ޓޯކިޔޯ (ޖުލައި 3) - ޖަޕާނުގައި މިހާރު ކުރިއަށްދާ އޮލިމްޕިކް ގޭމްސްގައި ވާދަކުރާ ބެލާރޫސްގެ ދުވުންތެރިޔާ ކްރިސްޓިނާ ސިމަނޯސްކަޔާ، ބެލަރޫސްގެ އޮލިމްޕިކް ޓީމުން ބޭރުކޮށްލައި އޭނާ ގަދަ ކަމުން ގައުމަށް ފޮނުވާލަން އުޅުމުން ޖަޕާން ސަރުކާރުން އޭނާ އަށް ހިމާޔަތް ދީފި އެވެ.

ޓީމުން ކްރިސްޓިނާ ބޭރު ކޮށްލީ ކޯޗުން ސްޓާފުންނަށް ފާޑު ކިޔައި އޭނާ ސޯޝަލް މީޑިއާގައި ޝުއޫރު ފާޅު ކުރުމުންނެވެ. ސޯޝަލް މީޑިއާގައި އޭނާ ޝުއޫރު ފާޅުކޮށްފައި 200 މީޓަރު ސްޕްރިންޓްގައި ވާދަކުރަން ހަމަޖެހިފައި ވަނިކޮށް 400 މީޓަރުގައި ވާދަކުރުމަށް އޭނާ އަށް އެންގުމުންނެވެ. ސޯޝަލް މީޑީއާގައި ކްރިސްޓިނާ ލިޔެފައި ވަނީ އޭނާ ޕްރެކްޓިސް ނުކުރާ އިވެންޓެއްގައި ވާދަ ނުކުރާނެ ކަމަށެވެ. އަދި އެ ގޮތަށް ކޯޗިން ޓީމުން އެންގުމުން އޭނާ ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅު ކޮށްފަ އެވެ.

އާދިއްތަ ދުވަހު ކްރިސްޓިނާ ރޫމުން ނެރުމަށް ފަހު ބެލާރޫސްގެ ކޮންޓިންޖެންޓުން ވަނީ އޭނާ ފުރުވާލުމަށް އެއާޕޯޓަށް ގެންދިއުމުގެ އިންތިޒާމު ހަމަޖައްސައިފަ އެވެ. ގަދަ ކަމުން އޭނާ ފޮނުވާލަން އުޅޭތީ، އެއާޕޯޓަށް ގޮސް އޭނާ ވަނީ ފުލުހުންގެ ހިމާޔަތަށް އެދިފަ އެވެ. އަދި އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ސަމާލުކަމަށް އެ މައްސަލަ ގެނަ އެވެ.

ޕޮލެންޑުން ވަނީ، ކްރިސްޓިނާ އަށް އެ ގައުމުގެ ހިޔުމިނިޓޭރިއަން ވިސާ ދިނުމަށް ނިންމައިފަ އެވެ. މާދަމާ އޭނާ ޕޮލެންޑަށް ފުރާނެ އެވެ. ޕޮލެންޑަށް ފުރަދެން ކްރިސްޓިނާ އަށް ހިމަޔަތާއި ރައްކާތެރިކަން ދޭނެ ކަމަށް ޖަޕާނުގެ ފޮރިން މިނިސްޓަރު ޓޯޝީމިޓުސޫ މޮޓޭގީ ވިދާޅުވި އެވެ.

އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ސްޕޯކްޕާސަން، މާކު އެޑަމްސް ވިދާޅުވީ، އިއްޔެ ވެސް ކްރިސްޓީނާއާ ވާހަކަ ދެއްކައި އޭނާ ހުރީ ރައްކާތެރިކަމާ އެކުތޯ ކަށަވަރުކޮށްފައިވާ ކަމަށެވެ.

ބެލާރޫސްގެ ސިޔާސީ މަސްރަހު ހޫނުވެފައިވާ ދުވަސްވަރެއްގައި، ގައުމަށް ހިނގައްޖެ ނަމަ އޭނާގެ ފުރާނައަށް ނުރައްކާ ވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ކްރިސްޓީނާ ސޯޝަލް މީޑިއާގައި އާންމު ކުރި ވީޑިއޯގައި ބުނެފައި ވެ އެވެ. ބެލަރޫސްގެ ރައީސް އެލެގްޒެންޑާ ލުކުޝެންކޯގެ ސަރުކާރާ ދެކޮޅަށް ބެލަރޫސްގެ ރައްޔިތުން އަޑު އުފުލަން ފެށުމުން އޭނާ ވަނީ ސަލާމަތީ ބާރުތައް މުޒާހަރާ ކުރާ މީހުންނާ ދެކޮޅަށް ނެރެފަ އެވެ. ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން ރައްޔިތުން ނުކުތީ މިދިޔަ އަހަރު ބޭއްވި އިންތިހާބު އޮޅުވާލައިގެން އަލުން ލުކުޝާނޯ ވެރިކަން ދިފާއު ކުރެއްވި ކަމަށް ބުނެ އެވެ. ބެލަރޫސްގެ ރައީސް ކަމުގައި އޭނާ ހުންނަވާތާ 27 އަހަރު ވެއްޖެ އެވެ.