ރޯދަމަހު އަހަރެމެން ކުރާ އަޅުކަންތައް އެތައް ގުނައަކަށް އިތުރު ކުރަމެވެ. ފަސްނަމާދުގެ އިތުރުން ތަރާވީހު ނަމާދާއި ދަމުނަމާދު ދޫކޮށްނުލަމެވެ. ގުރުއާން ކިޔެވުމާއި ސަދަގާތް ދިނުން ވެސް ރޯދަމަހު އިތުރު ކުރަމެވެ. 

އެކަމަކު، "މިހާރު"ގެ ނޫރުގެ މިއަދުގެ އެޕިސޯޑުގައި ޝައިހު އާޒިމް ޚާލިދު ސުވާލު އުފެއްދެވީ، އެ އަމަލުތައް ﷲ ގެ ހަޟްރަތަށް އުފުއްލެވޭތޯ އެވެ. އެއީ ގިޔާމަތް ދުވަހު ހިސާބު ބައްލަވާއިރު ﷲ ގެ ހަޟްރަތުގައި މަގުބޫލު އަމަލަކަށް ނުވެއްޖެ ނަމަ އެ ކަމާ ވަރަށް ބޮޑަށް ހިތާމަކުރާނެ އެވެ. 

ޝައިހު އާޒިމް ވިދާޅުވީ، އަނެއް މުސްލިމް އަޚާއާ މެދު އޮންނަ ގުޅުން ކަނޑާލައި، ހިތް ނުބައިކޮށްގެން އުޅޭ ނަމަ އެކަން އެ ގޮތަށް ކުރާ މީހެއްގެ އަމަލުތައް ﷲ ގެ ހަޟްރަތަށް އުފުލެއްވެން ހުއްޓިގެންދާ ކަމަށް ކީރިތި ރަސޫލާ ބަޔާން ކުރައްވާފައިވާ ކަމަށެވެ.

އެހެންވެ، ޝައިހު އެދިވަޑައިގަތީ އެފަދަ ގުޅުންތައް ކެނޑިފައިވާ ނަމަ އަވަސް އިސްވެ ގުޅުންތައް އިޔާދަ ކުރާށެވެ.

"އެއީ އަޅުގަނޑުމެންގެ އަމަލުތައް [ﷲ ގެ ހަޟްރަތަށް] އުފުއްލެވުން ނުވަތަ ނުއުފެއްލެވުން، މިކަމާ ގުޅިފައިވާ ނުރައްކާތެރިކަމެއް،" ޝައިހު އާޒިމް ވިދާޅުވި އެވެ.

ހާއްސަކޮށް ރަހިމުގެ ގުޅުން ނުވަތަ އެއްބަނޑުއެއްބަފާކަމުގެ ގުޅުން ކަނޑާލާފައިވާ ނަމަ އޭގެ ނުރައްކާ ވަކިން ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ. 

ހާއްސަކޮށް ރަސޫލާ ވަނީ އެފަދަ މީހުންނަށް އިންޒާރުގެ ބަސްފުޅު ވިދާޅުވެފައިކަން ޝައިހު ހަނދާން ކޮށްދެއްވި އެވެ.

"ރަހިމުގެ ގުޅުން ކަނޑައިފި މީހާ ސުވަރުގެ ނުވަންނަ ހުއްޓެވެ،" ރަސޫލާގެ އިންޒާރުގެ ބަސްފުޅުގެ މާނަގައިގައި ވެ އެވެ.