ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިންގެ ގްރޫޕަކުން ހަވާލުވާން އުޅޭ ކަމަށް "މިހާރަ"ށް އިތުބާރުހުރި ގޮތަކަށް ކަށަވަރުވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި ކްލަބުގެ ޗެއާމަންގެ މަގާމަށް ވަޑައިގަންނަވާނީ ދިވެހި ސިފައިންގެ ކްލަބުގެ ކުރީގެ ރައީސް މުހައްމަދު ޒިޔާދެވެ. އޭނާއާ އެކު ކްލަބުގެ އެގްޒެކެޓިވް ކޮމިޓީއަށް އަންނަ ބޭފުޅުންގެ ތެރޭގައި މަޝްހޫރު ވިޔަފާރިވެރިންނާއި ކްލަބަށް ކުރިން ހަރަދުކުރައްވާފައިވާ ބޭފުޅުންގެ އިތުރުން ކްލަބުގެ ސަޕޯޓަރުން ހިމެނެ އެވެ. މީގެ އިތުރުން ބޯޑަށް ވަޑައިނުގެންނެވި ނަމަވެސް ކްލަބަށް ހަރަދުކުރައްވަން ބައެއް ވިޔަފާރިވެރިން މިހާރު ވެސް ވަނީ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ.
ނިއުގެ މިހާރުގެ އެގްޒެކެޓިވް ކޮމިޓީގެ ދައުރު ހަމަނުވި ނަމަވެސް އެނގިފައިވާ ގޮތުގައި ކްލަބުގެ މުއައްސިސުންނާ އެއްބަސްވުމަކަށް އައިސް، އާ އިންތިހާބު މިމަސް ތެރޭގައި ބޭއްވުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.
"މިހާތަނަށް ވެސް ނިއުގެ މަސްއޫލުވެރިން ކަމަށްވާ ކުއީން އާއިލާ އިން މަޑުކޮށްގެން ތިބީ ސިޔާސީ ބަޔަކާ ކްލަބް ހަވާލުނުކުރަން ވެގެން. ކްލަބާ އަލަށް ހަވާލުވާ ބޯޑް ވެގެންދާނީ ކްލަބަށް ހަރަދުކުރާ އަދި ކްލަބަށް ކާމިޔާބީ ހޯދައިދޭނެ ބަޔަކަށް،" ނިއުގެ އޮފިޝަލަކު ބުންޏެވެ.
މީގެ ތެރެއިން ޒިޔާދު ވަނީ ސިފައިންގެ ކްލަބުގެ ރައީސްގެ މަގާމުގައި ހުންނަވައި އެ ކްލަބަށް ބޮޑެތި ކުރިއެރުންތަކެއް ގެންނަވައިފަ އެވެ. އޭނާގެ ދައުރުގައި ސިފައިންގެ ފުޓްބޯޅަ ޓީމް އެކުލަވާލާއި ރަނގަޅު ކާމިޔާބީތަކެއް ހޯދިއިރު މރ. އެމްއެންޑީއެފް މުބާރާތް ތައާރަފްކޮށް އަދި ސިފައިންގެ ވޮލީބޯޅަ ޓީމުން ވެސް ގިނަ ކާމިޔާބީތަކެއް ހޯދި އެވެ.
ނިއުއާ އަލަށް ހަވާލުވާން މަސައްކަތްކުރާ ގްރޫޕުން އަންނަނީ މިހާރު ވެސް ރާއްޖޭގެ ސީނިއާ ބައެއް ކުޅުންތެރިންނާ ވާހަކަދައްކަމުންނެވެ. އެގޮތުން އަންނަ ސީޒަނަށް ޓީމު ވަރަށް ބޮޑަށް ވަރުގަދަކުރަން މިހާރު ވެސް ވަނީ ޕްލޭން ހަދައިފަ އެވެ. އަދި ރާއްޖޭގެ މަތީ ފެންވަރުގެ ގިނަ ކުޅިވަރުތަކެއްގައި ނިއު އިން ވާދަކުރަން ވެސް ވަނީ މަޝްވަރާކޮށްފަ އެވެ.
އަލީ ވަހީދުގެ ޗެއާމަންކަމުގެ ދަށުން ނިއު 2012-2014 އަށް ވަރުގަދަ ބާރެއްގެ ގޮތުގައި އޮވެ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާއިރު މި އަހަރު ހަވާލުވި ބޯޑާ އެކު މި ސީޒަނުގައި ނިއު ފެނިގެން ދިޔައީ ވަރަށް ބަލިކަށިކޮށެވެ. އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފަސް ވަނަ އަށް ދިޔައިރު އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުން ފުރުސަތެއް ނުލިބެ އެވެ.
ނިއުގެ ބާނީ ކުއީން އަހުމަދު ވަހީދާއި ވިޔަފާރިވެރިޔާ މުހައްމަދު ވަހީދުއްދީން އަދި ކާމިނީޕޫލް ހަސަން މަނިކުގެ ދުވަސްތަކަށް ފަހު، ދެހާހުގެ އަހަރުތަކުގައި އެ ކްލަބް ގިނަ ދުވަސްތަކެއްވަންދެއް ހިންގެވީ އަލީ އާޒިމެވެ. އޭގެ ފަހުން އަލީ ވަހީދު ހަވާލުވި ނަމަވެސް އަބަދުވެސް ކްލަބުގެ ބޯޑުގައި ކުއީން ވަހީދުގެ އާއިލާގެ ބޭފުޅުން ތިއްބަވަ އެވެ.