ނިއާމޭ (އޮގަސްޓް 20) - މުސްލިމުންގެ އަޟްހާ އީދު ފާހަގަ ކުރަން ތައްޔާރުވާ އިރު ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ނައިޖަރުގެ ރައްޔިތުން ދަނީ އުޟުހިއްޔާ ކަތިލުމަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.
މުސްލިމް ކޮންމެ އާއިލާއަކުން ވެސް ދަނީ ގެރިއެއް ނުވަތަ ކަންބަޅިއެއް ހޯދާ އޭގެ މަސް ރޯސްކޮށް، ކެވޭތޯ މަސައްކަތް ކުރަމުންނެވެ. ކަތިލާ ޖަނަވާރުގެ މަސް ރޯސް ކުރަން ނައިޖަރުގައި އާއްމުކޮށް ބޭނުން ކުރަނީ ދަރެވެ. މުޅި އަހަރުގައި ބޭނުންކުރާ ދަރުގެ ފަސްބައިކުޅަ އެއްބައި މި އީދުގައި ވެރިރަށް ނިއާމޭގައި އެކަނިވެސް ބޭނުންކުރާނެ ކަމަށް ބެލެވެ އެވެ.
ނައިޖަރުގައި ދަރު ހޯދަން ދަނީ ޖަންގަލިތަކުން ގަސްކަނޑަމުންނެވެ. މި އީދުގައި ނައިޖަރުގެ ވެރިރަށުގައި އެކަނި ވެސް 400،000 ކަންބަޅި ނުވަތަ ގެރި ކަތިލާނެ ކަމަށް ލަފާކޮށްފައިވެ އެވެ. މި ހުރިހާ ކަންބަޅިއެއް ރޯސްކުރަން 50،000 ޓަނުގެ ދަރު އަންދާނެ ކަމަށް ލަފާކުރެވެ އެވެ.
އެހެންވެ ނައިޖަރުގެ ތިމާވެއްޓާ ބެހޭ އެޖެންސީން ވަނީ ގެރި އާއި ކަންބަޅި ފިހުމަށް ދަރުގެ ބަދަލުގައި ކޯލް ބޭނުން ކުރަން އެދިފަ އެވެ. އަދި މާގިނައިން ދަރު އުފުލާ ޓްރަކްތައް ހުއްޓުވާނެ ކަމަށް އެ އެޖެންސީން ވަނީ ބުނެފަ އެވެ.