ޓޯކިޔޯ (ޖުލައި 30) - ޖަޕާނުގައި މިހާރު ކުރިއަށްދާ އޮލިމްޕިކް ގޭމްސްގައި އެއް ދުވަސްތެރޭ އޮލިމްޕިކްސްގެ ދެ ސެމީ ފައިނަލަށް ސާބިއާގެ ނޮވަކް ޖޮކޮވިޗް ދަތުރުކޮށްފި އެވެ.
ޖޮކޮވިޗު އިއްޔެ ވަނީ ފިރިހެން ސިންގަލްސް އަދި މިކްސް ޑަބަލްސްގެ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. އިއްޔެއަކީ އޭނާ އަށް ބިޒީ ދުވަހެކެވެ. މި އަހަރު ހޯދި ގްރޭންޑް ސްލޭމްގެ ތިން ތަށީގެ ތެރެއަށް އޮލިމްޕިކްގެ ގޯލްޑް މެޑަލް ލުމަކީ ޖޮކޮވިޗުގެ އެންމެ ބޮޑު އަމާޒެވެ.
ސިންގަލްސްގެ ސެމީ އަށް ޖޮކޮވިޗު ދަތުރު ކުރީ ޖަޕާންގެ ކޭ ނިޝިކޯރީ ބަލިކޮށްގެންނެވެ. ދުނިޔޭގެ އެއްވަނަ ޖޮކޮވިޗު ވަނީ ފަސޭހަކަމާ އެކު 6-2 އަދި 6-0 އިން މެޗު ކާމިޔާބުކޮށްފަ އެވެ.
އެ މެޗު ދެމިގެން ދިޔައީ 70 މިނެޓަށެވެ. އޭނާ އަށް މިކްސް ޑަބަލްސްގެ މެޗު ވެސް އޮތުމުން ސިންގަލްސް މެޗު އިތުރަށް ދިގު ނުވެ ނިމިގެން ދިއުމަކީ ޖޮވޮވިޗަށް ލިބުނު ހިތްހަމަޖެހުމެކެވެ.
މިކްސް ޑަބަލްސްގައި ޖޮކޮވިޗުގެ ޕާޓްނަރަކީ ނިނާ ސްޓޮޔާނަވިޗް އެވެ. ޖަރުމަނުގެ ޕެއާ، ލޯރާ ސީގްމެންޑް އަދި ކެވިން ކްރާވިއެޓްޒްގެ މައްޗަށް ޖޮކޮވިޗާއި ނީނާގެ ޕެއާ ކުރި ހޯދީ 6-1 އަދި 6-2 އިންނެވެ.
މިކްސް ޑަބަލްސް މެޗު ދެމިގެން ދިޔައީ 72 މިނެޓަށެވެ. އެހެންވެ އެއް ދުވަސްތެރޭ ދެ ގަޑިރާއި 22 މިނެޓު ވަންދެން ކުއާޓާ ފައިނަލުގައި ޖޮކޮވިޗް ހޭދަ ކުރީ އެވެ.
މިއަދު ކުޅޭ ސިންގަލްސް ސެމީ ފައިނަލުގައި ޖޮކޮވިޗު ނުކުންނާނީ ޖަރުމަންގެ އެލެގްޒެންޑާ ޒްވެރޭވް އާ ދެކޮޅަށެވެ. މިކްސް ޑަބަލްސް ސެމީ ފައިނަލު މެޗު ވެސް މިއަދު އޮންނާނެ އެވެ. މިކްސް ޑަބަލްސްގެ ސެމީފައިނަލުގައި ނުކުންނާނީ ރަޝިއާގެ އޮލިމްޕިކް ކޮމިޓީ ތަމްސީލު ކުރާ ޕެއާ، އެލޭނާ ވެސްނޭނާ އަދި އަސްލާން ކެރަޓަސޭވްއާ ދެކޮޅަށެވެ.