ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިވުމުން ނުވަތަ ވަކިކުރުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ސައްހަ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމަކީ އެއީ ހެޔޮ ނިޔަތުގައި ގެނައި ބަދަލެއްކަން ޔަގީންވާ ކަމެއް ކަމަށް ޕީއެންސީން މިއަދު ބުނެފި އެވެ. 

ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމާ ގުޅިގެން ޕީއެންސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކޯޓުގެ ހުކުމުގައި ބަޔާންކުރި ހަގީގަތްތަކުގެ އަލީގައި، ސަރުކާރުން ހުށަހަޅައި އެ ޕާޓީގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި މި އިސްލާހަކީ ރާއްޖޭގެ ސިޔާސީ ނިޒާމު ހަރުދަނާކޮށް، ކޮރަޕްޝަނާއި ފަސާދައިން ސަލާމަތްކޮށް އަދި މަޖިލީހުގެ ނަޒާހަތްތެރިކަން އިތުރުކުރުމުގެ ހެޔޮ ނިޔަތުގައި ގެނައި ބަދަލެއްކަން ޔަގީންވާނެ ކަމަށެވެ.

މި ބަދަލުގެ ބޭނުމަކީ ގިނަ ޕާޓީ ބައިވެރިވާ ޑިމޮކްރެޓިކް ނިޒާމަށް އަމަލުކުރަން ފެށި ފަހުން ރާއްޖޭގެ ސިޔާސީ މައިދާނުން ފެންނަމުން އައި ނޭދެވޭ ކަންކަމުން އަރައިގަތުމަށް މަގުކޮށުން ކަމަށް ވެސް ޕީއެންސީގެ ބަޔާނުގައި ބުންޏެވެ. 

ޕީއެންސީން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ރާއްޖޭގެ ސިޔާސީ ނިޒާމުގައި ހުރި މިފަދަ އުނިކަންކަން އިސްލާހުކޮށް، ހަމަޖެހުމާއި ތަރައްގީއަށް މަގުފަހިވާނެ ގޮތަށް ރާއްޖޭގެ ކަންކަން ތަރުތީބު ކުރުން ކަަމަށެވެ. އަދި ހުރިހާ ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ކަށަވަރުކޮށްދިނުން ކަމަށް އެ ޕާޓީން ބުންޏެވެ. 

އެ ޕާޓީން ކުރިއަށް އޮތް ތަނުގައި ވެސް އަމަލުކުރަމުން އަންނާނީ ޑިމޮކްރަސީގެ އުސޫލުތަކާ އެއްގޮތަށް، ދިވެހިންގެ ލާބަޔަށް ކަމަށް ޔަގީންކޮށްދޭ ކަމަށް ވެސް ޕީއެންސީން ބުންޏެވެ. 

މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ސަރުކާރުގެ ފަރާތުން ޕީއެންސީން ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިނެވެ.

އެ މައްސަލާގައި އަލީ ހުސައިންގެ ފަރާތުން އެދިފައި ވަނީ ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކޮށް ދިނުމަށާއި އަދި އެ އިސްލާހު ސައްހަ ކަމަށް ކަނޑައެޅޭ ހާލަތުގައި ވެސް، މިހާރު ހިނގަމުންދާ މަޖިލީހުގެ މެމްބަރުންގެ މައްޗަށް އެ އިސްލާހުގެ އުސޫލުތައް ނުހިނގާނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި އެވެ.

ނަމަވެސް، ސުޕްރީމް ކޯޓުގެ ހަ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިއަދު ހުކުމް ކުރެއްވީ އެ އިސްލާހު ބާތިލް ކުރެވެން ނެތް ކަމަށެވެ.