އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރަން ޕީއެންސީގެ ޓިކެޓް، އެ ޕްރައިމަރީން ބަލިވި އަހުމަދު ސައީދު (ސޮޑާ) އަށް މިއަދު ދީފި އެވެ.
ޕީއެންސީގެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ޕާޓީގެ ނައިބު ރައީސް އަދި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ ހިތަދޫ އުތުރު ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި އެ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ސިނާން ޓިކެޓު ދޫކޮށްލެއްވުމުން، އެ ފުރުސަތު ސައީދަށް ދޭން ނިންމާފައިވާ ކަމަށެވެ.
ގިނަ ބައެއްގެ ސަޕޯޓާއެކު މި ފަހަރު ވެސް އެ ގޮނޑި ޕީއެންސީން ކާމިޔާބުކުރާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
އެ ޕާޓީން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޕްރައިމަރީ، ސިނާން ކާމިޔާބުކުރެއްވީ 226 ވޯޓުންނެވެ. އޭނައާ ދެން ވާދަކުރެއްވި ސައީދަށް ލިބިވަޑައިގެންނެވީ 187 ވޯޓެވެ.
އެ ޕްރެސް ކޮންފަރެންސްގައި ސައީދު ވިދާޅުވީ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންނާ ގުޅިގެން އެ ގޮނޑި ކާމިޔާބުކުރަން ވަރަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ހިތަދޫ އުތުރު އަދި އައްޑޫގެ ތަރައްގީއަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ޕާޓީއާ ގުޅިގެން ކުރާނެކަމުގެ ޔަގީންކަން ވެސް އޭނާ ވަނީ ދެއްވައިފަ އެވެ.
ސިނާން ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، ޕީއެންސީގެ ޕްރައިމަރީއަށް ފަހު، ދާއިރާގެ ގިނަ ބަޔަކާ މިދިޔަ ތިން ދުވަހު މަޝްވަރާ ކުރެއްވި ކަމަށެވެ. އެ ވާހަކަތަކުގައި މިފަހަރު ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރަން އެންމެ ފަހި ވާނީ އޭނާ ފަހަތަށް ޖެހި، އާ ބޭފުޅަކަށް ފުރުސަތު ދީގެން ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ވެސް ސިނާން ވިދާޅުވި އެވެ.
އެހެންވެ، އެ ޓިކެޓު ދޫކޮށްލައި، ސައީދަށް ތާއިދުކުރައްވަން ނިންމެވީ ކަމަށް އޭނާ ވިދާޅުވި އެވެ.
ސައީދު މި ވަގުތު ވެސް ހުންނެވީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރަކަށެވެ. އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިހާބުގައި އޭނާ ވަނީ ޕީއެންސީގެ ޓިކެޓުގައި އެ ގޮނޑިއަށް ވާދަކުރައްވައިފަ އެވެ. ނަމަވެސް، 14 ވޯޓުގެ ތަފާތަކުން އެ ދާއިރާގެ ކައުންސިލަރަކަށް ހޮވިވަޑައިގެންނެވީ އެމްޑީޕީގެ އަހުމަދު ނަޒީރެވެ. އެއީ 592 ވޯޓާއެކުގަ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމަށް ސުޕްރީމް ކޯޓުން މި މަހުގެ 12 ގައި ހުކުމްކުރީ، ސިނާން އިތުރު މީހަކާ ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން އޮކްޓޯބަރު 2024 ގައި ކުރި ހުކުމަކާ އެއްގޮތަށް ސިނާން ފައިސާ ނުދެއްކެވި މައްސަލައިގަ އެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ. އެ ޕާޓީގެ ޓިކެޓު ހޯދަން އިތުރު މީހަކު ހުށަނާޅާތީ ސޯބެއަށް ވަނީ އެމްޑީޕީގެ ޓިކެޓް ދީފަ އެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު ބާއްވާއިރު، ބައި އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހާ ހަމައަށް ވަނީ ދީފަ އެވެ.