އިޓަލީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމަށް، މަޝްހޫރު ޕެޕް ގާޑިއޯލާ ގެންނަން، އެ ގައުމުގެ ފުޓްބޯޅަ އިދާރާ (އެފްއައިޖީސީ) ގެ ވެރިން އޭނާއާއެކު މަޝްވަރާ ކޮށްފި އެވެ. 

މެންޗެސްޓާ ސިޓީގައި ކާމިޔާބު 10 އަހަރު ހޭދަކުރުމަށް ފަހު، މިދިޔަ ސީޒަން ނިމުމުން ގާޑިއޯލާ ވަނީ އެ ޓީމު ދޫކޮށްލާފަ އެވެ. މިހާރު އޭނާ ހުރީ ފުޓްބޯޅައިގެ އެއްވެސް މަގާމެއްގައެއް ނޫނެވެ.

އޭނާގެ ބަދަލުގައި ސިޓީން ކޯޗަކަށް ހަމަޖެއްސީ، ޗެލްސީގެ ކުރީގެ ކޯޗު އިޓަލީގެ އެންޒޯ މަރެސްކާ އެވެ.

ސިޓީ ދޫކޮށްލުމަށް ފަހު، ގާޑިއޯލާ ވަނީ އޭނާގެ އުފަން ސްޕެއިންގެ ބާސެލޯނާ އަށް ވެސް އަލުން ދިރިއުޅުން ބަދަލުކޮށްފަ އެވެ.

ސްކައި އިޓާލިއާއިން ބުނިގޮތުގައި، އިޓަލީ އެފްއޭގެ އާ ޓެކްނިކަލް ޑައިރެކްޓަރު ޕައޮލޯ މަލްޑީނީ އާއި އޭނާގެ އެޑްވައިޒަރު ލިއޮނާޑޯ ވަނީ، ބާސެލޯނާ އަށް ދަތުރުކޮށް ގާޑިއޯލާއާ އެކު މަޝްވަރާކޮށްފަ އެވެ. ތިންދުވަސް މަތިން މަލްޑީނީ އާއި ލިއޮނާޑޯ، ގާޑިއޯލާއާ އެކު ވާހަކަތައް ކުރިއަށް ގެންދިޔަކަމަށް ވެސް އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އެކަމަކު ގާޑިއޯލާ ބޭނުން ވަނީ، އެއްވެސް އިތުރު ޕްރޮޖެކްޓަކާ ހަވާލުވުމުގެ ކުރިން މަދުވެގެން އެއް އަހަރު ދުވަހުގެ ބްރޭކެއް ނެގުމަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސިޓީގެ ކޯޗުގެ ގޮތުގައި ހުރެ، ފަހު ޕްރެސް ކޮންފަރެންސްގައި މެއި މަހު ގާޑިއޯލާ ބުނެފައި ވަނީ ކޯޗެއްގެ މަސައްކަތާ މުއްދަތަކަށް ދުރުގައި ހުންނަން އޭނާ ބޭނުންވާ ކަމަށެވެ. އަދި އޭނާގެ އާއިލާ އާއި ދަރިންނަށް ވަގުތު ދޭން ބޭނުންވާ ކަމަށް ސްޕެއިންގެ ކޯޗު ބުނެފައިވެ އެވެ.

"އަހަރެންގެ ބައްޕަ ވެސް އަދި ދުނިޔޭގައި އެބަހުރި. އަހަރެން ބޭނުން އޭނާއާ އެކު ވަގުތު ހޭދަކުރަން އަދި އަހަރެންގެ ކުދިންނާ އެކު ވަގުތު ހޭދަކޮށަލަން،" ކޯޗިން މަސައްކަތާ މުއްދަތަކަށް ދުރުވެލާނެކަން އިއުލާން ކުރަމުން މެއި މަހު ގާޑިއޯލާ ބުނެފައިވެ އެވެ.

މީގެ ކުރިން ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުގައި ގާޑިއޯލާ ބުނެފައި ވަނީ އެފްސީ ބާސެލޯނާ އާއި ބެޔާން މިޔުނިކް އަދި ސިޓީގައި މަސައްކަތް ކުރި ގޮތަށް، އެހެން ކްލަބެއްގައި މަސައްކަތް ކުރުމުގެ ވިސްނުން އޭނާގެ ނެތް ކަމަށެވެ. އޭގެ ބަދަލުގައި ގައުމީ ޓީމެއްގެ ކޯޗުކަމާ ހަވާލުވާން ޝައުގުވެރިވާ ކަމަށް އޭނާ ބުނެފައިވެ އެވެ.

ސިޓީގައި އެނާ ހޭދަކުރި 10 އަހަރު ނިންމާލީ 20 ތައްޓާ އެކު އެވެ. އަދި 70.8 ޕަސަންޓް މޮޅުވުމުގެ ޓްރެކެއްގަ އެވެ.

ޔޫރޯ 2024 ގެ ފައިނަލުގައި ކުރިމަތިވި ނާކާމިޔާބަށް ފަހު އިނގިރޭސި ގައުމީ ޓީމުގެ އޭރުގެ ކޯޗު ގެރެތު ސައުތުގޭޓް މަގާމު ދޫކޮށްލުމުން އިނގިރޭސި އެފްއޭއިން ގާޑިއޯލާއާ ވާހަކަ ދެއްކި ކަމަށް އަޑުފެތުރުނެވެ. އަދި އޭނާ ވެސް އެ ގައުމުގެ އެފްއޭއާ އެކު އަނގަބަހުން އެއްބަސްވިކަމަށް ވެސް ވާހަކަ ދެކެވުނެވެ.

ނަމަވެސް އިނގިރޭސި އެފްއޭއިން ކޯޗަކަށް ހަމަޖެއްސީ ޗެލްސީ އާއި ބެޔާން އަދި ޖަރުމަނުގެ ގައުމީ ޓީމުގައި ވެސް ކުރިން މަސައްކަތް ކުރި ތޯމަސް ޓޫހުލް އެވެ. އޭނާގެ ކޯޗުކަމުގެ ދަށުން ނިމިދިޔަ ވޯލްޑް ކަޕްގައި އިނގްލެންޑުން ވަނީ ތިންވަނަ ހޯދާފަ އެވެ. އެއީ ގައުމުން ބޭރުގައި އިނގިރޭސި ފުޓްބޯޅަ ޓީމުން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބެވެ.

އިނގިރޭސި ގައުމީ ޓީމާ ގުޅުވައި ގާޑިއޯލާއާ ބެހޭގޮތުން މިހާރު ވެސް ވާހަކަ ދައްކަ އެވެ. އެކަމަކު އިނގިރޭސި އެފްއޭއާ އެކު ޓޫހުލް ހަދާފައިވާ އެއްބަސްވުން ފެބްރުއަރީ މަހު އާކޮށް، ޔޫރޯ 2028 ގެ ނިޔަލަށް އޭނާ ޓީމުގައި ބަހައްޓަން ވަނީ އެއްބަސްވެފަ އެވެ.

ގާޑިއޯލާއާ އެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކާ ބެހޭގޮތުން އެފްޖީއައިސީން، އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ވިދިވިދިގެން ތިން ވޯލްޑް ކަޕަށް ކޮލިފައިނުވުމުގެ ނާކާމިޔާބާ ކުރިމަތިވި އިޓަލީގެ ގައުމީ ޓީމު އަލުން ބިނާކުރުމަށް، މަލްޑީނީގެ ބެލުމުގެ ދަށުން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާކަމަށް ރިޕޯޓްތައް ބުނެ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގެ ފަހު މަރުހަލާގައި އެ ޓީމަށް ކޯޗުކޮށް ދިނީ ކުރީގެ މިޑްފީލްޑަރު ޖެނާރޯ ގަޓޫސޯ އެވެ. ޓީމު ކޮލިފައި ކޮށްދިނުމުގައި އޭނާ އަށް ވެސް ކާމިޔާބު ހޯދައި ނުދެވުމުން މަގާމު ދޫކޮށްލީ އެވެ. 

އެ ޓީމުގެ ކޯޗުކަން ހަވާލުކުރާނެ ކަމަށް ބެލެވޭ ކޯޗުންގެ ލިސްޓްގައި ދެން ހިމެނޭ އެއް ނަމަކީ 2021 ގައި ބޭއްވި، ޔޫރޯ 2020 އެ ޓީމަށް ކާމިޔާބުކޮށްދިން ރޮބާޓޯ މަންޗިނީ އެވެ. އެކަމަކު އޭނާ އަށް ވެސް މީގެ ކުރިން 2022 ގެ ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިކޮށް ނުދެވުނެވެ. 

އިޓަލީގެ ގައުމީ ކޯޗުކަމަށް ވާނެކަމަށް ބެލެވޭ ކޯޗުންގެ ލިސްޓަގައި ދެން އޮތް ނަމަކީ ޔުވެންޓަސްގެ ކުރީގެ ކޯޗު އަންޑެރެއާ ޕިރްލޯ އެވެ.