ކުރީގެ އަރަބިއްޔާ ސްކޫލާއި ގާކޮށި ހުރި ބިމުގައި އިންޑިއާގެ ޓާޓާ ހައުސިން އިން އިމާރާތްކުރި ފްލެޓްތައް ލިބުނު މީހުން އިއްޔެ ހަވީރު ކުރި މުޒާހަރާގެ ފޮޓޯތައް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕް (ޕީޖީ) ގެ ވައިބާ އަށް ލުމުން، ރައީސް އަބްދުﷲ ޔާމީން އެކަމާ ކޯފާވެއްޖެ އެވެ.

ޓާޓާ ފްލެޓް ލިބުނު މީހުން ޑައުންޕޭމަންޓް ކުޑަކޮށްދިނުމަށް ގޮވާލައި ގާކޮށި ކައިރީގައި ކުރި މުޒާހަރާގެ ފޮޓޯތައް ވައިބާ ގްރޫޕަށް އިއްޔެ ލެއްވީ މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދެވެ.

ޕީޕީއެމްގެ މަޖިލިސް މެމްބަރަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި މާލޭ ސްކެއާ ފްލެޓްތައް ކުރިމަތީގައި މުޒާހަރާ ކުރި މީހުންގެ ފޮޓޯތައް އަސްމާ ވައިބާ ގްރޫޕަށް ފޮނުއްވީ، މުޒާހަރާ ހިނގަމުން ދިޔަ ވަގުތުގަ އެވެ. އަދި އެކަމާ ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާ ކަމަށާއި މިނިސްޓަރުންނާ ވާހަކަ ދައްކަވައިގެން އެ މައްސަލާގައި ކުރިއަށް ވަަޑައިގަތުމަށް ރައީސް އެދިވަޑައިގެންނެވި ކަމަށް "މިހާރު" އަށް މެމްބަރަކު ވިދާޅުވި އެވެ.

"ރައީސް ވިދާޅުވި އެ ގޮތަށް ފޮޓޯލުމުން ވަރަށް ހިތްހަމަނުޖެހޭ ކަމަށް. ވަރަށް ދެރަވާ ކަމަށް ވިދާޅުވި،" މައުލޫމާތު އެނގިވަޑައިގަންނަވާ އެ މެމްބަރު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ އެ މެސެޖުގެ ޖަވާބުގައި އަސްމާ މައާފަށް އެދިވަޑައިގެން، ފޮޓޯތައް ފޮހެލި ކަމަށް ވެ އެވެ. އަދި އެއްވެސް ބޭފުޅަކަށް އުނދަގޫވާ ނަމަ، ވައިބަ ގްރޫޕުން ބޭރުކޮށްދިނުމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާންގެ އަރިހުން އަސްމާ އެދިވަޑައިގަތެވެ.

"...އަދި [ފްލެޓްތަކަށް ޑައުންޕޭމަންޓް ދެއްކުމާއި މުޒާހަރާ ކުރި މީހުންގެ ކަންބޮޑުވުންތައް] އެކަމުގައި ހައްލެއް ލިބޭނީ ރައީސަށް ކަމަށް ވިދާޅުވި،" ރައީސް ޔާމީނާއި އަސްމާއާ ދެމެދު ވައިބަ ގުރޫޕުގައި ހިނގި މުއާމަލާތުތަކާ ގުޅޭ މައުލޫމާތު އެނގިވަޑައިގަންނަވާ މެމްބަރު ވިދާޅުވި އެވެ.

ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ވައިބަ ގުރޫޕުގެ މި މެސެޖްތަކާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލު ދެންނެވުމުން އެ ވާހަކަތައް އަސްމާ ދޮގެއް ނުކުރައްވަ އެވެ. އަދި އެކަމާ ގުޅޭ ގޮތުން އޭނާ ވާހަކައެއް ވެސް ނުދެއްކެވި އެވެ.

ފްލެޓްތަކަށް ފައިސާ ދެއްކުމަށް ލުއި ގޮތްތަކެއް ހަމަޖައްސައި ދިނުމަށް އެދި ގޮވާލައި އިއްޔެ ހަވީރު ހިމޭން މުޒާހަރާ ފެށިތާ މާ ގިނައިރެއް ނުވަނީސް ފުލުހުން ވަނީ އެއްވި މީހުން ފޮނުވާލައިފަ އެވެ.

ފްލެޓްގެ އަގު ކަމަށްވާ ދެ މިލިއަން ރުފިޔާގެ ޑައުން ޕޭމަންޓް ދެއްކޭނެ ގޮތް ނުވެގެން އެތައް ބަޔަކު އަންނަނީ ޝަކުވާކުރަމުންނެވެ. ފްލެޓްތަކާ މިހާރު ހަވާލުވެފައިވާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗުޑީސީ) އިން މިދިއަ ބުރާސްފަަތިދުވަހު އަންގާފައި ވަނީ ފްލެޓް ގަންނަން ލޯނު ލިބުނުކަމުގެ ލިއުން އެ ކުންފުންޏަށް، އަންނަ މަހު 26 ގެ ކުރިން ހުށަހެޅުމަށެވެ.

ޑައުން ޕޭމަންޓަށް 400،000ރ ދެއްކޭނެ ގޮތް ނެތިގެން އެ ޝަކުވާ ހިފައިގެން ބައެއް މީހުން ވަނީ އެޗުޑީސީ އަށާއި ހައުސިން މިނިސްޓްރީ އަށް ގޮސްފަ އެވެ.