މި އަހަރު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓައިމް ޓްރެއާލް އަށް ތައްޔާރުވުމުގެ ގޮތުން ޑިސްޓެންސް ދުވުންތެރިން ކަމަށްވާ ހުސައިން ފަޒީލް ހާރޫން އާއި މުހައްމަދު ވިސާމް ޓްރޭނިން ކޭމްޕްގައި ލަންކާ އަށް ފުރަން ތައްޔާރުވެއްޖެ އެވެ.

ފަޒީލް އާއި ވިސާމް އަށް ވެސް ކޯޗުކޮށް ދެމުން އަންނަ ކުރީގެ އެއްވަނަ ދުވުންތެރިޔާ ނަސީރު އިސްމާއީލް ބުނީ އެ ދެ ދުވުންތެރިން ވެސް ޓްރޭނިން ކޭމްޕްގައި ދެ މަސް ދުވަސް ލަންކާގައި ހޭދަ ކުރާނެ ކަމަށެވެ. ލަންކާ އަށް ފުރާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

"މި ދުވުންތެރިންގެ މި ދަތުރަށް އެހީތެރިވި ވަރަށް ގިނަ ބަޔަކު އެބަތިބި. މިއީ ވަރަށް ގިނަ ބައެއްގެ މަސައްކަތް،" ރޭ ފޭސްބްކްގައި ނަސީރު ކުރި ޕޯސްޓްގައިވެ އެވެ.

އޭނާ މިއަދު ބުނީ ލަންކާގައި ވިސާމް އާއި ފަޒީލް ޓްރޭނިން ހަދާނީ ލަންކާގެ ޑިސްޓެންސް ދުވުންތެރިން ތަމްރީންކުރާ ކޯޗު ރަތުނަ ކުމާރާ ކަމަށެވެ.

"ލަންކާގެ މި ކޯޗަކީ ވަރަށް ފެންވަރު ރަނގަޅު ކޯޗެއް. ސައުތު އޭޝިއަން ގޭމްސްގައި ރަން މެޑަލް ހޯދާފަ އޮލިމްޕިކްސްގައި ލަންކާގެ ރިލޭ ޓީމުގައި ވާދަކުރި ކުރީގެ އެތުލީޓެއް. އެންމެ މަތީ ފެންވަރުގައި ވާދަކޮށްފަ ހުރީމަ ކޯޗިންގައި ވެސް އޭތި އެޕްލައި ކުރަން އެނގޭނެ ކޯޗެއް މީ. ފަޒީލް އާއި ވިސާމް އަށް މި ޓްރޭނިން ކޭމްޕުން ގިނަ ފައިދާތަކެއް ކުރާނެ،" ނަސީރު ބުންޏެވެ.

ނަސީރުގެ ކޯޗުކަމުގެ ދަށުން ތަމްރީން ހަދަމުން އަންނަ ދެ ދުވުންތެރިން އެހެން ގައުމެއްގެ ކޯޗެއްގެ ކައިރި އަށް ޓްރޭނިން އަށް ފޮނުވަނީ ކީއްވެތޯ "މިހާރު" އިން ސުވާލު ކުރުމުން އޭނާ ބުނީ، ރާއްޖެއިން ބޭރުގައި ޓްރޭނިން ހަދާއިރު އެތުލީޓްގެ ހުރިހާ ސަމާލުކަމެއް ހުންނާނީ ޓްރޭނިން އަށް ކަމަށެވެ. އޭގެ ސަބަބުން އެތުލީޓްގެ ފެންވަރު އިތުރަށް މަތިވުމަށް މަގުފަހި ވާނެ ކަމަށް ކުރިން އެތުލީޓެއްގެ ގޮތުގައި ޕާކިސްތާން އަދި އިންޑިއާގައި ވެސް ޓްރޭނިން ހެދި ނަސީރު ބުންޏެވެ.

"މާލޭގައި އަޅުގަނޑުމެން މި ހަދާ ޓްރޭނިން އާމެދެ އެ ދެ އެތުލީޓުން ވެސް ހިތްހަމަޖެހޭކަން އަޅުގަނޑަށް ޔަގީން. އެހެން މި ބުނީ އެ އެންޖޯއިމެންޓް އަދި އެ ޕްރޮގްރެސް އެ ދެ އެތުލީތުންގެ ކިބައިން ފެންނާތީ،" މިދިޔަ އަހަރު ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ދުބާއީގައި 5 ކިލޯމީޓަރުން ރަން މެޑަލް ހޯދި ރޭހަށް ފަޒީލް ތައްޔާރުކޮށްދިން ނަސީރު ބުންޏެވެ.

"އެކަމަކު މާލޭގައި ކިތަންމެ ހިތްހަމަޖެހިގެން އަދި ކިތަންމެ ބޮޑަކަށް އެންޖޯއިކޮށްގެން ޓްރޭނިންތައް ގެންދިޔަސް ވަޒީފާ އާއި އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ވަގުތު ހުސްކުރަން ޖެހޭނެ. މާލޭގައި ނަމަ މި ދެ އެތުލީޓުން ވެސް ވަޒީފާ އޮންނާނެ. އެކަމަކު ބޭރުގައި ޓްރޭނިން ކޭމްޕަށް ދަނީ އެ ހުރިހާ ޕްރެޝަރަކާއި ޓެންޝަނަކުން ދުރުވެ ހުންނަން. އޭރުން ސީދާ 24 ގަޑިއރުގެ ފޯކަސް އިންނާނީ ޓްރޭނިން އަށް. އެހެންވީމަ ރާއްޖެއިން ބޭރުގެ ޓްރޭނިންތަކުގެ ފައިދާ ބޮޑަށް ފެންނަނީ ވެސް."

ނަސީރު ބުނީ ލަންކާގެ ޓްރޭނިން ކޭމްޕްގެ ފެންވަރު ދެނެގަންނަން އޭނާ ވެސް ލަންކާގައި ދެތިން ދުވަހު މަޑު ކުރާނެ ކަމަށެވެ.

އައިއޯއައިޖީގައި ވާދަކުރާ އެތުލީޓުން ނެގުމަށް ބާއްވާ ޓައިމް ޓްރެއަލް އޮންނާނީ މާޗު މަހު އެވެ. ގައުމީ ޓީމުން ފުރުސަތު ލިބޭނީ ޓައިމް ޓްރެއަލްގެ ރޭސްތައް ވަކި ވަގުތެއްގެ ތެރޭގައި ފުރިހަމަ ކުރުމުންނެވެ.

"ފަޒީލް އާއި ވިސާމް މާލެ އަންނާނީ ސިދާ ޓައިމް ޓްރެއަލް އަށް،" ނަސީރު ބުންޏެވެ.

ސައުތު އޭޝިއަން ގޭމްސްގައި މެޑައްޔެއް ހޯދުމާ ވަރަށް ގާތަށް ދިޔަ ނަސީރު ބުނީ ފަޒީލް އާއި ވިސާމް އިންޑިއާން އޯޝަން އައިލެންޑް ގޭމްސްގައި މެޑަލް ހޯދުމަކީ އޭނާގެ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ.

"އަޅުގަނޑަށް ނުލިބުނު އިންޓަނޭޝަނަލް މެޑަލް އަޅުގަނޑު ބޭނުން އަޅުގަނޑުގެ ދަރިވަރަކު ޑިސްޓެންސް ކެޓަގަރީން ރާއްޖެ އަށް ހޯދައިދޭތަން ދެކެން. އެއީ ވަރަށް ބޮޑު އުއްމީދެއް،" ނަސީރު ބުޏްނެވެ.