އަންހެނުންގެ އޭޝިއާ ކަޕް ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ހޯދި އިންޑިއާއިން، ޕާކިސްތާނުގެ މިނިސްޓަރު އަތުން ތަށި ބަލައިގަންނަން ދެކޮޅު ހަދައިފި އެވެ. 

ދުބާއީގައި ރޭ ކުޅުނު ފައިނަލް މެޗު ލަންކާގެ މައްޗަށް އިންޑިއާއިން ކާމިޔާބު ހޯދީ 72 ލަނޑުންނެވެ. އެކަމަކު ތައްޓާ ހަވާލުވާން ދެކޮޅެވެ.

ތަށި ހަވާލުކޮށް ދެން ހުންނެވީ ޕާކިސްތާނުގެ ދާހިލީ ވަޒީރު އަދި އޭޝިއާގެ ކްރިކެޓް ކައުންސިލްގެ ރައީސް މުހްސިން ނަގްވީ އެވެ.

ފައިނަލު މެޗަށް ފަހު އިނާމު ދިނުމުގެ ރަސްމިއްޔާތު ފަށަން ވެސް 40 މިނެޓަށް ވުރެ ގިނަ ވަގުތު ހޭދަވި އެވެ. އެއީ، ނަގްވީގެ އަތްޕުޅުން ތަށި ބަލައިނުގަންނެކަން އިންޑިއާއިން އެންގުމުންނެވެ. 

މުބާރާތުގެ ވަކިވަކި ކުޅުންތެރިންނަށް ދޭ އެވޯޑުތަކާއި، މެޗުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ވެސް ދީފައެއް ނުވެ އެވެ. 

ޕާކިސްތާނާއި އިންޑިއާގެ ސިޔާސީ ކޯޅުމާ ހެދި، މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ބޭއްވި ފިރިހެނުންގެ އޭޝިއާ ކަޕް ފައިނަލަށް ފަހު ވެސް މި މައްސަލަ ދިމާވި އެވެ. އިންޑިއާގެ ފިރިހެން ޓީމުން ވެސް ވަނީ ނަގްވީގެ އަތްޕުޅުން ތަށި ބަލައިގަންނަން ދެކޮޅުހަދާފަ އެވެ.

މިދިޔަ އަހަރު މެއި މަހު ދެ ގައުމުގެ މެދުގައި ހިނގާދިޔަ ކުރިމަތިލުންތަކަށް ފަހު، އިންޑިއާ އާއި ޕާކިސްތާނުގެ ކްރިކެޓް ޓީމުތަކުގެ މެދުގައި ކުޅެވޭ މެޗުތަކުގައި ސަލާމްކުރުމުގެ އާދަކާދަތައް ވަނީ ހުއްޓާލާފަ އެވެ.

ކުރިއަށްއޮތް އޭޝިއަން ގޭމްސްގެ ކްރިކެޓް އިވެންޓްގައި ވެސް ދެ ގައުމުން ވާދަކުރާނެ އެވެ. ޖަޕާނުގައި ކުޅޭ އެ މެޗުގައި ވެސް ދެ ގައުމުގެ ސިޔާސީ ކޯޅުންގަނޑުގެ އަސަރު ފެނުމުގެ ފުރުސަތު ބޮޑެވެ.