ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ސްކޭމް މައްސަލަތަކުގެ އަދަދު 3،000 އަށް އަރާފައިވާ ކަަމަށާއި އެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ އަދަދު 35 މިލިއަން ރުފިޔާއަށް އަރާއިރު އޭގެ ތެރެއިން ހޯދުނީ އެންމެ 13 މިލިއަން ރުފިޔާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މިއީ މިދިޔަ އަހަރުގެ މާޗު 17 ވަނަ ދުވަހު އެންޓި ސްކޭމް ސެންޓަރު އުފެދުނު ފަހުން އެ ސެންޓަރަށް ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ އަދަދެވެ.
ފުލުހުން ބުނީ ސްކޭމް މައްސަލަތަކުގައި އާންމުންގެ އަތުން ގެއްލުނު ފައިސާގެ އަދަދު 35.1 މިލިއަން ރުފިޔާއަށް ވުރެ ގިނަ ކަމަށެވެ. އޭގެ ތެރެއިން ފުލުހުންނަށް އަނބުރާ ހޯދުނީ 13.3 މިލިއަން ރުފިޔާ ކަމަށް ވަނީ ބުނެފަ އެވެ. އަދި ރިޕޯޓުކުރި މައްސަލަތަކުގެ ތެރެއިން 1,196 މައްސަލައެެއްގެ ހުރިހާ ފައިސާއެއް ހޯދުނު ކަމަށް ވެސް ފުލުހުން ބުންޏެެވެ.
ފުލުހުން ބުނި ގޮތުގައި 279 މައްސަލައެއްގައި ވަނީ ގެއްލުނު ފައިސާއިން އެއް ބައި ހޯދިފަ އެވެ.
ފުލުހުން ބުނީ ފައިސާ ގެއްލުމަށް ފަހު އަނބުރާ ހޯދުމަކީ ބުރަ މަސައްކަތެއް ކަމަށާއި ބައެއް ހާލަތްތަކުގައި އެ ފައިސާ އެއްކޮށް ގެއްލިގެން ދިއުމުގެ ފުރުސަތު އޮތްކަން އެ ތަފާސްހިސާބުތަކުން ހާމަވާ ކަމަށެވެ.
ފުލުހުން ބުނީ 3،000 އާއިލާއަކާއި ކުދި ވިޔަފާރިތަކުގެ އިތުރުން އާންމު ފަރުދުން ރެއާދުވާލު ކުރާ ބުރަ މަސައްކަތުން އެއްކުރާ ފައިސާ، މަކަރާއި ހީލަތުގެ މައްސަލަތަކުގައި ޖެހި ބޭކާރުވެގެން ދިއުމަކީ ހިތާމަވެރިކަމެއް ކަމަށެވެ. އެފަދަ އޮޅުވާލުންތަކުގެ ޝިކާރައަކަށް ނުވުމަށާއި މިހާރަށް ވުރެ ބޮޑަށް ހޭލުންތެރިވުމަށް ފުލުހުން އިލްތިމާސްކުރެ އެވެ.
ފުލުހުން ބުނީ މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އެންމެ ގިނައިން ބޭނުންކޮށްފައި ވަނީ އޮންލައިންކޮށް ވިޔަފާރިކުރުމުގެ ނަމުގައި ހިންގާ އީކޮމާސް ސްކޭމްތައް ކަަމަށެވެ. އެފަދަ 1،478 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގި 540 ސްކޭމްގެ މައްސަލައަކާއި އޮޅުވާލައިގެން އެހެން މީހުންނަށްވެގެން ހިންގި 439 މައްސަލައެއް ވެސް ރިޕޯޓުކޮށްފައިވެ އެވެ.
ފުލުހުން ބުނި ގޮތުގައި އެފަދަ އޮޅުވާލުންތައް އާންމުކޮށް ހިންގާފައި ވަނީ ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެންނެވެ. ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ހިންގި 1،093 ސްްކޭމަކާއި ވައިބާ މެދުވެރިކޮށް 911 މައްސަލައިގެ އިތުރުން ފޯނު ކޯލްތަކާއި އައިބޭ އާއި ޓެލެގްރާމް އަދި ވަޓްސްއަޕާއި އިންސްޓަގްރާމްގެ އިތުރުން ޓިކްޓޮކް މެދުވެރިކޮށް ވެސް ސްކޭމް ހިންގާފައިވެ އެވެ.
އެހެންވެ، ފުލުހުން ވަނީ އޮންލައިންކޮށް ފެންނަ ކޮންމެ އިޝްތިހާރަކީ ނުވަތަ ލިބޭ މެސެޖާއި ކޯލަކީ ތެދު މައުލޫމާތުތޯ ކަށަވަރުކުރުމަށް އިލްތިމާސްކޮށްފަ އެވެ. އަވަސް އަރުވާލައިގެން ފައިސާ ފޮނުވަން ކުރާ ޑިމާންޑްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށް، ފުލުހުން ވަނީ އޯޓީޕީ، ޕާސްވޯޑް، ނުވަތަ ބޭންކިން މައުލޫމާތު އެއްވެސް މީހަކަށް ހިއްސާނުކުރުމަށް އެދިފަ އެވެ. އަދި ޝައްކު އުފެދޭ ކަމެއް ކުރިމަތިވެއްޖެ ނަމަ، ކަމާބެހޭ އިދާރާއަކަށް ލަސްނުކޮށް ހިއްސާކުރުމަށް ވެސް އިލްތިމާސްކުރި އެވެ.