ޓޯކިޔޯ (އޯގަސްޓް 8) - ހަރިޔާނާގެ ޕަނީޕަޓް ޑިސްޓްރިކްޓްގެ ކަންދަރާ އަވަަށުން ފެށުނު އުފާފާޅު ކުރުން މުޅި އިންޑިއާ އަށް ފެތުރިގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގަ އެވެ.

އޮލިމްޕިްކސްގެ ޖެވެލިން އުކުމުގައި، ނީރާޖް ޗޯޕްރާގެ ޖެވެލިން އެންމެ ދުރުގައި ޖެހުމުން ޓީވީން މަންޒަރު ބަލަންތިބި ކަންދަރާ އަވަށުގެ އެންމެން އުފާފާޅު ކުރަން ފެށި އެވެ. ނީރާޖްގެ ރަން މެޑަލް އަކީ އިންޑިއާގެ ޓްރެކް އެންޑް ފީލްޑު ކެޓެގެރީގެ ފުރުތަމަ ރަން މެޑަލް އެވެ.

ކަންދަރާ ވިލެޖުގައި ނީރާޖު ދަންނަ އެންމެން ނުކުމެ އޭނާގެ ގޭ ދޮށަށް އެއްވި އެވެ. އެ ގެއަކީ އޭނާގެ އާއިލާގެ 19 މެންބަރުން ދިރިއުޅޭ ގެކެވެ. އޭނާގެ އާއިލާ އިން ބުނީ މުޅިން ކަންދަރާ އަވަށުގެ އިތުރުން ކައިރީ ވިލެޖުތަކުގެ މީހުން ވެސް އައިސް އުފާފާޅު ކުރަން ފެށި ކަމަށެވެ.

ނިރާޖުގެ ވިލެޖުގައި އުފާފާޅު ކުރަނީ --- ފޮޓޯ: ރޮއިޓަސް
ނިރާޖުގެ ވިލެޖުގައި އުފާފާޅު ކުރަނީ --- ފޮޓޯ: ރޮއިޓަސް

ޕަންޖާބީ ލަވަ އާއި ފޮނި ކާއެއްޗިހި ބެހުމުގެ އުފާފާޅު ކުރުންތަކުން 2،000 މީހުންގެ އާބާދީއެއް ދިރިއުޅޭ ކަންދަރާ އިން ފެށި އުފާފާޅު ކުރުމަކީ، އިންޑިއާގެ ކުޅިވަރުގައި މި އަހަރު ލިބުނު އެންމެ ބޮޑު އުފާވެރި ކަމެވެ.

އެ އަވަށުގެ ގިނަ މީހުންނަކީ ދަނޑުވެރިންނެވެ. ނީރާޖްގެ ބައްޕަ، ސަޓީޝް ކުމާރުއަކީ ވެސް ދަނޑުވެރިއެކެވެ.

"އަހަންނަށް އާދަޔާހިލާފު އުފަލެއް ލިބިއްޖެ އަހަރެންގެ ދަރިފުޅު މި ގައުމަށް އުފާވެރިކަން ގެނެސްދިނީތީ،" ސަޓީޝް ބުންޏެވެ. "އަހަރެންގެ ދަރިފުޅާ މެދު ޔަގީންކަން އޮތް އެންމެ ފުރަތަމަ ދުވަހުން ފެށިންގެން ވެސް އޭނާ މި ގައުމަށް ރަން މެޑަލް ގެންނާނެ ކަމުގެ."

ނީރާޖް ދަނޑިބުރި އެއްލަނީ --- ފޮޓޯ: އޭއެފްޕީ
ނީރާޖް ދަނޑިބުރި އެއްލަނީ --- ފޮޓޯ: އޭއެފްޕީ

ނީރާޖް ބުނީ، ޖެވެލިން އެއްލަން ދިޔައިރު އޮލިމްޕިކް މެޑަލް އަކާ މެދު އޭނާ ނުވިސްނާ ކަމަށެވެ. އޭނާ ވިސްނީ އޭނާ އަށް އެއްލޭ އެންމެ ދުރަކަށް އެއްލުމަށެވެ. އެއީ ޕްރެޝަރު ހޭންޑްލް ކުރުމުގެ ގޮތުން ވިސްނި ވިސްނުމެއް ކަމަށް އޭނާ ބުންޏެވެ. ނީރާޖް ވަނީ 87.03 މީޓަރަށް އެއްލައިފަ އެވެ.

ނީރާޖަކީ އިންޑިއާގެ އެތުލީޓުންގެ ތެރެއިން އިންޑަވިޖުއަލް އިވެންޓަކުން އޮލިމްޕިކްސްގައި ރަން މެޑަލް ހޯދި ދެ ވަނަ އެތުލީޓެވެ. ބެއިޖިންގައި 2008 ގައި ބޭއްވި އޮލިމްޕިކްސްގައި ޝޫޓިން އިން އަބީނާވް ބިންދަރާ ވަނީ ރަން މެޑަލް ހޯދައިފަ އެވެ.