ބަސް ސްޓޮޕެއްގައި ހަރުކޮށްފައި ހުރި ޓީވީއެއް ވަގަށް ނަގައިގެން ދިޔަ މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.
ފުލުހުން އާއްމުކުރި ވީޑިއޯއެއްގައި ފުރަތަމަ ފެންނަނީ ދަރުބާރުގެ ކައިރީގައި ހުންނަ ބަސް ސްޓޮޕް ބޭރުގައި މީހަކު ފޯނުން ވާހަކަ ދައްކަން ހުންނަ ތަނެވެ.
އޭގެ އިރުކޮޅެއް ފަހުން އެ މީހާ ބަސް ސްޓޮޕް ތެރެއަށް ވަދެ އެވެ. ދެން ފެންނަނީ އެ ތަނުގައި ހަރުކޮށްފައި ހުރި ދެ ޓީވީގެ ތެރެއިން އެއް ޓީވީ ނައްޓާލައިގެން ގެންދާ ތަނެވެ. އޭރު އެ ބަސްޓޮޕްގައި މީހުން ތިބި ތަން ވެސް ވީޑިއޯ އިން ފެނެ އެވެ.
އޭނާ ލައިގެން ހުންނަނީ ހުދު ގަމީހަކާއި ކަޅު ފަޓުލޫނެކެވެ.
ފުލުހުން ބުނީ އެ ވީޑިއޯ އިން ފެންނަ މީހާއަކީ ހޭންވޭރު ޕޮލިހުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ އެއީ ކާކުކަން ދެނެގަނެވިފައި ނުވާ މީހެއް ކަމަށެވެ.
އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަމްބަރު 9400053 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.