ނިއާމޭ (ޖޫން 2) - ނައިޖަރުގެ އުތުރުން އޮންނަ ސަހަރާއެއްގައި ދަތުރު ކުރަމުން ދިޔަ ބައެއްގެ އަތުން ފެން ހުސްވެ ކަރުހިއްކައިގަތުމުގެ ސަބަބުން 44 މީހުން މަރުވެފައިވާ ކަމަށް ސަލާމަތްވި މީހުންނާ ހަވާލާދީ ރެޑް ކްރޮސް އިން ބުނެފި އެވެ.

ސަހާރާގައި ކުރި ދަތުރުން ސަލާމަތްވީ ހަ އަންހެނުންނެވެ. އެ މީހުން ވަނީ ހިނގާފައި ގޮސް ނައިޖަރުގެ އުތުރުން އޮންނަ އަވަށަކަށް ވާސިލްވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަ ކުދިން ވެސް ހިމެނެ އެވެ.

ގާނާ އާއި ނައިޖީރިއާގެ ބަޔަކު ސަހަރާގައި ދަތުރުކޮށްފައި ދިޔައީ ލީބިއާ އަށް ދިއުމަށެވެ. ބޭނުމަކީ މެޑިޓެރޭނިއަން ކަނޑު ހުރަސްކޮށް ބޯޓު ފަހަރުގައި ޔޫރަޕަށް ދިއުމެވެ. މެޑިޓެރޭނިއަން ހުރަސް ކުރުމުގައި ކަނޑުވެގެން ވެސް އެތައް ބަޔަކު މަރުވެ އެވެ. މި ދަތުރުގައި އެންމެ ނުރައްކާ އެއް ދަތުރަކީ ސަހަރާ ހުރަސް ކުރުމެވެ. ސަހަރާގެ ދަތުރުގައި ގިނަ މީހުން ކަރުހިތްގައިގަނެގެން ގޮސް މަރުވަނީ ބޭނުންވާ ވަރަށް ފެން ނުލައިި ދަތުރު ކުރާތީ އެވެ.

އަލްޖީރިއާ އާއި ނައިޖަރުގެ ބޯޑަރު ކައިރިން ސަހަރާ ތެރޭން މިދިޔަ އަހަރުގެ ޖޫން މަހު ވެސް ވަނީ 34 މީހެއްގެ ހަށިގަނޑު ފެނިފަ އެވެ. އޭގެ ތެރޭގައި 20 ކުޑަ ކުދިން ވެސް ހިމެނެ އެވެ. އެ މީހުން ވެސް މަރުވެފައި ވަނީ ފެން ނުލިބުމުން ކަމަށް ބެލެވެ އެވެ.