މީރު ރިހާކުރާ އެކު މ. ދިއްގަރު ދިވެހިންގެ ތެރޭގައި މަޝްހޫރެވެ. އަންނަ ޖެނުއަރީން ފެށިގެން އެ ރަށް ވެގެންދާނީ "ދަ ރިހާކުރު އައިލެންޑް"ގެ ގޮތުގައި އިންޓަނޭޝަނަލީ ވެސް މަޝްހޫރު ބްރޭންޑަކަށެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް "މިހާރު" އަށް ވިދާޅުވީ ޑޮމެސްޓިކް ޓޫރިޒަމްގެ އާ ޕްރޮޑަކްޓް، ހޯމް ސްޓޭ ފަށަން ނިންމާފައި ވަނީ ދިއްގަރުން ކަމަށެވެ. އެ ރަށް، ދުނިޔެ އަށް ހުޅުވާލުމަށް ވާން ޖެހޭ ތައްޔާރީތައް ކުރިއަށް އެބަދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ޖެނުއަރީ އެކެއްގައި އެ ރަށަށް ދާނެ ފަތުރުވެރިއަކު ނުވަތަ ފަތުރުވެރިންތަކެއް ބުކިން ހަދައިގެން ހޯމް ސްޓޭ ތަޖުރިބާކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.
މަސްވެރިކަމަށް ބަރޯސާވެފައި އޮންނަ ދިއްގަރަކީ ބިން ފުރި، ތޮއްޖެހުން ބޮޑު ރަށަކަށް ވިޔަސް އެ ރަށުގައި ހޯމް ސްޓޭ ފަށަނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ވަރަށް ހަނި ދޭތެރެއަކުން ވެސް މަންފާ ހޯދެން އޮތް ކަން ޔަގީންކޮށްދިނުމަށެވެ.
އެކަމަށް ފަހިވެފައި އޮތް މަގަކީ ޓޫރިޒަމް ދާއިރާގައި ތަޖުރިބާ ހުރި މީހުންނާއި ޝައުގުވެރިވާ ޒުވާނުންތަކެއް ރަށުގައި ތިބުމުވެ. ދިއްގަރާ އެކު އެ އަތޮޅު މަޑުއްވަރީ ކައުންސިލުން ވެސް ހޯމް ސްޓޭ އަށް ތައްޔާރުވަމުން އަންނަ ކަން މައުސޫމް ވިދާޅުވި އެވެ.
ފުރަތަމަ އަމާޒު 30 އެނދަށް
ހޯމް ސްޓޭއާ އެކު ރަށުގެ ރައްޔިތުންނަށް އާމްދަނީގެ ދޮރު ހުޅުވިގެންދާނެތީ އެކަން ލަސްކުރާކަށް ދިއްގަރު ކައުންސިލުން ވެސް ބޭނުމެއް ނުވެ އެވެ. އާާބާދީގައި 1،375 މީހުން ހިމެނޭ ރަށުގައި މިކަން ފެށުމަށް އަންނަނީ މަޝްވަރާތައް ކުރަމުންނެވެ.
އެ ރަށުގައި ގެސްޓް ހައުސްއެއް އަދި ނެތެވެ. އެކަމަކު ހޯމް ސްޓޭ ފަށަން ގެތައް ހަދަމުން އަންނައިރު އަމާޒު ހިފާފައި އޮތީ ފަށާއިރު ވެސް 30 އެނދަށެވެ.
ކައުންސިލްގެ ރައީސް އަހްމަދު ނިޝާން ވިދާޅުވި ގޮތުގައި 30 އެނދާ އެކު ހަރުދަނާ އުސޫލެއްގެ ދަށުން އެކަން ފެށިގެންދާނެ ކަމުގެ އުއްމީދު ބޮޑެވެ.
ރިހާކުރު އައިލެންޑްގެ ނަމުން ދިއްގަރު ބްރޭންޑްކުރާއިރު އޮތް ގޮންޖެހުމަކީ ޓޫރިސްޓުންނަށް ރިހާކުރު މަގްބޫލު އެއްޗަކަށް ނުވުމެވެ. އެހެންކަމުން މި ބްރޭންޑާ އެކު ވިސްނުން ހުރީ މަސްވެރި އުފެއްދުންތައް ކުރިއަށް ނެރުމަށެވެ.
"ރިހާކުރު އައިލެންޑްގެ ޓެގްލައިން ނުގެއްލޭ ގޮތަށް ޕްރޮމޯޓްކުރަން މަޝްވަރާތައް ކުރިއަށް ދަނީ،" ނިޝާން ވިދާޅުވި އެވެ.
ކައުންސިލުން ބުނިގޮތުގައި އެ ރަށް ކައިރީގައި ޑައިވިން ސްޕޮޓްތަކެއް އެބަހުއްޓެވެ. އެހެންކަމުން މަސްވެރިކަމުގެ ބާވަތްތަކާ އެކު ހޯމް ސްޓޭގައި އެކަން ވެސް ތަޖުރިބާކޮށްލަން ޓޫރިސްޓުންނަށް ފުރުސަތު ހުޅުވާލަން ކައުންސިލްގެ ވިސްނުން އެބަހުއްޓެވެ.