން ވަތްއިރު މޭޒެއްގެ މަތީގައި މަސްތުވާތަކެތި ހާމައަށް ހުރި ކަމަށް ސީނަށް ދިޔަ ފުލުހުންނާ ހަވާލާދީ ބުނެފައިވެ އެވެ.
އެ ކޮޓަރިން ފެނުނު ޖުމްލަ މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި ޓްރެފިކިން މިންގަޑަށް އަރާވަރަށް މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބަންދު މަޖިލީހުގައި ފާހަަގަކޮށްފަ އެވެ.
މީގެތެރެއިން ޖުމައިހު ފިޔަވައި، އަނެއް ތިން މީހުން މީގެކުރިން ވެސް ހައްޔަރުކޮށް ބަންދުކުރި ކަމުގެ ރެކޯޑް އެބަ އޮތެވެ.
މަޝްހޫރު ތިން ފިލްމީ ތަރިންނަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތު ކުރާއިރު، މިހާރު އަމަލުކުރަމުންދާ މަސްތުވާތަކެތީގެ ގާނޫނުގެ އާ އިސްލާހުގެ ދަށުން ކުށް ސާބިތުވެއްޖެ ނަމަ، އެމީހުންގެ މައްޗަށް ބޮޑު ހުކުމެއް އަންނާނެ އެވެ.
މިހާރު ގާނޫނު އޮތް ގޮތުން މަސްތުވާތަކެތި ޓްރެފިކް ކުރާ މީހުންގެ މައްޗަށް އޮތީ މަރުވަންދެން ޖަލުގައި އޮންނަން ޖެހޭ އުމުރު ދުވަހުގެ ޖަލު ހުކުމެވެ. ކުރިން އުމުރު ދުވަހުގެ ޖަލު ހުކުމަކީ 25 އަހަރު ކަމަށް ބަޔާންކޮށްފައި އޮތް އޮތުން ވަނީ އުވާލައިފަ އެވެ.
އަދި މި ބާވަތުގެ ކުށްތައް ސާބިތުވާ މީހުންނަށް މާފުދިނުމާއި ޕެރޯލްގެ ދަށުން ދޫކޮށްލުން ވަނީ ގާނޫނުން މަނާކޮށްފަ އެވެ.