ސޯލް (ޑިސެމްބަރު 21) - ކޮރެއަން އެއާގެ ދަތުރެއްގައި އެ އެއާލައިންގެ ޗެއާމަންގެ ދަރިކަނބަލުންނަށް ބަދަން ދިން އިރު ތައްޓަކަށް އަޅައިގެން ދިނުމުގެ ބަދަލުގައި ޕެކެޓުގައި ސާވްކޮށްދިން ފްލައިޓް އެޓެންޑެންޓަށް ޖެއްސި ހާލުގެ ބަދަލަށް އޭނާ އަށް 18،000 ޑޮލަރު ދޭން ކޮރެއަން އެއާ އަށް އަންގައިފި އެވެ.

އެއާލައިންގެ ޗެއާމަން ޗޯ ޔަންގް-ހޯގެ ދޮށީ ދަރިކަނބަލުން ޗޯ ހަޔުން-އަހް 2014 ވަނަ އަހަރު ނިއު ޔޯކުން ސޯލް އަށް ކުރި ދަތުރެއްގައި އޭނާ އަށް ބަދަން ސާވްކޮށް ދިން އެޓެންޑެންޑް ޕާކް ޗަންގް-ޖިން އަށް ވަނީ ކަކޫ މައްޗަށް ތިރިވެ ހަޔުން-އަހްގެ ކިބައިން މައާފަށް އެދެން ޖައްސައިފަ އެވެ. އޭގެ ފަހުން ބޯޓު ފުރީ އޭނާ ނިއު ޔޯކަށް ބާލުވައިފަ އެވެ. އަދި އެޓެންޑެންޓުގެ މަގާމު ވެސް ވަނީ ދަށްކޮށްފަ އެވެ.

ޕާކް ވަނީ ޖިސްމާނީ އަދި ނަފްސާނީ ގޮތުން އޭނާ އަށް ލިބުނު ގެއްލުމާ ގުޅިގެން އެއާލައިނާ ދެކޮޅަށް މައްސަލަ ޖައްސައިފަ އެވެ. މީގެ ހަތަރު އަހަރު ކުރިން ހިނގި ހާދިސާގައި އެޓެންޑެންޓަށް ސޯލްގެ ކޯޓަކުން މި ހަފުތާގައި ވަނީ އިންސާފު ހޯދައިދީފަ އެވެ. މި މައްސަލަގައި ޗޯ ހަޔުން ކުށްވެރިވުމުން ކުރިން ވަނީ އޭނާގެ މައްޗަށް ފަސް މަސް ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވައިފަ އެވެ.

އެއާލައިންގެ ޗެއާމަންގެ ހަގު ދަރިކަނބަލުން މިދިޔަ އެޕްރީލް މަހު ވަނީ ކުންފުނީގެ ބައްދަލުވުމެއްގައި ސްޓާފެއްގެ މޫނަށް ފެން ޖަހައިފަ އެވެ. މި ހާދިސާތަކަށް ފަހު ޗެއާމަންގެ ދެ ދަރިކަނބަލުން ވެސް ވަނީ ކުންފުނިން ވަކިވެފަ އެވެ. އެ މީހުންގެ ބޭބެ ޗޯ ވޮން-ޓައެ އަކީ އެއާލައިންގެ ރައީސް އަދި ސީއީއޯ އެވެ.