މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ މީހުން މާލޭގެ މަގުމައްޗާއި އާއްމު ތަންތަނުގައި ނިދައި އުޅެނީ އެ މީހުން އެ ގޮތަށް ބޭނުންވާތީ ކަމަށާއި ބޭނުން ނަމަ ފަރުވާގެ ނިޒާމު ހުޅުވިފައި އެބައޮތް ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ބޯޑުގެ ޗެއާމަން ޝަމާއު ޝަރީފު ވިދާޅުވެއްޖެ އެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރައްވާ ޝަމާއު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މަގުމަތީގައި ދިރިއުޅޭ މީހުންގެ އަދަދު އިތުރުވީ ކޮވިޑު-19 އަށް ފަހު ރަށްރަށުގައި ފަރުވާގައި ތިބި ގިނަ ބަޔަކު މާލެ އަށް ބަދަލުވުމުން ކަމަށެވެ. އޭގެ އިތުރުން މަސްތުވާން ބޭނުންކުރާ އައްޑާތައް ބަންދުކުރުމަކީ ވެސް އެ މީހުން މަގުމަތީގައި ތިބެން ޖެހުނު އެއް ސަބަބު ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މީހުން ފަރުވާ އަށް ކޮންމެވެސް ވަރަކަށް ގެންގޮސްފައި ހުންނާނެ. މީހުން ފޮނުވައިގެން، އެޕްރޯޗްކޮށްގެން ފަރުވާ އަށް ފޮނުވަން. މަގުމަތިން ފެނިގެން ހިފައި ހައްޔަރުކޮށްގެން ނުގެންދެވޭނެ. މަގުމަތީގައި ތިބޭ މީހުން ވޮލެންޓިއާކޮށް ދާން ބޭނުންވަންޏާ އެ މީހުން ޖެހޭނީ އެ ތަނަށް ދާން. އެއްބަސްވި ބައެއް މީހުން ޑިޓޮކްސްކޮށް ރިހެބިލިޓޭޝަން ސެންޓަރަށް ފޮނުވަން ފަށައިފިން،" ޝަމާއު ވިދާޅުވި އެވެ.

މަގުމަތީގައި އުޅޭ މީހުންގެ ތެރެއިން ބައެއް މީހުންނާ ވާހަކަދައްކައި، އެ މީހުން ވެސް އަމިއްލައަށް ބޭނުންވެގެން ފަރުވާއަށް ގެންގޮސްފައިވެ އެވެ. އޭގެ ތެރެއިން ބައެއް މީހުން މެޑިކަލް ހައްދަން ގެންދިއުމުން ހޮސްޕިޓަލާ ހިސާބުން ފިލައިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކާނިވާ ސްޓޭޖުގައި މީހަކު ނިދާފައި އޮތް މީހެއް. މިމީހުން ނިދަން ބޭނުން ކުރަނީ ޕާކުތަކާއި އަނދިރި ފަޅު ތަންތަން.-- ފޮޓޯ: ނިޝާން އަލީ/މިހާރު
ކާނިވާ ސްޓޭޖުގައި މީހަކު ނިދާފައި އޮތް މީހެއް. މިމީހުން ނިދަން ބޭނުން ކުރަނީ ޕާކުތަކާއި އަނދިރި ފަޅު ތަންތަން.-- ފޮޓޯ: ނިޝާން އަލީ/މިހާރު

މި މަހު އެކަނި ވެސް އެގޮތަށް އަށެއްކަ މީހުން ފިލައިގެން ގޮސްފައިވާ ކަމަށް ޝަމާއު ވިދާޅުވި އެވެ.

"މަގުމަތީގައި މީހުން ތިބެގެން، ބަޔަކު ބުނެގެނެއް ނޫން. އަޅުގަނޑުމެން އަމިއްލައަށް ގޮސްފައި ސިސްޓަމްގެ ތެރެއަށް ވެއްދޭނެ ގޮތެއް ހޯދަން ޖެހޭތާ. ސިސްޓަމް ތެރެއަށް ވަދެވޭނީ މި މީހުން އަމިއްލައަށް ވޮލެންޓިއާކޮށްގެން. އެހެންނޫނީ ޖެހޭނީ ފުލުހުން މެދުވެރިކޮށް އަންނަން، ކޯޓު މެދުވެރިކޮށް. ދެ ގޮތް މި އޮންނަނީ [ފަރުވާއަށް] އަންނަން،" މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ފަރުވާގެ ކަންކަމުގައި އިސްކޮށް އުޅޭ ޖަމިއްޔާތަކާއި މަގުމަތީގައި އުޅޭ ހާލަތު ރަނގަޅަށް ދަންނަ މީހުން، އެ މީހުން އާއްމުކޮށް ނިދާ ތަންތަނަށް ފޮނުވައި ފަރުވާ އަށް ދިއުމަށް ބާރުއަޅައި ވާހަކަދައްކާ ކަމަށެވެ. އެ ވާހަކަދެއްކުމުގައި، ފަރުވާ އަށް ދާން އެއްބަސްވާ މީހެއް ނަމަ ރިހެބިލިޓޭޝަނަށް ފޮނުވަ އެވެ.

"މަގުމަތީގައި ނިދާފައި އޮތް މީހެއް ގޮވައިގެން އަޅުގަނޑު ވެސް ދިޔައިން ފަރުވާ އަށް ގޮވައިގެން، އިތުރު ބަޔަކު ގެންދިޔަ ދުވަހެއްގައި،" އޭނާ ވިދާޅުވި އެވެ.

"މަގުމަތީގައި ތިބެނީ އަމިއްލައަށް ބޭނުންވާތީ."

ޝަމާއު ވިދާޅުވީ މަސްތުން ސަލާމަތްވެ، ރަނގަޅުވާން ބޭނުންވާ މީހާއަށް ކިތަންމެ މަދު ނަމަވެސް ކޮންމެވެސް ގޮތެއް ރާއްޖޭގައި އެބައޮތެވެ.

އެކަމުން ސަލާމަތްވާން އޮތް ފަރުވާގެ ފުރުސަތު ލަސް ކަމަށާއި ނަމަވެސް މަގުމަތީގައި ދިރިއުޅޭ މީހުންނަށް ކިއުގައި ނުޖެހި ފަރުވާއަށް ފޮނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ޕްލޭނަކީ ރާއްޖޭގައި ހުރި ހެލްތު ފެސިލިޓީތައް ބޭނުންކޮށްގެން މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމެވެ. އެގޮތުން، މި އަހަރުގެ ތެރޭގައި ހަ ސަރަހައްދެއްގައި އެ މަސައްކަތް ޕައިލެޓުކޮށް، ކުރިއަށް އޮތް ތަނުގައި ހެލްތުގެ ދަށުގައި އޮތް 186 ހެލްތު ފެސިލިޓީ މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭރުން ހަމަގައިމު ވެސް މާލޭގެ މަގުމަތިން މި ފެންނަ މީހުންނެއް ނުފެންނާނެ،" ޝަމާއު ވިދާޅުވި އެވެ.

މި އަހަރު ގިނަ ކަންކަން ތަންފީޒުކުރަން ފަށައި، އަންނަ އަހަރު ކޮންމެ ވެސް އެނގުން ވާން ފަށާނެ ކަމަށް ޝަމާއު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ޔަގީންވާ އެއް ކަމަކީ އަޅުގަނޑުމެން މި ގާއިމްކުރާ ސްޓްރެޓަޖީތަކާއި ޕޮލިސީތަކުގެ ތެރެއިން ހަމަ ގައިމު ވެސް ގިނަ ބަދަލު ފެންނާނެ،" އޭނާ ވިދާޅުވި އެވެ.