ޓޯކިޔޯ (އޯގަސްޓް 2) - ޖަޕާންގައި މިހާރު ކުރިއަށްދާ އޮލިމްޕިކް ގޭމްސްގައި ފިރިހެނުންގެ ހައި ޖަމްޕުގެ ފައިނަލުގައި ވާދަކުރި ދެ އެތުލީޓުންނަށް ވެސް ރަން މެޑަލް ދީފި އެވެ.
މިއީ އޮލިމްޕިކުސްގައި 113 އަހަރު ފަހު އެތުލެޓިކުސްގެ ސިންގަލްސް އިވެންޓުގެ ރަން މެޑަލް ދެ އެތުލީޓަކަށް ލިބުނު ފުރަތަމަ ފަހަރެވެ.
ރަން މެޑަލް ލިބުނު ދެ އެތުލީޓުންނަކީ ގަތަރުގެ މުތާޒް އީސާ ބާޝިމް އާއި އިޓަލީގެ ޖިއާންމާކޯ ޓެމްބެރީ އެވެ.
ރަން މެޑަލް ހިއްސާ ކުރަން ނިންމީ ދެ އތުލީޓުންގެ ނަތީޖާ އެއްވަރު ވުމުންނެވެ. ދެ އެތުލީޓުން ވެސް ޖަމްޕު ޖެހީ 2.37 މީޓަރަށެވެ. ނަމަވެސް ދުނިޔޭގެ ރެކޯޑު ކަމަށްވާ 2.39 މީޓަރަށް އެއްވެސް އެތުލީޓަކަށް ވާސިލު ނުވެވުނެވެ.
ނަތީޖާ އެއްވަރުވުމުން، އޮލިމްޕިކް އޮފިޝަލް ހުށަހެޅީ އަލުން ޖަމްޕް ޖެހުމަށެވެ. އޮފިޝަލްގެ ވާހަކަ ނުނިމެނީސް ގަތަރުގެ ބާޝިމް ވަނީ ދެ މީހުންނަށް ވެސް ރަަން މެޑަލް ލިބިދާނެތޯ ސުވާލު ކޮށްފަ އެވެ.
"އަހަރެމެން ދެ މީހުންނަށް ވެސް ރަން މެޑަލް ލިބިދާނެތަ؟" އޮފިޝަލްއާ ބާޝިމް ސުވާލު ކުރި އެވެ.
"ތިއީ ކުރެވޭނެ ކަމެއް،" އޮފިޝަލް ބުންޏެވެ.
އެއާ އެކު ދެ އެތުލީޓުން ވެސް އުފާފާޅު ކުރަން ފެށި އެވެ. ބާޝިމް އާއި ޓެމްބްރީ އަކީ ދެ ރައްޓެހިންނެވެ. ދެ އެތުލީޓުން ވަނީ މީގެ ކުރިން އެކުގައި މުބާރާތްކުގައި ވާދަކޮށްފަ އެވެ.
ހަ ޖަމްޕުން ބްރޯންޒް މެޑަލް ހޯދީ ބެލަރޫސްގެ މެކްސިމް ނެޑްސަކާއޫ އެވެ.