ރެއާލް މެޑްރިޑްގެ މިހާރުގެ ކޯޗު ހޯޒޭ މޮރީނިއޯ، އެ ކްލަބްގައި ހޭދަކުރި ފުރަތަމަ ދައުރުގައި ސީނިއާ ޓީމުން ފުރުސަތު ދިން އޭރުގެ ޒުވާން ކުޅުންތެރިޔާ ހޯޒޭ ރޮޑްރިގޭޒް، ރާއްޖޭގެ އޮޑި ސްޕޮޓްސް އަށް ސޮއިކުރަން އުޅޭ ވާހަކަ، އެ ކްލަބުން އިއުލާން ކުރުމުން ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެވެ.
ހޯޒޭ ރާއްޖެ އައުމުން އެ ކްލަބުން ސޯޝަލް މީޑީއާގައި ޖެހި ޕޯސްޓަށް، ޕޮޒެޓިވް އެންގޭޖްމެންޓެއް ނުނީ ނުލިބެ އެވެ.
"އޯޑީ ސްޕޯޓްސް ކްލަބާ ގުޅެން ހޯޒޭ ރޮޑްރިގޭޒް މިހުރީ ރާއްޖޭގައި،" އޮޑިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓްގައިވެ އެވެ.
ނަމަވެސް ދިވެހި ޕްރިމިއާ ލީގުގައި ކުޅެން އެ ޓީމުން ރަޖިސްޓަރީ ކުރި ބިދޭސީ ހަތަރު ކުޅުންތެރިންގެ ޖާގައިގައި ހޯޒޭގެ ނަމެއް ނެތެވެ. އޭނާ ރާއްޖެ އައިކަން އިއުލާން ކުރި ޕޯސްޓެއް ޖެހި ފަހުން، ދެން އޭނާއާ ގުޅޭ އެއްވެސް ޚަބަރެއް އޮޑިން އާންމުކޮށްފަ އެއް ނުވެ އެވެ.
ހޯޒޭއާ ބެހޭގޮތުން ވާހަކަ ދެއްކީ އެ ޓީމުގެ ކޯޗު ރޫއީ ގްރެގޯރިއޯ އެވެ. ލީގުގެ ފުރަތަމަ ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި މިދިޔަ ބުދަ ދުވަހު، ހޯޒޭއާ ބެހޭގޮތުން "މިހާރު" އިން ސުވާލު ކުރުމުން ގްރެގޯރިއޯ ޖަވާބު ދޭން ފެށީ ވެސް މައުލޫ ނާޒުކު ކަމަށް ބުނެ އެވެ.
"މިއީ ވަރަށް ނާޒުކު ވާހަކައެއް. އެކަމަކު އަހަރެންގެ އަތުގައި ފޮރުވާނެ އެއްޗެއް ނެތީމާ މި ވާހަކަ ކިޔައިދޭނަން،" އެ ސުވާލަށް އޭނާ ޖަވާބު ދޭން ފެށި އެވެ.
ދެން އޭނާ ބުނީ އެ ވާހަކަ މީޑިއާއަށް ތިލަކުރަންޖެހޭނީ ކްލަބް މެނޭޖްމަންޓުންން ކަމަށެވެ.
"ސަބަބަކީ މި ކުޅުންތެރިޔާ [ހޯޒޭ] އާ މެދު ނޫނީ ޓީމުގައި މިތިބަ ހުރިހާ ކުޅުންތެރިންނާ މެދު ވެސް ސަޕޯޓަރުން ވަރަށް އޮޅުންފިލުވަން ބޭނުންވާނެ،" އޭނާ ބުންޏެވެ.
"ފަހަރެއްގައި މިވާހަކަ ދެއްކުމުން ކްލަބުގެ ވެރިންނަށް ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ކުރިމަތިވެދާނެ. އެކަމަކު ހަގީގަތަކީ ހޯޒޭ މިހާރަކު އަހަރެމެންނާ އެކު ނެތް. އޭނާ މިކޮޅަށް އައިސްފައި، ތިންވަނަ ނޫނީ ހަތަރުވަނަ ދުވަހު އެނބުރި އޭނާގެ ގައުމަށް ހިނގައްޖެ،" ގްރެގޯރިއޯ ކިޔައިދިނެވެ.
ޕޯޗުގަލްގެ ކޯޗު ބުނިގޮތުގައި ހޯޒޭ އަށް ކުރިމަތިވި އެއް މައްސަލައަކީ ރާއްޖޭގެ ފުޓްބޯޅައިގައި އޮތް މާހުލަށް ހޭނެން އުނދަގޫވުމެވެ. އަދި އެގްރިމެންޓްގެ ބައެއް ކަންކަންމާ މެދު އޭނާ އަށް އެއްބަސްނުވެވުނު ކަމަށް ވެސް ކޯޗު ގްރެގޯރިއޯ ބުންޏެވެ.
"އޭނާ އެނބުރި ދިޔައީ މާހައުލަށް ހޭނެން އުނދަގޫވުމާއި އެއްބަސްވި ބައެއް ކަންކަން އެންމެ ރަނގަޅަށް ނުދިއުމުން. ތެދަށް ބުނަންޏާމުން ވީގޮތެއް ސީދާ އަހަރެންނަކަށް ވެސް ނޭނގެ. ހޯޒޭއާ ދެތިން ފަހަރަކު ވާހަކަދެކެވުނު. އެއީ އެއްފަހަރު ސީދާ ބައްދަލުކޮށް. އަނެއް ދެފަހަރު މެސެޖުން. އިއްޔެ [އަންގާރަ ދުވަހު] ވެސް އަހަރެންނަށް މެސެޖެއް ކުރި، 'ކޯޗު، މިހެންވީތީ ވަރަށް ދެރަވޭ، ކަންކަން ދިޔައީ މިވެނިހެންނޭ' ކިޔާފައި."
ހޯޒޯގެ ފުޓުބޯޅައިގެ ފަސްބަޔާ، ރާއްޖޭގައި އޮތް ވަސީލަތްތަކާ އެތައް އެތައް ގުނައެއް ތަފާތެވެ. މާލޭގައި ކްލަބްތައް ޕްރެކްޓިސް ކުރަނީ ހާފް ޕިޗްގަ އެވެ. ވާދަވެރި ދެ ކްލަބް އެއް ވަގުތެއްގައި އެއް ދަނޑެއްގައި ޕްރެކްޓިސް ކުރަން ޖެހުމަކީ ހައްލެއް ނުލިބި އޮތް މައްސަލައެކެވެ.
ލީގުގެ ގިނަ މެޗުތަކެއް ކުޅޭ މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގެ ހާލަތު އޮތީ އިންތިހާ އަށް ދަށުދަރަޖައެއްގަ އެވެ. ސިޑިބަރި އާއި ގޮޑިބަރީގެ ވީރާނާގެ ވާހަކަ ބާއްވާށެވެ. ދަނޑުގެ ވިނަގަނޑު އޮތީ ވެސް "ފެންވަރު ރަނގަޅު ގޭމެއް" ކުޅެވޭނެ ހާލަތެއްގައި ނޫންކަން ފާހަގަކޮށް ރާއްޖެ އާއި ބޭރުގެ ތަޖުރިބާކާރުން ވެސް މީގެކުރިން ވާނީ އެ ވާހަކަ ދައްކާފަ އެވެ.
ލިޣުގެ ނަމަށް "ޕްރިމިއާ"، ލަފްޒު 2015 ގައި އިތުރު ކުރި ނަމަވެސް، ލީގުގައި ޕްރީމިއަމް ކޮލިޓީއެއް ނެތްކަން، ހޮނިހިރު ދުވަހު ހަވީރު މާލޭގައި ކުޅުނު މެޗުން އެކަނި ވެސް އެނގޭނެކަމަށް ތަޖުރިބާކާރު އޮފިޝަލަކު ބުންޏެވެ.
ލީގުގައި މުޅިން އަލަށް ވާދަކުރާ ބިސް ބުރު ސްޕޯޓްސްގެ ޖޯޒީގެ ކުލަ އެ ޓީމާ ދެކޮޅަށް ކުޅުނު އީގަލްސްގެ ޖޯޒީއާ އެއްގަޮތްވުމުން ބޭނުން ކުރަން ޖެހުނީ ގައުމީ ޓީމުގެ ޕްރެކްޓިސް ކިޓެވެ.
މިކަހަލަ ހާލަތްތަކެއް ކުރިމަތިވާ ޑޮމެސްޓިކް ލީގެއްގައި އަދި ދަށް ހާލަތެއްގައި އޮތް ދަނޑުތަކެއްގައި ޕްރެކްޓިސްކޮށް މެޗު ކުޅެން ހޯޒޭ ބޭނުން ނުވުމަކީ، ހައިރާންވާން ޖެހޭ ސަބަބެއް ނޫން ކަމަށް ވެސް ތަޖުރިބާކާރު ބުންޏެވެ.