އަބޫޖާ، ނައިޖީރިއާ (ޖެނުއަރީ 17) - އެފްރިކާގެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ މަގާމު ދެ ފަހަރު ހޯދާފައިވާ އާސެނަލްގެ ކުރީގެ ފޯވާޑް ންވަކްވޯ ކާނޫގެ ގެއިން ވައްކަންކޮށް ހުރިހާ މެޑަލްތަކެއް ގެއްލުމުން އޭނާ އަށް ބޮޑު ހިތާމައެއް ލިބިއްޖެ އެވެ.

ވިހި އަހަރު އެންމެ މަތީ ފަންތީގައި ފުޓްބޯޅަ ކުޅުނު ކާނޫ ހޯދާފައިވާ ހުރިހާ މެޑަލްތަކެއް ބަހައްޓާފައިހުރީ ލާގޯސްގައި ހުންނަ އޭނާގެ ގެޔެއްގަ އެވެ. މި ގެ އަކީ ކޯޓުގައި ހިންގަމުން އަންނަ ފައިސާގެ މައްސަލައަކާ ގުޅިގެން މި ވަގުތު ބޭނުންނުކޮށް ހުރި ގެޔެކެވެ. ކާނޫ އަށް އެ ވަގަންނަގާފައި ހުރިކަން އެނގުނީ އޭނާގެ ބައެއް ސާމާނު ހޯދަން އެ ގެއަށް ދިއުމުންނެވެ.

"މިއީ އަހަރެންގެ ހަޔާތުގައި ދިމާވި އެންމެ ހިތްދަތި ދުވަސް. އަހަންނަށް ނޭނގެ މިކަން އަހަންނަށް ދިމާވި ސަބަބެއް." ނައިޖީރިއާގެ މީޑިއާ އަށް އާސެނަލަށް ކުރިން ކުޅުނު ކާނޫ ބުންޏެވެ. "އަހަރެން ހޯދި ހުރިހާ މެޑަލްތަކާއި އަހަރެން އެންމެ ފަހުރުވެރިވާ އޮލިމްޕިކްގެ ޓޯޗް ވެސް ގެއްލުނީ. އަހަންނަށް ނޭނގޭ މިތަކެތި އަލުން ހޯދަން ދާނީ ކާކު ގާތަށް ކަމެއް."

މިކަމާ ބެހޭގޮތުން ނައިޖީރިއާގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް އަމާޖޫ ޕިނިކް ވިދާޅުވީ މެޑަލްތައް ގެއްލުމުން ކާނޫ އަށް ވަނީ ބޮޑު ގެއްލުމެއްވެފައި ކަމަށާއި ނަފްސާނީ ގޮތުން ވެސް އޭނާ އަށް އަސަރުކޮށްފައިވާ ކަމަށެވެ.

"ކާނޫ ވަނީ މި ގައުމުގެ ނަން ފަހުރުވެރިކޮށްދީފައި. އޭނާ އަކީ ގައުމީ ބަތަލެއް. އެ ފަދަ ކުޅުންތެރިއަކު ނުހަނު ބުރަކޮށް މަސައްކަތްކޮށް ހޯދި އެ ކާމިޔާބީތަކުގެ މެޑަލް އޭނާ އަތުން ގެއްލުމަކީ އާދައިގެ ކަމެއް ނޫން. އަހަރެން ގޮވާލަން ނައިޖީރިއާ ފުލުހުންނަށް މިކަން ތަހުގީގުކޮށް ވީހާ އަވަހަކަށް އެ ތަކެތި ކާނޫ އަށް ހޯދައިދޭން،" ޕިނިކް ވިދާޅުވި އެވެ.

މިހާރު އުމުރުން 42 އަހަރުގެ ކާނޫ އޭނާގެ ކެރިއަރު ފެށީ 1992 ވަނަ އަހަރު ނައިޖީރިއާގެ ނެޝަނަލް ކްލަބުންނެވެ. ޖެހިގެން އައި އަހަރު ނެދަލެންޑްސްގެ ގަދަބާރު އަޔަކްސް އަށް ބަދަލުވި އެވެ. އަޔަކްސްއާ އެކު ނެދަލެންޑްސްގެ ލީގު ތިން ފަހަރު ކާމިޔާބުކޮށް ޗެމްޕިއަންސް ލީގާއި ސުޕަ ކަޕް ކާމިޔާބުކުރި އެވެ. އޭގެ ފަހުން އިންޓަ މިލާނަށް ތިން އަހަރު ކުޅެ އެ ޓީމާ އެކު ވެސް ޔުއެފާ ކަޕް ކާމިޔާބުކުރި އެވެ.

އާސެން ވެންގާގެ ހުށަހެޅުމަށް އާއެކޭ ބުނެ 1999 ވަނަ އަހަރު އާސެނަލަށް ބަދަލުވެ ކާނޫ ވަނީ 2004 ވަނަ އަހަރު މެޗަކުން ބަލިނުވެ އިނގިރޭސި ޕްރިމިއާ ލީގު ތަށި އުފުލާލި އާސެނަލް ޓީމުގައި ހިމެނިފަ އެވެ. އޭގެ ފަހުން އޭނާ ފެނުނީ ވެސްޓް ބްރޮމް އާއި ޕޯޓްސްމައުތުންނެވެ. ކާނޫ ވަނީ ނައިޖީރިއާގެ ޒުވާން ޓީމާ އެކު 1996 ވަނަ އަހަރުގެ އޮލިމްޕިކް ރަން މެޑަލް ހޯދައިފަ އެވެ.