ވިލާ ކޮލެޖުގައި ހިންގާ އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓު އޮފް އިންގްލެންޑު (ޔޫވީ) ގެ ދަސްވެނިވުން ރޭ ފަށައިފި އެވެ. އެ ރަސްމިއްޔާތުތައް ގެންދަން ނިންމާފައިވަނީ މިރެއާ ހަމައަށް، ތިން ދަންފަޅިއަކަށް ބަހާލައިގެންނެވެ.
ޔޫވީގެ ޑިގްރީ އަދި މާސްޓާސްގެ ތަފާތު 16 ޕްރޮގްރާމަކުން 687 ދަރިވަރުން ދަސްވެނިވާނެ އެވެ. އެއީ މިދިޔަ އަހަރާއި މި އަހަރު ކޯސްތައް ނިންމި ދަރިވަރުންނެވެ.
ވިލާ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގައި ވައިސް ޗާންސެލަރު ޑރ. އަލީ ނަޖީބު ވިދާޅުވީ، މި ފަހަރު ދަސްވެނިވާ ދަރިވަރުންގެ ތެރެއިން 68 ޕަސެންޓަކީ އަންހެނުން ކަމަށެވެ. އެ އަދަދު، އަންޑަ ގްރެޖުއޭޓު ޕްރޮގްރާމްތަކުގައި ހުރީ 72 ޕަސެންޓުގަ އެވެ. އެއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ އަންހެނުންނަށް މަތީ ތައުލީމު ފޯރުކޮށްދިނުމުގައި ވަރަށް ބޮޑު ކާމިޔާބީއެއް،" ޑރ. ނަޖީބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކައުންޓިން އެންޑް ފައިނޭންސް ދާއިރާއިން 151 ދަރިވަރަކު އަދި ނާސިން އެންޑް ޕަބްލިކް ހެލްތުން 191 ދަރިވަރަކު ދަސްވެނިވާނެ ކަމަށެވެ. އެ ދަރިވަރުންނަކީ ސްކިލްސް ޑިވެލޮޕް ކުރަން ކުރާ މަސައްކަތަށް ބޮޑު އެހީއަކަށް ވާނެ ކަން ޑރ. ނަޖީބު ފާހަގަކުރެއްވި އެވެ.
ވިލާގެ ޕްރޮގްރާމްތައް ނިންމި ދަރިވަރުންގެ ދަސްވެނިވުން މިދިޔަ މަހު ވަނީ ބާއްވައިފަ އެވެ. އެ ބުރު 1،459 ދަރިވަރުން ދަސްވެނިވިއިރު، ޔޫވީގެ ޕްރޮގްރާމްތަކާއެކު މި އަހަރު 2،146 ދަރިވަރުން ވަނީ ޑިގްރީ އާއި މާސްޓާސްގެ ޕްރޮގްރާމްތަކުން ދަސްވެނިވެފަ އެވެ.
އެ ކޮލެޖުގެ ރެކްޓަރު ޑރ. އަހުމަދު އަންވަރު ވިދާޅުވިގޮތުގަިއ، ޔޫވީގެ ސަބަބުން ވިލާގެ ގަދަރު ވަނީ އުފުލިފަ އެވެ. ކޮވިޑުގެ ހާލަތުގައި ގޮންޖެހުންތަކާއެކު ކިޔެވުން ފުރިހަމަ ކުރުމަކީ ކުރިއަށް އޮތް ތަނުގައި މަސައްކަތުގައި އަދި ދިރިއުޅުމުގައި ދިމާވެދާނެ ގޮންޖެހުންތައް ހުރަސް ކުރެވޭނެ ކަން އަންގައިދޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޑރ. އަންވަރު ވިދާޅުވީ އަންނަމުންދާ ބަދަލުތަކާއި ހާލަތަށް ބަލައި ރާއްޖެ އަށް އެންމެ ފައިދާ ހުރި ގޮތަކަށް ޕްރޮގްރާމްތައް މުރާޖައާ ކުރަމުން އަންނަ ކަމަށެވެ. އަދި އެ ކޮލެޖުގައި ކިޔަވައިދިނުމާ އެއްވަރަށް އިސްކަންދޭ ކަމަކީ، އޭނާ ވިދާޅުވި ގޮތުގައި، ދަރިވަރުންގެ ކިބައިގައި ރީތި އަހުލާގު އަށަގަންނައި ދިނުމެވެ.
ޔޫވީގެ ވައިސް ޗާންސެލަރު ޕްރޮފެސާ ސްޓީވް ވެސްޓު ވިދާޅުވީ، ފާއިތުވި ދުވަސްތައް ކިތަންމެ ދަތިކޮށް ދިޔަ ނަމަވެސް އެ ދަރިވަރުންގެ ކިޔެވުން ފުރިހަމަކޮށް، ނަތީޖާ ހާސިލު ކޮށްފައިވާ ކަމަށެވެ. އެއީ ފާހަގަކުރަންޖެހޭ ދުވަހެއް ކަމަށް، ވީޑިއޯ މެދުވެރިކޮށް ދެއްވި މެސެޖުގައި ސްޓީވް ވިދާޅުވި އެވެ.
މަސައްކަތުގެ މާހައުލަށް ޔަގީންކަމާއެކު ނުކުތުމަށް ވަޒީފާ ދޭ ފަރާތްތަކުން ބޭނުންވާ ހުނަރުތައް އެ ދަރިވަރުންގެ ކިބައިގައި ހުރި ކަމަށް ވިދާޅުވެ، ސްޓީވް ވަނީ އެ ކިޔެވި އެއްޗެއްގެ ބޭނުން ހިފުމަށް އެދިވަޑައިގެންފަ އެވެ.