މީގެ 12 އަހަރު ކުރިން ހޯދި ކުޑަ ޕްލެނެޓަކަށް ކިޔާނެ ނަމެއް ހޮވަން އާންމުންގެ އެހީ ހޯދަން ސައިންސްވެރިން ނިންމައި ވޯޓަކަށް ހުޅުވާލައިފި އެވެ.
ނެޕްޓޫންއާ މާ ދުރު ނޫން ހިސާބަކުން 2007 ގައި ފެނުނު ކުޑަވަރެއްގެ ފްލެޓަށް މިހާރު ނުރަސްމީކޮށް ބޭނުންކުރާ ނަމަކީ (225088) 2007 އޯއާރް10 އެވެ.
މި ޕްލެޓަށް ދޭނެ ނަމެއް ހޮވަން ފުރުސަތު ހުޅުވައިލި އިރު ތިން ނަމެއް އިހުތިޔާރުގެ ތެރޭގައި ހިމެނެ އެވެ. އެއީ ގޮންގްގޮންގް، ހޯލް އަދި ވިލީ އެވެ. އަދި މީގެ ތެރެއިން އެންމެ ގިނަ ވޯޓް ލިބޭ ނަމެއް ޕްލެނެޓަށް ރަސްމީކޮށް ދޭނީ އިންޓަނޭޝަނަލް އެސްޓްރޮނިމިކަލް ޔުނިއަން (އައިއޭޔޫ) އިންނެވެ.
ސައިންޓިސްޓުން ބުނި ގޮތުގައި ޕްލެނެޓަށް ކިޔާނެ ތިން ނަމެއް ކަނޑައެޅީ ރަތް ކުލަ އަށް ނިސްބަތްކޮށްފަ އެވެ. އަދި ނަންތަކަށް ވޯޓް ދިނުމުގެ ފުރުސަތު އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ވަނީ އޮންލައިންކޮށް ހުޅުވާލައިފަ އެވެ.
އައިއޭޔޫ އިން ބުނި ގޮތުގައި ތިން ނަމުގެ ތެރެއިން އެ މީހަކަށް އެންމެ ގަޔާވާ ނަމަކަށް އެއް ފަހަރަށް ވުރެ ގިނައިން ވޯޓް ދެވޭނެ އެވެ. މި ވެބްސައިޓަށް ވަދެލައިގެން ވޯޓް https://2007or10.name/index.html#vote ލެވޭނެ އެވެ.
ނަމެއް ކަނޑައަޅަން އާންމުންނަށް ފުރުސަތު ހުޅުވައިލި ޕްލެނެޓަކީ ތިން ސައިންޓިސްޓުންތަކެއްގެ މަސައްކަތުން ހޯދާފައިވާ ޕްލެނެޓެކެވެ. އެ ތިން މީހުންނަކީ ހަވާއީގެ ޖެމިނީ އޮބްޒަވޭޓްރީ އަށް ނިސްބަތްވާ މެގް ޝުވެމްބް، ކެލިފޯނިއާގެ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީމައިކް ބްރައުން އަދި ކަނެކްޓިކަޓްގެ ޔޭލް ޔުނިވަސިޓީގެ ޑޭވިޑް ރޮބިންނޯވިޒެވެ.