މިދިޔަ އަހަރު އެންމެ ގިނަ ސާވިސް ޗާޖު ބެހި ރިސޯޓަށް ޝެވަލް ބްލޮންކް ރަންދެލި ވެއްޖެ އެވެ.

މޯލްޑިވްސް ސާވިސް ޗާޖު ވެބްސައިޓުގައި ހާމަކޮށްފައިވާ ގޮތުގައި އެ ރިސޯޓުން އެވްރެޖުކޮށް 1،342.62 ޑޮލަރު ނުވަތަ 20،728ރ. ވަނީ ދީފަ އެވެ. ދެވަނަ އަށް އެންމެ ގިނަ ސާވިސް ޗާޖު ލިބުނީ ވެލާ ޕްރައިވެޓް އައިލެންޑަށެވެ. އެ ރިސޯޓުގެ މުވައްޒަފުންނަށް 1،101.59 ޑޮލަރު ނުވަތަ 16،986ރ. ދީފައިވެ އެވެ. ތިންވަނަ އަށް އެންމެ ބޮޑު ސާވިސް ޗާޖެއް ލިބިފައިވަނީ ވަން އެންޑް އޮންލީ ރީތި ރަށުގެ މުވައްޒަފުންނަށެވެ. އެރަށުގެ މުވައްޒަފުންނަށް ކޮންމެ މަހަކު އެވްރެޖުކޮށް 937.92 ޑޮލަރު ނުވަތަ 14،462ރ. ދީފައިވެ އެވެ.

ރިސޯޓުތަކުގެ މުވައްޒަފުންނަށް ކޮންމެ މަހަކު ބަހާ ސާވިސް ޗާޖުގެ މައުލޫމާތުތައް ސާވިސް ޗާޖު ވެބްސައިޓުގައި ހާމަކުރެ އެވެ.

މިދިޔަ އަހަރުގެ އެންމެ ގިނަ ސާވިސް ޗާޖު ލިބުނު 10 ރިސޯޓް

1. ޝެވަލް ބްލޮންކް ރަންދެލި: 1342.62 ޑޮލަރު

2. ވެލާ ޕްރައިވެޓް އައިލެންޑް: 1101.59 ޑޮލަރު

3. ވަން އެންޑް އޮންލީ ރީތި ރަށް: 937.92 ޑޮލަރު

4. ފޯ ސީޒަން ރިސޯޓް: މަހަކު 927.69 ޑޮލާރު

5. ސެއިންޓް ރެޖިސް ވޮއްމުލި: 917.63 ޑޮލަރު

6. އަނަންތަރާ ކިހަވައް ވިލާސް: 914.98 ޑޮލަރު

7. ދަސްތީ ތަނި މޯލްޑިވްސް: 787.33 ޑޮލަރު

8. ޑަބްލިއު ރިޓްރީޓް އެންޑް ސްޕާ މޯލްޑިވްސް: 738.90 ޑޮލަރު

9.ނިޔާމަ މޯލްޑިވްސް: 716.73 ޑޮލަރު

10. މިލައިދޫ އައިލެންޑް: 711.20 ޑޮލަރު

ރާއްޖޭގެ ރިސޯޓުތަކުން ސާވިސް ޗާޖުގެ ގޮތުގައި އެވްރެޖްކޮށް 10 ޕަސެންޓް ނަގަ އެވެ. އޭގެ ތެރެއިން ބަހަނީ ވެސް އެކި މިންވަރަށެވެ. ގިނަ ރިސޯޓްތަކުން ސާވިސް ޗާޖުގެ ގޮތުގައި ބަހާ މިންވަރު އޮންނަނީ ސިއްރުކޮށްފަ އެވެ.

ސާވިސް ޗާޖުގެ ގޮތުގައި ބަހާ މިންވަރު އާއްމުކުރާ ވެބްސައިޓްގައިވާ މައުލޫމާތުތަކަކީ ރިސޯޓުތަކުގެ މެނޭޖްމަންޓުން ހިއްސާކުރާ މައުލޫމާތެއް ނޫނެވެ. އެ މައުލޫމާތު ދެނީ އެ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނެވެ.