އިންސާނުން މިއަދު ތަޖުރިބާ ކުރަމުން މިދަނީ ޖޯގުރަފީގެ ހުރަހެއް ނެތި، ހަލުވިކަމާ އެކު ފެތުރިގެންދާ މައުލޫމާތު އެކި ސިފައިގައި ލިބިގަތުމަށް ސުމޭކު އާލާތްތަކުގެ އިސްކްރީންތަކުގެ ފަހަތުގައި މީހުން ގިނަ ވަގުތުތައް ހޭދަކުރަމުންދާޒަ މާނެކެވެ.

މީގެ ސަބަބުން މުސްލިމުންނަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެ އެވެ. މުސްލިމުންގެ ފިކުރާއި އިސްލާމީ ސަގާފީ އައިޑެންޑިޓީ ހިމާޔަތް ކުރުމަށްޓަކައި ވަރުގަދަ ހަނގުރާމައެއް ކުރަން ޖެހެ އެވެ. އެއީ ސުމޭކު އިންގިލާބާ އެކު މީޑިއާގެ ޒަރީއާއިން، އަހަރެމެން ދުނިޔެ ތަސައްވުރު ކުރާ ގޮތް ބަދަލުކޮށްލައި އިސްލާމީ އަގީދާ އާއި ގިޔަމުތައް ޝައްކުގެ ތެރެއަށް ގެނބިގެންދާތީ އެވެ.  

ޣައިރު މުސްލިމު މީޑިއާގެ ނުފޫޒާއި އޭގެ ނޭދެވޭ އަސަރު

ހުޅަނގުގެ މީޑިއާތަކުން މައުލޫމާތާއި ޚަބަރު ފެތުރުމުގެ އިތުރުން ދިރިއުޅުމާއި ދީން ވަކިކުރުމުގެ މާއްދީ ވިސްނުން ފެތުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެވިގެންދެ އެވެ. އެއީ އެ މީހުން ގަބޫލުކުރާ ފަދަ "ބަވަނަ އިންސާނެއް" ބައްޓަން ކުރުމަށްޓަކައެވެ. މިކަމުގެ އެންމެ ބޮޑު މަގުސަދަކީ މާއްދީ އިގުތިސާދީ މަންފާތައް ލިބިގަތުމެވެ. އެކަމަކު ހަމަ މިއާ އެކުގައި އެ މީހުން ގަބޫލުކުރާ ފިކުރީ ސަގާފީ ހަމަތަކަށް އެހެން މީހުން ފެއްތުން އޭގެ ޒާތުގައި ވެސް އެއީ މަގުސަދެއް ކަމުގައި ވެ އެވެ. މިކަމުން މުސްލިމުންނަށް ނޭދެވޭ އެތައް އަސަރެއް ކުރެ އެވެ. 

ފާހަގަކުރެވޭ އެއް ކަމަކީ، ސާބިތުކަމާ އެކު ގަބޫލު ކުރަމުން އަންނަ އިސްލާމީ ގަބޫލުކުރުންތަކާއި އުސޫލުތަކާ މެދު ޝައްކު އުފެދިގެން ދިއުމެވެ. މިސާލަކަށް މީސް މީޑިއާގެ ބައެއް މަންސަތަކުން އިސްލާމީ އަގީދާ އާއި ޝަރީއަތުގެ ހުކުމްތަކާ މެދު ސައްހަ ނޫން މައުލޫމާތު ފެތުރި ފުރައްސާރަ ކުރެވިގެން ދިއުމުން ޒުވާނުންގެ ހިތްތަކުގައި އީމާންކަމާއި ޝަރީއަތާ މެދު ޝައްކު އުފެދި ހައިރާންކަމުގެ ތެރެއަށް ވައްޓާލެވެ އެވެ. މިކަމަކީ އެބައިމީހުންނަށް ކިރިޔާ ވެސް ކުޅަދާނަ ކަމެއް އޮތިއްޔާ ހުއްޓާލާނެ ކަމެއް ނޫންކަން އަލްބަޤަރާ ސޫރަތުގެ 217 ވަނަ އާޔަތުން އެނގެ އެވެ. 

ދެވަނަ އަސަރަކީ، މާއްދިއްޔަތަށް ބަރޯސާވާ ދިރިއުޅުމުގެ ވައްޓަފާޅިއަކަށް މުސްލިމުން ބައްޓަން ކުރެވިގެން ދިއުމެވެ. އިންސާނާގެ ނަފުސުގައިވާ އެދުންތަކާއި ބޭނުންތަކުގެ މައްޗަށް ބަރޯސާވެ، ކޮންޓުރޯލެއް ނެތި މިނިވަންކަމާއެކު ކަންކަން ހާސިލުކުރަން މީޑިއާގެ ވަސީލަތްތަކުން ހިތްވަރު ލިބިގެންދެ އެވެ. މިހާ ހިސާބުން އިންސާނާ އޭނާގެ އަގު ވަޒަން ކުރަނީ އަތުގައި ހުރި މާއްދީ އެއްޗެއްގެ މިންވަރުންނާއި ތާއީދުކުރާ މީހުންގެ އަދަދުން އެކަންޏެވެ. އިސްލާމީ މުހިންމު ގިޔަމުތަކަކުން ނޫނެވެ. މިސާލަކަށް ޒާހިދުކަމާއި ލިބޭ މިންވަރަށް ރުހުމާއި އިގުތިސާދު ކުރުން ފަދަ ކަންކަމަކީ އަގުކުރާ ކަންކަން ކަމުގައި ނުވެ އެވެ. 

މީޑިއާގެ ނުފޫޒުން މުސްލިމުންނަށް ކުރާ ތިންވަނަ އަސަރަކީ ތާރީހީ ގޮތުން ހޭލުންތެރިވުމުގައި އޮޅުންބޮޅުން ވުމެވެ. މިގޮތުން އިސްލާމީ ހަޟާރަތު ނުވަތަ ތަހުޒީބީ ޒަމާން، މީޑިއާގައި ތަސައްވުރު ކުރެވެނީ އަނދިރި ޒަމާނެއްގެ ގޮތުގަ އެވެ. އަދި ހުޅަނގުގެ މޮޑެލްއަކީ އެންމެ ފުރިހަމަ އަދި ތާރީހީ އެންމެ ފަހުގެ މޮޑެލް ކަމުގައި ދެއްކުމަށް މަސައްކަތް ކުރެވެ އެވެ. މީގެ ނަތީޖާއަކީ އަމިއްލަ އިސްލާމީ ސަގާފީ އައިޑެންޓިޓީއާ މެދު ގިނަ ޒުވާނުން ހިތްހަމަނުޖެހުމެވެ. 

ސުމޭކު ޒަމާނުގައި އީމާންކަން ވަރުގަދަ ކުރެވިދާނެ ބައެއް ގޮތްތައް

އިސްލާމްދީނަކީ ކޮންމެ ޒަމާނެއްގައި ވިއަސް އަދި ކޮންމެ ތަނެއްގައި ވިއަސް އިންސާނާ ވަޒަންހަމަ ކުރުވާ ދީނެކެވެ. އެހެންކަމުން މިއަދުގެ މި ސުމޭކު ތޫފާންތަކުގެ ތެރޭގައި ވެސް އީމާންކަމުގެ ހުޅުކޮޅު ނިވިގެން ނުދިއުމަށްޓަކައި، ޤުރުއާނާއި ސުންނަތުގެ މައްޗަށް ބިނާވެފައިވާ ބައެއް އިސްތިރާޖީތަކުގެ ބޭނުން ހިފަން ޖެހެ އެވެ. 

އެންމެ ފުރަތަމަ ކަމަކީ، ޔަގީންކަން ލިބިގެންވާ މައުލޫމާތާއި އިސްލާމީ އިރުޝާދުތަކުން ތިމާގެ ވިސްނުން މުއްސަނދި ކުރުމެވެ. އެހެނީ ޝައްކުތަކާ ކުރިމަތިލެވޭނީ ސައްހަ އިލްމު ލިބިގެން ކަމަށް ވާތީ އެވެ. ވީމާ އިސްލާމީ ސައްހަ ފިކުރުތަކާއި ޝަރީއަތުގެ މަގުސަދުތައް ދެނެގަތުމަށް މަސައްކަތް ކުރަންޖެހެ އެވެ. އަދި މިޒަމާނުގެ ޝުބުހާތަކަށް ދޭނެ އިލްމީ ރައްދުތައް ދެނެގަންނަން ޖެހެ އެވެ. އެހެނީ ﷲ އަންގަވަނީ އެކަލާނގެ ފިޔަވައި (ހައްގުވެގެން އަޅުކަން ކުރެވޭނެ) އެހެން އިލާހެއް ނުވާކަން ދެނެގަތުމަށެވެ (މުޙައްމަދު 19).  

ދެވަނަ ކަމަކީ، މީޑިއާ އިން ލިބޭ މައުލޫމާތާއި އޭގެ ވަސީލަތްތައް ވެސް ފިލްޓަރު ކުރުމާއި މޮނީޓަރު ކުރުމެވެ. މީސް މީޑިއާއަކީ އާންމު މައިދާނަކަށް ވީމާ އެތަނަށް ކޮންމެ މީހަކު ވެސް ވަދެދާނެ އެވެ. އަދި އެ ތަނުގައި ކޮންމެ އެއްޗެއް ވެސް އާންމުކޮށްފާނެ އެވެ. މި ހާލަތުގައި މުސްލިމެއްގެ އިވުމާއި ފެނުމާއި ފިކުރާއި ޖަޒުބާތުތައް ހިމާޔަތް ކުރާނެ ފާރަވެރިޔަކު ބޭނުންވެ އެވެ. ފާހިޝް މަންޒަރުތައް ދައްކާ ނުވަތަ ފިތުނައިގެ ފިކުރުތައް ފަތުރާ ނުވަތަ އިސްލާމީ ގިޔަމުތަކަށް ހަޖޫޖަހާ މަންސަތަކަށް ވަނުން ހުއްޓާލަން ޖެހެ އެވެ. އޭގެ ބަދަލުގައި އިންސާނާގެ ވިސްނުމާއި ފިކުރާއި ސުލޫކު އިސްލާމީ ހަމަތަކުގެ މަތީ ދަމަހައްޓަން އެހީވާ މަންސަތަކުން މަންފާ ލިބިގަންނަން ޖެހެ އެވެ. 

ރަސޫލާ ﷺހަދީސް ކުރައްވަނީ އަހަރެމެންނަކީ އެހެން މީހުން ކޮޕީ ކުރާ ބަޔަކަށް ނުވުމަށެވެ. މީހުން ރަނގަޅަށް އުޅުނިއްޔާ ތިމާ ވެސް ރަނގަޅަށް އުޅެފައި މީހުން ނުބައިކޮށް އުޅުނިއްޔާ ތިމާ ވެސް ނުބައިކޮށް އުޅެންޖެހޭ ބައެ އްނޫން ކަމަށެވެ. އޭގެ ބަދަލުގައި އަބަދުވެސް ރަނގަޅަށް އުޅެން އަމިއްލަ ނަފްސުތައް ތަމްރީނު ކުރުމަށެވެ. މީހުން ރަނގަޅުވުމުން އަހަރެމެން ވެސް ރަނގަޅުވުމަށެވެ. އަދި މީހުން ގޯސްވިޔަސް އަނިޔާވެރިނުވުމަށެވެ (ތިރުމިޛީ).

ތިންވަނަ ކަމަކީ، މީސް މީޑިއާގެ ހިޔާލީ ދުނިޔެ އިން ނުކުމެ ހަގީގީ ދިރިއުޅުމާއި އޭގެ ގޮންޖެހުންތަކާ ކުރިމަތިލުމެވެ. މީހެއްގެ އީމާންކަން ހަރުދަނާ ވަނީ ހެޔޮލަފާ ރަހުމަތްތެރިންނާ އެކުގައި އުޅުމުންނެވެ. ދާދިވަރު (މާއްދީ ހަގީގަތެއް ނެތިސުމޭކު ވަސީލަތުން ހަގީގަތެއްގެ ގޮތުގައި ދައްކާ)ދުނިޔެއެއްގައި އުޅުމަކީ އެކަނިވެރިކަމާއި ނުތަނަވަސްކަން ގެނުވާނެ ކަމެކެވެ.

ކަހުފު ސޫރަތުގެ 28 ވަނަ އާޔަތުން އެނގޭ ގޮތުގައި އަހަރެމެން ދިރިއުޅެން ޖެހެނީ ހެނދުނާއި ހަވީރު އެއުރެންގެ ވެރިރަސްކަލާނގެ އަށް އަޅުކަންކޮށް، އެކަލާނގެ ރުއްސެވުން އަދައިގެން އުޅޭ މީހުންނާ އެކު ކެތްތެރިވެގެންނެވެ. އިލްމުވެރިންނާއި ތަގުވާވެރިންގެ މަޖިލިސްތަކުގައި ބައިވެރިވުމާއި އިޖުތިމާއީ ހިދުމަތްތަކުގައި ހަރަކާތްތެރިވުން މުހިންމެވެ. 

ހަތަރުވަނަ ކަމަކީ، އަމިއްލަ އަށް އަމިއްލަ ނަފުސު މޮނީޓަރު ކުރުމެވެ. މިގޮތުން އިހުސާންތެރިކަން ފުރިހަމަވާ ދަރަޖަ އަށް މީހާ ދިއުމެވެ. މާތްނަބިއްޔާ ﷺ ބަޔާންކުރައްވާ ގޮތުގައި އިހުސާންތެރިކަމަކީ ތިބާއަށް ﷲ ނުފެނުނު ކަމުގައި ވިއަސް ﷲ ތިބާގެ އަމަލުތައް ބައްލަވާ ވޮޑިގެންވާނެކަން ދަނެގެން އެކަލާނގެއަށް އަޅުވެތިވުމެވެ. ވީމާ ސުމޭކު ޒަމާނުގައި އީމާންކަމުގެ އެންމެ ވަރުގަދަ އައްޑަނައަކީ މި އިހުސާންތެރިކަން ފުރިހަމަ ކުރުމެވެ. އޭރުން ތިބާގެ ކޮޓަރީގައި އެކަހެރިވެ ހުރެ ސުމޭކު ވަސީލަތެއް ބޭނުންކުރިޔަސް ތިބާ ނަމާދުގައި ހުންނަ އިރު ﷲ ތިބާ ބައްލަވައިވޮޑިގެންވާ ފަދައިން ބައްލަވާވޮޑިގެންވާނެކަން ހަނދާން ބެހެއްޓޭނެ އެވެ. 

ފަސްވަނަ ކަމަކީ، ތިބާއަކީ މީސް މީޑިއާގެ ނުފޫޒު ފޯރާ ފަރާތަކަށް ވުމުގެ ބަދަލުގައި އޭގެ ބޭނުންކޮށްގެން ހެޔޮ ފަތުރާ ފަރާތަކަށް ވާން މަސައްކަތް ކުރުމެވެ. ހުޅަނގުގެ މީޑިއާތަކުން ފަތުރާ އެއްޗެހި އެ ހުރިގޮތަށް ބަލައިގަންނަ ފަރާތަކަށް ނުވެ، ހެޔޮ މައުލޫމާތު ފަތުރާ މީހަކަށް ވެވިދާނެ އެވެ. މިގޮތުން ހެޔޮ ބަހެއް ފަތުރާލެވިދާނެ އެވެ. ތިބާގެ ގިޔަމުތައް ހިމާޔަތް ކުރަން މަސައްކަތް ކުރެވިދާނެ އެވެ. މުސްލިމުންގެ ސަފީރަކަށް ވެވިދާނެ އެވެ. ދޮގާއި އޮޅުވާލުންތައް ގިނަ މިޒަމާނުގައި، ތެދުވެރި ބަހަކީ ވަރަށް އަގުހުރި އެއްޗަކަށް ވާނެ އެވެ. 

ވީމާ ހުޅުވިފައިވާ މިޒަމާނުގައި ފުރިހަމަ މުސްލިމެއްގެ އައިޑެންޓިޓީ ހިމާޔަތް ކުރަން މަސައްކަތް ކުރަން ޖެހެ އެވެ. ޓެކްނޮލޮޖީއަކީ އޭގެ ޒާތުގައި ވަކި ކޮޅަކަށް ނުޖެހޭ ވަސީލަތެކެވެ. މުސްލިމަކީ ބުއްދިވެރިއަކަށް ވާން ޖެހޭނެ މީހެކެވެ. އެހެންކަމުން މި ވަސީލަތްތަކުން ފައިދާހުރި ބައި ނަގައި، ގެއްލުން ހުރި ބައި ދޫކޮށްލަން ޖެހެ އެވެ. މިފަދަ ޒަމާނެއްގައި އީމާންކަމުގެ މަތީގައި ދެމިހުރުމަކީ، ރަސޫލާ ﷺ ހަދީސް ކުރައްވާ ފަދައިން "ބީރައްޓެހި" ކަމެއް ކަމަށް ވިޔަސް ދީނުގެމަތީގައި ސާބިތުވެ ތިބެވޭ ނަމަ އޭގެ ހެޔޮކަން ފެންނާނެ އެވެ.