ޓޯކިޔޯ (އޯގަސްޓް 2) - އޮލިމްޕިކް ގޭމްސް އަށް ހާއްސަކޮށް ޖަޕާނުން ހަދާފައިވާ އޮލިމްޕިކް ވިލެޖު ތެރޭގައި ގިނަ އަދަދެއްގެ އެތުލީޓުން ޖަޕާނުގެ އާންމު ގަނޫނާ ހިލާފުވި މައްސަލަ ފެންމަތި ވެއްޖެ އެވެ.

ޖަޕާނުގައި މަގުމަތީގަ އާއި އާންމު ތަންތާންގައި ބަނގުރާ ބުއިމާއި މަސްތުވުން އަދި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ގަނޫނީ ކުށެކެވެ. އޮލިމްޕިކް ވިލެޖުގައި ވެސް އޮތީ އެ އުސޫލު ކަނޑައަޅައިފަ އެވެ. އޮލިމްޕިކްސްގެ ވިލެޖުގައި އުޅޭ މީހަކު އެ ފަދަ އަމަލެއް ހިންގާ ނަމަ އެކަން ކުރަން ޖެހޭނީ އެމީހެއްގެ ޕްރައިވެޓް ރޫމުގަ އެވެ.

ގިނަ އަދަދެއްގެ އެތުލީޓުން އެ އުސޫލާ ހިލާފުވުމުން އަދަބެއް ދިނުމަކީ ގާތުގައިވާ ކަމެއް ކަމަށް، އޮލިމްޕިކްސް ކަވާކުރާ މީޑީއާތަކުން ވަނީ ބުނެފަ އެވެ.

އޮލިމްޕިކް ވިލެޖުގެ އޯޕަން އޭރިއާތަކުގައި ގިނަ އަދަދެއްގެ އެތުލީޓުން އުސޫލާ ހިލާފުވި މައްސަލަ ޓޯކިޔޯ އޮލިމްޕިކްސްގެ ޑައިރެކްޓާ ޖެނަރަލް ޓޮޝީރޯ މޫޓޯ ފާހަގަ ކުރެއްވި އެވެ.

"ޖުލައި 31 ވަނަ ދުވަހުގެ ރޭ ގިނަ އަދަދެއްގެ އެތުލީޓުންނާއި ޑެލިގޭޝަންތަކުގެ މެންބަރުން ތިބީ އޮލިމްޕިކް ވިލެޖު ޕާކުގައި. އަދި އެ މީހުން ތިބީ ބަނގުރާބޯން. މިކަން އަހަރެމެންނަށް އެނގޭ،" އިންސައިޑް ދަ ގޭމްސް އަށް މޫޓޯ ވިދާޅުވި އެވެ.

"މި ވަގުތު މިދަނީ އެ މައްސަލަ ބަލަމުން. އޭގެ ފަހުގައި ނިންމާނީ ކޮން ގޮތަކަށްތޯ އަމަލު ކުރާނީ."

އުސޫލާ ހިލާފުވި އެތުލީޓުންނަށާއި އޮފިޝަލުންނަށް އަދަބެއްގެ ގޮތުގައި ޖޫރިމަނާ ކުރުމުގެ ފިޔަވަޅެއް އަޅައިފާނެ ކަމަށް ބެލެވެ އެވެ.

ޖޯޖިއާގެ ޖޫޑޯ ދެ އެތުލީޓުން، އޮލިމްޕިކް ވިލެޖު ސަރަހައްދު ބަލާލަން ނުކުތުމުން އެ ދެ އެތުލީޓުން ވަނީ ފޮނުވާލައިފަ އެވެ. އެއީ ކޮވިޑް-19 ޕްރޮޓޮކޯލްއާ ހިލާފަށް އެ ދެ އެތުލީޓުން އަމަލުކުރި ކަމަށް ބަލައި އެޅި ފިޔަވަޅެކެވެ.