އިންޑިއާ އަކީ ރާއްޖޭގެ އެންމެ އިތުބާރު ހިފޭ އަވަށްޓެރި އެކުވެރިޔާ ކަމަށް ފޮރިން މިނިސްޓަރު އަަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ހިލޭ އެހީގައި ރާއްޖޭގައި ހިންގާ އަށް މަޝްރޫއެއްގެ އެއްބަސްވުމުގައި ސޮއިކުރަން ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގެެން ދެއްްވި ބަޔާނުގައި ޝާހިދު ވިދާޅުވީ، އިންޑިއާއަކީ އެންމެ އިތުބާރު ކުރެވޭ އެކުވެރިޔާކަން ކަން އެ ގައުމުން މިދިޔަ 50 އަށް ވުރެ ގިނަ އަހަރުގެ ތެރޭގައި ސާބިތު ކޮށްްދީފައިވާ ކަމަށެވެ.
ރާއްޖެ އާއި އިންޑިއާ އިން ޑިޕްލޮމެޓިކް ގުޅުން ގާއިމު ކުރިތާ 56 އަހަރު ފުރޭނީ އަންނަ ނޮވެމްްބަރު މަހުގެ ފުރަތަމަ ދުވަހު ކަމަށް ވިޔަސް ޝާހިދު ވިދާޅުވީ، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމަށް އެ އަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ.
"މިދިޔަ 50 އަށް ވުރެ ގިނަ އަހަރުގެ ތެރޭގައި އިންޑިއާ އިން ވަނީ އެ ގައުމަކީ ރާއްޖެއާ އެންމެ ގާތް، އެންމެ އިތުބާރު ހިފޭ އަވަށްޓެރި އެކުވެރިޔާ ކަން ސާބިތު ކޮށްދީފައި. ހަމަ އެހެންމެ، ކޮންމެ ވަގުތެއްގައި ވެސް ބަރޯސާ ވެވޭ އެކުވެރިއެއްކަން [ސާބިތު ކޮށްދީފައި] އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަނި އާ ހަރުަފަތަކަށް ދަތުރުކޮށްފަ އެވެ. ދެގައުމުގެ ފަރާތުން ކުރާ ޒިޔާރަތްތައް އިތުރުވުމަކީ އޭނާ ވިދާޅުވިގޮތުގައި އޭގެ އެއް ސަބަބެވެ.
އިންޑިއާގެ ހިލޭ އެހީން ހިންގަން މިއަދު ސޮއިކުރި މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ ރަށްތަކަށާއި ސަރުކާާރުން ގެންގުޅޭ ޑިސެންޓްރަލައިޒް ކުރުމުގެ ސިޔާސަތަށް ފައިދާވާނެ ކަމަށް ވެސް ހާރިޖީ ވަޒީރު ވިދާޅުވި އެވެ. އެއީ އަތޮޅުތެރޭގެ ރަށްތައް ތަރައްގީ ކުރައްވަން ރައީސް ގެންގުޅުއްވާ ތަސަައްވުރު ދައްކައިދޭ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
"ހާ'އްސަކޮށް އަންހެނުންނާއި ޒުވާނުން ބާރުވެރި ކުރުވުމަށް ވަޒީފާތައް އިތުރުކުރުމާއި އިގްތިސާދީ ހިންގުންތަކަށް ފުރުސަތު ދިނުމާއި ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ހިތްވަރުދިނުމާއި މި ހުރިހާ ކަމެއްގެ ޒަރިއްޔާ އިން ގޭބިސީތަކަށް ލިބޭ އާމްދަނީ އިތުރުކުރުމަކީ އެ މަނިކުފާނުގެ ތަސައްވަރު،" މިހާރު ހިނގަމުންދާ އދ. ގެ ރައީސްގެ މަގާމު ވެސް މިހާރު ފުރުއްވާ ޝާހިދު ވިދާޅުވި އެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތު ގައި ސޮއިކުރީ އިންޑިއާގެ ހިލޭ އެހީގައި ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ) ގެ ދަށުން އެކި އިދާރާތައް މެދުވެރިކޮށް ހިންގަން ހަމަޖެހިފައިވާ އަށް ޕްރޮޖެކްޓެއްގެ އެމްއޯޔޫތަކުގަ އެވެ.
މި އެމްއޯޔޫތަކުގެ ދަށުން ހިންގާ ޕްރޮޖެކްޓްތަކުގެ ޖުމުލަ އަގަކީ 2.4 މިލިއަން ޑޮލަރު (36 މިލިޔަން ރުފިޔާ) ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. މި މަސަައްކަތްތަކުގެ އެމްއޯޔޫތަކުގައި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ސަންޖޭ ސުދިރެވެ. ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލެވެ.