ޓޯކިޔޯ (އޯގަސްޓް 4) - ޖަޕާންގައި މިހާރު ކުރިއަށްދާ އޮލިމްޕިކް ގޭމްސް އިން ވަކިވާކަން އިއުލާން ކުރި އެމެރިކާގެ ޖިމްނާސްޓިކް ތަރި ސިމޯން ބައިލްޒް އެނބުރި އައިސް ބްރޯންޒް މެޑަލް ހޯދައިފި އެވެ.

ގޭމްސް އިން ވަކިވާކަން ބައިލްޒް އިއުލާން ކުރީ އޭނާ އަށް ނަފުސާނީ ގޮތުން ކުރިމަތިކުރި ޕްރެޝަރާ ގުޅިގެންނެވެ. އޭނާ ބުނެފައި ވަނީ ނަފްސާނީ ގޮތުން ރައްކާތެރިވެ ހުރުމަކީ ޖިސްމާނީ ގޮތުން ސަލާމަތްތެރިކަމާ އެކު ހުރުމަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށެވެ.

ބައިލްޒް އެނބުރި އައިސް ޖިމްނާސްޓިކްގެ ބީމް ބެލެންސް ކެޓެގެރީން ބްރޯންޒް ހޯދި އެވެ. ޓޯކިޔޯގެ ޖިމްނާސްޓިކް ސެންޓަރަށް ބައިލްޒް ވަނުމުން، އޭނާގެ ޓީމުންނާއި އެ ތަނުގައި ތިބި 100 އަށް ވުރެ ގިނަ މީހުން ވަނީ އޭނާ އަށް ތަރުހީބުދީފަ އެވެ.

"މި މުބާރާތުން ދުރުގައި ހުރުމަކީ ފަސޭހަ ކަމެއް ނޫން،" ލޯ މެޑަލް ހޯދުމަށް ފަހު ބައިލްޒް ބުންޏެވެ. "މީހުން ހިތަށް އަރައިފާނެ އެއީ ފަސޭހަ ކަމެކޭ. އެކަމަކު ނަފުސާނީ ގޮތުން އަހަރެން ހުރީ އެންމެ ރަނގަޅު ހާލަތުގައެއް ނޫން. އަހަރެން ބޭނުން ނުވީ އަހަރެންގެ ދުޅަހެޔޮކަން ގުރުބާން ކުރަން. ނަފުސާނީ ގޮތުން އަދި ޖިސްމާނީ ގޮތުން ރައްކާތެރި ކަމުގައި ހުރުން މާ މުހިންމު މެޑަލްތަކެއް ހޯދުމަށް ވުރެ."

ބްރެޒިލްގައި 2016 ގައި ބޭއްވި އޮލިމްޕިކްސްގައި ބައިލްޒް ވަނީ ހަތަރު ކެޓެގެރީން ރަން މެޑަލް ހޯދައިފަ އެވެ. މިފަހަރު އޭނާ އަށް ލިބުނީ އެއް ރިހި މެޑަލް އާއި ދެ ލޯ މެޑަލް އެވެ.