ކޮމްޕިއުޓަރުން ގޭމް ކުޅޭ މީހުން ބައެއް ގޭމްތައް ކުޅެން ފެށުމުގެ ކުރިން ވަކި ގޮތަކަށް މައުސް އަށް ބަދަލުތައް ގެންނަން ވަގުތު ހޭދަކުރެ އެވެ. މިކަމަށް ކޮންމެވެސް ސޮފްޓްވެއާއެއް ހަމަ މަގަށް އަޅުވަން ޖެހެ އެވެ. ގޭމް ކުޅެން ހާއްސަ މައުސް އުފައްދާ ކުންފުނި ކޫގާގެއެންމެ ފަހުގެ އުފެއްދުން ހާއްސަކުރަނީ މި ސަކަރާތް ޖަހަން ނުޖެހޭ ގޮތަށެވެ.

ކޫގާ ސާޕެޝަން މައުސް އުފައްދާފައި ވަނީ ގޭމްގެ މެދުތެރޭން ވިޔަސް ބޭނުންވާ ގޮތްގޮތަށް ސެންސަ ރިޒޮލިޔުޝަން ކަހަލަ ކަންކަން ބަދަލުކުރެވޭ ގޮތަށެވެ. މި ސެޓިންތައް ބަދަލުކޮށްދެނީ މައުސްގެ ދަށްފުށުގައި ހުންނަ ކުޑަކުޑަ އެލްސީޑީ ސްކްރީނަކުން ބަލައިގެންނެވެ. މި ސްކްރީނުން ބަލައިގެން އެންގްލް ސްނެޕިން އާއި ޕޯލިންގް ރޭޓާއި ލިފްޓް އޯފް ޑިސްޓަންސް ވެސް ބަދަލުކުރެވެއެވެ. މިއީ އާންމުކޮށް ކޮމްޕިޔއުޓަރު ބޭނުންކުރާއިރު ކޮންމެހެން ވިސްނަންޖެހޭ ކަންކަމަށް ނުވެދާނެއެވެ. އެކަމަކު ކުއްލި ހަރަކާތަށް ބޭނުންވާ ބަޑިޖަހާ ގޭމް ފަދަ ގޭމްތައް ކުޅޭ މީހުންނަށް މި ދައްކާ ވާހަކަ އެނގޭނެ އެވެ.

އެންގްލް ސްނެޕިން އަކީ އާންމުކޮށް ކޮމްޕިއުޓަރު ބޭނުންކުރުމުގައި މައުސްގެ އެހީގައި އަޅާ ރޮނގުތަކާއި ކުރާ އަމާޒުތަކެވެ. ޓައިޕްކުރުމާއި އިންޓަނެޓަށް ވަންނައިރު މީގެ ބޭނުން ނެތިދާނެއެވެ. އެކަމަކު އަމާޒަށް ބަޑި ޖަހާ ނަމަ އެންގްލް ސެނެޕިން ހުރުން ރަނގަޅީ ނިވާލާފައެވެ. ކޫގާ ސާޕެޝަން މައުސްގެ ދަށްފުށުގައި ހުންނަ އެލްސީޑީ ސްކްރީނުން މިކަން ކުރެވެއެވެ.

ޕޯލިންގް ރޭޓަކީ މައުސް ހަރަކާތްކުރާ މިންވަރެވެ. އާންމުކޮށް ޓައިޕްކުރާއިރު ސިކުންތަކު މާ ގިނަ ފަހަރަށް މައުސްއަށް ފިތާކަށް ނުޖެހެއެވެ. އެކަމަކު ކުޅޭ ގޭމެއްގެ ގޮތުން ގިނަގިނައިން މައުސްއަށް ފިތަންޖެހިދާނެއެވެ. ޕޯލިން ރޭޓް މަތި ނަމަ ކްލިކްކުރުން އަވަސްވާނެއެވެ.

ލިފްޓް އޯފް ޑިސްޓަންސްއަކީ މައުސް ހިއްލައިލާ މިންވަރެވެ. ގޭމް ކުޅޭ ބައެއް މީހުން މައުސް ޕެޑް މަތިން ހިއްލާލައިގެން ކުޅޭތަން ފެނެއެވެ. މިގޮތަށް މައުސް ހިއްލައިލަން ބޭނުންވާ މިންގަނޑަށް ދެ ބަދަލެއް ގެނެވެއެވެ. އެއީ މަތި ނުވަތަ ދަށް މިންގަނޑެެވެ. ކޫގާ ސާޕެޝަން މައުސް ފަރުމާކޮށްފައި ވަނީ މި ދެ މިންގަނޑުން ކުރެ މިންގަނޑަކަށް ބަދަލުކުރެވޭ ގޮތަށެވެ.

މިކަން ކަމުގެ އިތުރަށް މީގެ މައުސް އުފައްދާފައި ވަނީ ބަރާބަރަށް އަމާޒު ހިފާ އޮޕްޓިކަލް ސެންސަރަކާއެކުއެވެ. އަދި މި މައުސްގެ ދަށްފުށުން އެކި ކުލަކުލައިން ދިއްލޭ ގޮތަށް ހުންނަ ހުރުމަކީ ވެސް ކޫގާ ސާޕެޝަން މައުސްގެ ހާއްސަ ސިފަތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.