ވޯލްޑް އޯޝަން ޑޭ ފާހަގަ ކުރުމުގެ ގޮތުން ޕާލޭ މޯލްޑިވްސްއާ ގުޅިގެން އެމްއެންޔޫ އިން ސާފު ކުރުމުގެ ޕްރޮގުރާމެއް މިއަދު ކުރިއަށް ގެންގޮސްފި އެވެ.
އެމްއެންޔޫ އިން ބުނީ ގުޅީފަޅުގައި ކުރިއަށް ދިޔަ މި ހަރަކާތަކީ ބީޗަށް ލައްގާފައި ހުރި ކުނި ސާފު ކުރުމުގެ ހަރަކާތެއް ކަމަށެވެ. އަދި މި ހަރަކާތުގައި އެމްއެންޔޫގެ ސްޓާފުންނާއި އިސް ވެރިން ބައިވެރިވެ ވަޑައިގެންނެވި ކަމަށް ވެސް އެމްއެންޔޫ އިން ބުންޏެވެ. އެމްއެންޔޫ އިން ބުނީ މި ކްލީންއަޕް އިވެންޓުގައި ޖުމްލަ 333 ކިލޯގެ ކުނި ނަގާފައިވާ ކަމަށެވެ. އަދި މީގެ ތެރޭގައި 119 ކިލޯގެ ޕްލާސްޓިކު ކަމަށް ވެސް ބުންޏެވެ. އެމްއެންޔޫ އިން ބުނީ 35 ބައިވެރިންނާ އެކު ކުރިއަށްދިޔަ މި އިވެންޓުގައި ޕާލޭގެ އިސްވެރިންނާއި، އިންޑިއާ އަދި ލަންކާއިން ވަޑައިގެންނެވި ޕާލޭގެ އޮފިޝަލުން ވެސް ހިމެނޭ ކަމަށެވެ.
މިއީ އީޔޫ އިން ފަންޑުކޮށް ކުރިއަށް ގެންދާ "ޕްރޮމިސް ޕްރިވެންޝަން އޮފް މެރިން ލިޓާ ފޯ ލަގްޝްވަޑީޕް ސީ" ޕްރޮޖެކްޓުގެ ދަށުން ކުރިއަށް ގެންދިޔަ އިވެންޓެކެވެ. އެމްއެންޔޫ އަކީ އީޔޫގެ މި ޕްރޮމިސް ޕްރޮޖެކްޓުގެ ޕާޓްނަރެކެވެ. މި ޕްރޮޖެކްޓުގެ ދަށުން ހަތަރު އަހަރު ތެރޭގައި މޫދުން އެއް ޓަނުގެ ކުނި ނަގަން ޖެހޭ ކަމަށް އެމްއެންޔޫ އިން ބުންޏެވެ.
އެމްއެންޔޫ އިން މީގެ ކުރިން ވެސް ވަނީ މޫދާއި، ފަޅުތެރެ އަދި ބީޗް ސާފު ކުރުމުގެ އެކި ހަރަކާތްތަކެއް ހިންގައިފަ އެވެ. އަދި މި އަހަރު މިފަދަ އިތުރު ހަރަކާތްތަކެއް ކުރިއަށް ހުރި ކަމަށް ވެސް އެމްއެންޔޫ އިން ބުނެއެވެ.