ޖެންޑާ މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރަކަށް، ނޫސްވެރިއެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރި ރިޒްނާ ޒަރީރު މިއަދު އައްޔަންކޮށްފި އެވެ.
އެ މިނިސްޓްރީގެ މީޑިއާގެ އިސްވެރިޔަކަށް ހަމަޖެއްސި ރިޒްނާ ވަނީ ޓީވީއެމް އަދި ރާއްޖެ ޓީވީގައި 14 އަހަރު މަސައްކަތްކޮށްފަ އެވެ. އޭނާ އެންމެ ގިނަ ދުވަހު މަސައްކަތްކުރި ރާއްޖެ ޓީވީގައި އިސް މަގާމުތައް އަދާކޮށްފައިވެ އެވެ.
އޭނާ ވަނީ މިދިޔަ އޭޕްރީމް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ހުޅުމާލެ ދާއިރާއަށް ވެސް ކުރިމަތިލައިފަ އެވެ. ނަމަވެސް އެ ގޮނޑި ކާމިޔާބުކުރީ ޕީޕީއެމުން ވާދަކުރި އިބްރާހިމް ޝުޖާއު އެވެ.
އޭގެ ފަހުން ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ހުޅުމާލެ ދާއިރާއަށް ވެސް ރިޒްނާ ކުރިމަތިލި އެވެ. އެ އިންތިހާބުން ވެސް އޭނާއަށް ވަނީ ނާކާމިޔާބުވެފަ އެވެ.
މިއީ ނޫސްވެރިކަން ދޫކޮށްލައި ރިޒްނާ އަދާކުރާ ސިޔާސީ ފުރަތަމަ މަގާމެވެ.