ޕާކިސްތާނުގެ ފިލްމީ ތަރި މާހިރާ ޚާން ދެވަނަ ދަރިފުޅަށް ބަލިވެއިންކަން އިއްޔެ ހާމަކޮށްފި އެވެ.

އުމުރުން 41 އަހަރުގެ މާހިރާ މި އުފާވެރި ޚަބަރު ހިއްސާކޮށްފައި ވަނީ ކެނެޑާގެ ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް (ޓީއައިއެފްއެފް) 2026 ގެ ތެރެއިން ނަގާފައިވާ އޭނާގެ "ބޭބީ ބަމްޕް" ދައްކުވައިދޭ ފޮޓޯއަކާ އެކުގަ އެވެ.

މާހިރާގެ ސޯޝަލް މީޑިއާގައި ހިއްސާކުރި އެ ފޮޓޯގައި ފެންނަނީ އޭނާ ވަރަށް އާދައިގެ އަދި ހިތްގައިމު ހުދުކުލައިގެ މެކްސީ ހެދުމެއްގައި ހުއްޓަ އެވެ.

އެ ފޮޓޯއާ އެކު އޭނާ ލިޔެފައި ވަނީ "އަހަރެމެން ރޭވުންތައް ރޭވި ނަމަވެސް، އެންމެ ހެޔޮވެގެންވަނީ ﷲގެ ރޭއްވެވުން" ކަމަށެވެ.

އެ ޕޯސްޓާ އެކު އޭނާގެ ފޭނުންނާއި ފިލްމީ ދާއިރާގެ ގިނަ ބަޔަކު އަންނަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ.

މިއީ މާހިރާ އާއި އޭނާގެ ފިރިމީހާ އަދި ވިޔަފާރިވެރިޔާ ސަލީމް ކަރީމްއަށް ލިބޭ ފުރަތަމަ ދަރިފުޅެވެ. މާހިރާ އާއި ސަލީމް ކައިވެނިކޮށްފައި ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. ނަމަވެސް މިއީ މާހިރާގެ ދެވަނަ ދަރިފުޅެވެ. އޭނާގެ ފުރަތަމަ ކައިވެންޏަށް 17 އަހަރުގެ ފިރިހެން ކުއްޖަކު (އަޒްލާން) ހުރެ އެވެ.

މާހިރާއަކީ ޕާކިސްތާނުގެ ޑްރާމާތަކާއި ފިލްމުތަކުން ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ އެކްޓްރެސްއެކެވެ. އޭނާ ވަނީ 2017 ވަނަ އަހަރު ނުކުތް ބޮޑު ތަރުހީބެއް ހޯދި ބޮލީވުޑް ފިލްމު "ރައީސް"ގައި ޝާހްރުކް ޚާންއާ އެކު ލީޑު ރޯލު ކުޅެ، ބޮލީވުޑްގައި ވެސް މަސައްކަތް ކޮށްފަ އެވެ.