ދިފާއީ އެކިއެކި އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގެ އެކި ތަންތަނުގައި ހަރަކާތްތެރިވަމުން އަންނަ އިންޑިއާ ސިފައިން ރާއްޖޭން ފޭބުމަށް ގޮވާލައި މާލޭގައި މިއަދު ހިނގައިލުމެއް ބާއްވައިފި އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން އިންތިޒާމްކޮށްގެން "މިނިވަންކަމުގެ ހިނގައިލުން" ނަމުގައި މިއަދު ހަވީރު ބޭއްވި ހިނގައިލުން ކުރިއަށް ގެންދިޔައީ ބޮޑުތަކުރުފާނު މަގުން ޕީޕީއެމްގެ އޮފީސް ކުރިމަތިން ފަށައިގެން އަމީނީ މަގާއި ބޮޑުތަކުރުފާނު މަގުގަ އެވެ. ގިނަ އަދަދެއްގެ މީހުން ބައިވެރިވި އެ ހިނގައިލުން ކުރިއަށް ދިޔައީ ފުލުހުންގެ އިރުޝާދާ އެއްގޮތަށް ސުލްހަވެރިކަމާ އެކުގަ އެވެ. ހަވީރު 4:00 ގައި ފެށި އެ ހިނގައިލުން 6:00 އެހާކަށް ހާއިރު ނިންމައިލީ ވެސް ޕީޕީއެމްގެ އޮފީސް ކުރިމަތިން އާޓިފިޝަލް ބީޗް ސަރަހައްދަށެވެ.

ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ގިނަ ބޭފުޅުން އިސްކޮށް ތިއްބެވި އެ ހަރަކާތުގައި ޕީއެންސީގެ ރައީސްް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެ ހަރަކާތަކީ "އެއްވެސް ހާލެއްގައި ސިޔާސީ ހަރަކާތެއް ނޫން" ކަމަށެވެ. އެހެން ނަމަވެސް އެއީ ރައްޔިތުން ނުކުތް ނުކުތުމެއް ކަމަށާއި ރައްޔިތުންގެ އަޑު އުފުލުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންޑިއާ ސިފައިން ރާއްޖޭން ބޭލުމަށް ގޮވާލައި މާލޭގައި މިއަދު ހިނގައިލުމެއް ބާއްވަނީ. ފޮޓޯ: ނިޝާން އަލީ/މިހާރު
އިންޑިއާ ސިފައިން ރާއްޖޭން ބޭލުމަށް ގޮވާލައި މާލޭގައި މިއަދު ހިނގައިލުމެއް ބާއްވަނީ. ފޮޓޯ: ނިޝާން އަލީ/މިހާރު

"މިއީ ރައްޔިތުންގެ ޝުއޫރު ފާޅުކުުރުމެއް. އަޅުގަނޑުމެން މި ބުނަނީ އަޅުގަނޑުމެންގެ ގައުމުގެ ފަސްގަނޑުގައި ބޭރުގެ ސިފައިން ތިބޭކަށެއް އަޅުގަނޑުމެން ދިވެހި ރައްޔިތުން ބޭނުމެއް ނޫނޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ރާއްްޖޭގެ މިނިވަންކަން ދަމަހައްޓާނީ ދިވެހި ރައްޔިތުން ކަމަށާއި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓާނ ދިވެހި ސިފައިންނާއި ފުލުހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހދ. ހަނިމާދު އާއި އުތުރު ތިލަފަޅާއި އެނޫން ވެސް ތަނެއްގައި އިންޑިއާ ސިފައިން ތިބި ނަމަ އެ މީހުން ފޮނުވައިލުމަށް އޭނާ ސަރުކާރަށް ގޮވައިލެއްވި އެވެ. އެކަމަށް ގޮވައިލަނީ މަދު ބައެއް ނޫންކަން މިއަދުގެ ހިނގައިލުމުން އެނގިގެން ހިނގައްޖެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކޮވިޑްގެ ބަލިމަޑުކަމާ ހެދި ރަށްރަށް ބަންދުކޮށްފައި ހުރުމުން ހިނގައިލުމަށް ނާދެވި އެތައް ބަޔަކު އެބަ ތިބި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ހިނގައިލުމުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލި ސައީދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.