ދުބާއީ (އޮގަސްޓް 11) - އެމެރިކާގައި 2028 ގައި ބާއްވާ އޮލިމްޕިކް ގޭމްސްގައި ކްރިކެޓް ހިމެނުމަށް އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލުން މަސައްކަތް ފަށައިފި އެވެ.
މީގެ ހަތް އަހަރު ފަހުން ލޮސް އެންޖެލެސްގައި ބާއްވާ އޮލިމްޕިކްސްގައި ކްރިކެޓް ހިމަނާ ނަމަ އެކަން ވެގެންދާނީ 128 އަހަރަށް ފަހު އޮލިމްޕިކްސްގައި ކްރިކެޓް އަލުން ހިމަނާނެ އަހަރަށެވެ. އޮލިމްޕިކްސްގައި ކްރިކެޓް އެންމެ ފަހުން ހިމަނާފައި ވަނީ 1900 ގަ އެވެ. އެ އަހަރު އޮލިމްޕިކުސްގެ ކްރިކެޓު މުބާރާތް ކާމިޔާބު ކުރީ ގްރޭޓް ބްރިޓަން އެވެ.
އައިސީސީގެ އުންމީދަކީ 2028 ގެ ފަހުން ކްރިކެޓަކީ އޮލިމްޕިކްސް ގޭމްސްގައި ދާއިމީކޮށް ހިމެނޭ ކުޅިވަރަކަށް ވުމެވެ.
"އަހަރެމެންގެ މި ކުޅިވަރު މި އޮތީ މި ބިޑަށް ބަދަހި ކަމާ އެކު،" އޮލިމްޕިކްސްގައި ކްރިކެޓް ހިމެނުމަށް އައިސީސީން ހުށަހަޅާ ބިޑާ ބެހޭގޮތުން އައިސީސީގެ ރައީސް ގްރެގް ބާކްލީ ވިދާޅުވި އެވެ.
"ކުރިމަގުގައި ކްރިކެޓަކީ އޮލިމްޕިކްސްގެ ބައެއްގެ ގޮތުގައި އޮންނަތަން ދެކެން އަހަރެމެން ބޭނުން. ބިލިއަނަކަށް ވުރެ ގިނަ ކްރިކެޓް ސަޕޯޓަރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެބަތިބި. އޭގެ ތެރެއިން 90 ޕަސެންޓް މީހުން ބޭނުންވޭ އޮލިމްޕިކްސްގައި ކްރިކެޓް އޮންނަން."
އެ މަސައްކަތަށް މަގުފަހިކުރުމުގެ ގޮތުން އައިސީސީން ވަނީ އެކަމަށް ހާއްސަ ވޯކިން ގުރޫޕެއް އެކުލަވައިލައިފަ އެވެ. އޮލިމްޕިކްސް ދެން އޮންނާނީ ފްރާންސްގެ ޕެރިހުގައި 2024 ގަ އެވެ. އެ އަހަރު ބާއްވާ ގޭމްސްގައި ވެސް އާ ކުޅިވަރުތައް ހިމެނުމަށް ދަނީ ވާހަކަ ދައްކަމުންނެވެ.