މެލޭޝިޔާގެ ހައިވޭއަކަށް ޕްރައިވެޓް ޖެޓެއް ވެއްޓި 10 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.

އެ ޖެޓު ވެއްޓުނީ އެ ވަގުތު ހައިވޭއިން ދަތުރުކުރަމުންދިޔަ ކާރަކާއި ސައިކަލެއްގެ މައްޗަށް ކަމަށް ފުލުހުން ބުންޏެވެ. އެ ހާދިސާގައި ޖެޓުގައި ތިބި އަށް މީހުންނާއި ސައިކަލާއި ކާރުގައި ތިބި ދެ މީހުން ވަނީ މަރުވެފަ އެވެ.

އެ ޖެޓު ދަތުރުކުރަމުންދިޔައީ ރިސޯޓު ރަށެއް ކަމަށްވާ ލަންގަކަވީ އިން ފުރައިގެން ވެރިރަށް ކުއަލަ ލަމްޕޫރުގެ ހުޅަނގުން އޮންނަ ސެލަންގޯރަށެވެ.

ބީޗްކްރާފްޓް 390 މަރުކާގެ އެ ޖެޓު ވެއްޓުމުގެ ކުރިން އެއާޓްރެފިކް ކޮންޓްރޯލް ޓަވަރާ ކޮންޓެކްޓު ގެއްލުނު ކަމަށް އޮފިޝަލުން ބުންޏެވެ.

މެލޭޝިޔާގެ ހައިވޭއަކަށް ވެއްޓުނު ޕްރައިވެޓް ޖެޓުގެ ބައިތައް ސާފުކުރުމުގެ މަސައްކަތް ކުރަނީ: އެ ހާދިސާގައި 10 މީހުން ވަނީ މަރުވެފައި. --ފޮޓޯ: އޭއެފްޕީ
މެލޭޝިޔާގެ ހައިވޭއަކަށް ވެއްޓުނު ޕްރައިވެޓް ޖެޓުގެ ބައިތައް ސާފުކުރުމުގެ މަސައްކަތް ކުރަނީ: އެ ހާދިސާގައި 10 މީހުން ވަނީ މަރުވެފައި. --ފޮޓޯ: އޭއެފްޕީ

މެލޭޝިޔާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ އެ ޖެޓު ނައްޓާލުމުގެ ހުއްދަ ދިން ކަމަށާއި ޖެޓުގައި ތިބީ ތަޖުރިބާކާރު ދެ ޕައިލަޓުން ކަމަށެވެ.

އެ ޖެޓު ވެއްޓެން މެދުވެރިވި ސަބަބު އަދި އެނގިފައިނުވާއިރު، އެ ބޯޓުގެ ބްލެކް ބޮކްސް އާއި ފްލައިޓް ޑޭޓާ ރެކޯޑަރު ހޯދުމުގެ މަސައްކަތް އޮފިޝަލުން ދަނީ ކުރަމުންނެވެ.