ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ ޕީއެންއެފުން މާލޭގައި ކޮންމެ ރެއަކު ބާއްވަމުން އަންނަ މުޒާހަރާތައް ލައިވް ނުކުރަން މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން ޗެނަލް 13 އަށް އަންގައިފި އެވެ. 

އާޓިފިޝަލް ބީޗު ސަރަހައްދުގައި ކޮންމެ ރެއަކު ބާއްވާ އެ މުޒާހަރާތައް ލައިވް ކުރުން ވަގުތީ ގޮތުން ހުއްޓާލަން އަންގައި، މީޑިއާ ކޮމިޝަންގެ ސެކެރެޓަރީ ޖެނެރަލް ހަމްދީ އަގީލް ސޮއިކުރައްވާފައިވާ ސިޓީއެއް ލިބިފައިވާ ކަމަށް ޗެނަލް 13 އިން ބުންޏެވެ. 

އެ ސިޓީގެ ކޮޕީއެއް "މިހާރު"އަށް ވެސް ވަނީ ލިބިފަ އެވެ. 

މީޑިއާ ކޮމިޝަނުން ފޮނުވި އެ ސިޓީގައި ބުނެފައި ވަނީ ޗެނަލް 13 އިން ޕީއެންއެފްގެ މުޒާހަރާ ކޮންމެ ރެއަކު ލައިވް ބްރޮޑްކާސްޓުކުރާއިރު، އެ ހަރަކާތުގައި ދައްކަމުންދާ މަންޒަރުތަކާއި އެކިއެކި މީހުން ދައްކާ ވާހަކަތަކުގައި އާންމު އިޖުތިމާއީ މިންގަނޑާއި މީޑިއާގެ ސުލޫކީ މިންގަނޑާއި ހިލާފު ވާހަކަތަކާއި މަންޒަރުތައް ގެނެސްދެމުން ގެންދާކަން ފާހަގަކުރެވޭ ކަމަށެވެ. 

އެ މައްސަލަ މީޑިއާ ކޮމިޝަންގެ ސަމާލުކަމަށް އައުމާ އެކު، ޕީއެންއެފްގެ މުޒާހަރާ ލައިވްކުރުމުގައި އެއް މިނެޓު ލަސްކޮށް ލައިވް ބްރޮޑްކާސްޓްކުރުމަށް މި މަހުގެ 20 ވަނަ ދުވަހު ސިޓީއަކުން ޗެނަލް 13 އަށް އެންގި ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ. އޭގެ ފަހުން ވެސް ދެ ފަހަރެއްގެ މަތިން ފޯނުން ގުޅައިގެން ވެސް އެތަނުގެ ވެރިންގެ ސަމާލުކަމަށް އެކަން ގެނައި ކަމަށް އެ ސިޓީގައިވެ އެވެ. 

ނަމަވެސް، ތަކުރާރުކޮށް ކޮމިޝަންގެ އެންގުމާ ހިލާފަށް "ޑިލޭ"އަކާ ނުލައި ލައިވް ބްރޮޑްކާސްޓުކުރާތީ، ގާނޫނާއި ގަވާއިދުތަކުގައިވާ ގޮތުގެ މަތިން އެ މައްސަލައާ މެދުގައި ވަކި ގޮތެއް ނިންމަންދެން ޕީއެންއެފްގެ މުޒާހަރާ ލައިވްކުރުން މެދުކަނޑާލަން އެ ސިޓީގައި ވަނީ ޗެނަލް 13 ހިންގާ މިޑީއާ ރިންގް ޕްރައިވެޓް ލިމިޑެޓަށް އަންގައިފަ އެވެ.