ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިން މިރޭ މޮޅު ކުޅުމެއް ދައްކައި ބަންގްލަދޭޝްގެ މައްޗަށް 2-0 އިން މޮޅުވެ މުބާރާތުގައި ކުރިއަށް ދިއުމަށް އުއްމީދު އާކޮށްފި އެވެ.

ރާއްޖޭގެ ފަޚުރުވެރި ގައުމު ދުވަހު ދިވެހި ގައުމީ ފުޓުބޯޅަ ޓީމުން މި ހޯދި ކާމިޔާބީއާ އެކު ވަނީ ތިން ޕޮއިންޓާ އެކު ތާވަލްގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ.

ކޯޗު އަލީ ސުޒޭން ވަނީ މިރޭގެ މެޗަށް ރާއްޖޭގެ ފުރަތަމަ 11 އަށް އެއް ބަދަލު ގެނެސްގަ އެވެ. ފުރަތަމަ މެޗުގައި މެދަށް އެރުވި އިބްރާހިމް އައިސަމް (ޓޯނީ)ގެ ބަދަލުގައި މިރޭ ކުޅެން އެރުވީ ހުސެއިން ނިހާން (ނިހާޓް) އެވެ. އަދި ބަންގްލަދޭޝްގެ ކަނާތް ފަރާތު އަރިމަތިން ކުޅޭ ބިޝްވަނާތު ގޯޝް ސަސްޕެންޝަނުގައި ހުރުމުން މިރޭ އެ މަގާމަށް ކުޅުނީ ރަހްމަތު މިއާ އެވެ.

މެޗު ފެށުމުގެ ގަޑިއެއްހާއިރު ކުރިން ފެށިގެން ކުޅިބަލަން ވަދެ ތިބި ސަޕޯޓަރުން ވަނީ މެދު ނުކެނޑި މުޅި ދަނޑުގައި އެމީހުންގެ އަޑު ގުގުމާލައިފަ އެވެ. ނަމަވެސް ސަޕޯޓަރުންގެ ކުރިމަތީގައި ރާއްޖެއަށް ހޯމް އެޑްވާންޓޭޖްގެ ބޭނުން ރަނގަޅަށް ހިފުނީ ދެވަނަ ހާފުގަ އެވެ.

ރާއްޖެއާ ބަންގްލަދޭޝްއާ މިރޭ ކުޅޭ މެޗުގައި، ދިވެހި ޓީމަށް ސަޕޯޓުކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ރާއްޖެއާ ބަންގްލަދޭޝްއާ މިރޭ ކުޅޭ މެޗުގައި، ދިވެހި ޓީމަށް ސަޕޯޓުކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މެޗުގެ ވަރަށް ކުރީކޮޅު ރާއްޖޭގެ އަޝްހަދު އަލީ (އަޑޭ) ގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ބަދަލުކުރަން ޖެހި، ބަދަލުގައި ވަނީ ފުރަތަމަ މެޗުގައި ސްޓާޓް ކުރި އިބްރާހިމް އައިސަމް ކުޅެން އަރުވައިފަ އެވެ. އެއަށް ފަހު ރާއްޖޭން ވަނީ ވަރަށް ބޮޑަށް ކުރިޔަށް ޖެހިގެން ގިނަ ހަމަލާތަކެއް އުފައްދައިފަ އެވެ. އަދި ހަމްޒާ މުހައްމަދު (ހަމްޕު) ބަންގްލަދޭޝްގެ ޕެނަލްޓީ އޭރިއާ ތެރޭގައި އެ ޓީމުގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާފައި ބޯޅަ ފޮނުވާލަން އުޅުމުގެ ތެރޭގައި ބަންގްލަދޭޝް ކުޅުންތެރިއެއްގެ ފައިގައި އަޅައިގެން ވެއްޓުމާ އެކު ރާއްޖޭގެ ކުޅުންތެރިން ވަނީ އެއީ ޕެނަލްޓީއެއް ކަމަށް ބުނެ ވަރަށް ބޮޑަށް މައްސަލަ ޖައްސައިފަ އެވެ.

މި ހާފުގައި ރާއްޖޭން އުފެއްދި އެންމެ ނުރައްކާތެރި ހަމަލާ ފެނުނީ އެންމެ ފަހު ވަގުތުކޮޅުގައި ލިބުނު ހިލޭޖެހުމަކުންނެވެ. ގޯލުގެ މަތީ ކަނާ ދިމާލަށް އަލީ އަޝްފާގު (ދަގަނޑޭ) ފޮނުވާލި ބޯޅަ ދިފާއުކުރީ ބަންގްލަދޭޝްގެ ކީޕަރު އަނީސުއް ރަހްމާން ޒީކޯ އެވެ.

ރާއްޖޭން ދެވަނަ ހާފު ފެށީ ބަދަލަކާ އެކު އެވެ. އިބްރާހިމް މަހުދީގެ ބަދަލުގައި ނާއިޒް ހަސަން (ދާދު) ކުޅެން އެރުވިއިރު ރާއްޖޭން ވަނީ ހާފު ފެށިގެން 10 މިނިޓުތެރޭ ލީޑު ނަގައިފަ އެވެ. އަލީ ފާސިރު (ސެންޓޭ) ނަގައިދިން ކޯނަރެއް ބަންގްލަދޭޝްގެ ކުޅުންތެރިންނަށް ސާފްކޮށް ނުލެވި އުޅެނިކޮށް އޭރިއާ ތެރެއިން ސިކްސް ޔާޑު ބޮކްސް ކަނާ ދިމާލަށް އައި ބޯޅަ އޯވަހެޑް ކިކަކުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ރާއްޖެ އަށް ލީޑު ނަގައިދިނީ ހަމްޕު އެވެ. މިއީ ސާފް ޗެމްޕިއަންޝިޕުގައި ހަމްޕު ޖެހި ފުރަތަމަ ލަނޑެވެ. އޭނާ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑު މީގެ ފަސް އަހަރު ކުރިން ޖެހީ ވެސް ގަލޮޅު ދަނޑުގައި ބަންގްލަދޭޝްއާ ދެކޮޅަށެވެ.

ރާއްޖެއާ ބަންގްލަދޭޝްއާ މިރޭ ކުޅޭ މެޗުގައި ކުޅެނީ.-- ފޮޓޯ: ފަޔާޒު/ މޫސާ
ރާއްޖެއާ ބަންގްލަދޭޝްއާ މިރޭ ކުޅޭ މެޗުގައި ކުޅެނީ.-- ފޮޓޯ: ފަޔާޒު/ މޫސާ

ރާއްޖޭން ޖެހި ލަނޑަށް ފަހު ބަންގްލަދޭޝް ކުޅުންތެރިން ވަނީ ރާއްޖޭގެ ކުޅުންތެރިންނަށް ގިނަ ފައުލްތަކެއް ކޮށްފަ އެވެ. މިއާ ގުޅިގެން ރާއްޖޭގެ ނިހާޓް ވަނީ އަނިޔާގެ ސަބަބުން ބަދަލުކުރަން ޖެހިފަ އެވެ. ނިހާޓްގެ ބަދަލުގައި ކުޅެން އެރީ މުހައްމަދު އުމެއިރެެވެ.

ރާއްޖޭގެ ދެވަނަ ލަނޑު 74 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ދަގަނޑޭ އެވެ. މި ޕެނަލްޓީއަކީ ހާފް މެދެއްހާ ހިސާބުން ދާދު ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމުން ސޮހޭލް ރާނާ ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ.

މި ލަނޑަށް ފަހު ބަންގްލަދޭޝް އިން ރާއްޖޭގެ ގޯލަށް ނުރައްކާކުރަން މަސައްކަތް ކުރިއެވެ. ނަމަވެސް ރާއްޖޭގެ ޓީމަށް ވަނީ ލަނޑުޖަހާނެ އިތުރު ފުރުސަތުތަކެއް ލިބި، ބޭނުން ނުކުރެވިފަ އެވެ. ސެންޓޭ ފޮނުވާލި ބޯޅައެއް ބަންގްލަދޭޝްގެ ކީޕަރު މަތަކުރިއިރު ހަމްޕު ފޮނުވާލި ބޯޅައެއް ބްލޮކް ކުރީ ބަންގްލަދޭޝްގެ ޑިފެންޑަރު ތާރިގް ކާޒީ އެވެ.

ބަންގްލަދޭޝްއާ ދެކޮޅަށް ގޯލު ޖެހުމަށްފަހު އަޝްފާގު އުފާފާޅުކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ބަންގްލަދޭޝްއާ ދެކޮޅަށް ގޯލު ޖެހުމަށްފަހު އަޝްފާގު އުފާފާޅުކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ފުރަތަމަ މެޗުން ނޭޕާލް އަތުން 1-0 އިން ބަލިވި ނަމަވެސް ރާއްޖޭގެ ކުޅުން މިރޭ ތަފާތެވެ. އުއްމީދީ މި ފެށުމާ އެކު ރާއްޖޭން އަންނަ ހޯމަ ދުވަހު ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ.

މިރޭގެ މެޗު ބައްލަވާލައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުގެ ބައެއް އިސްވެރިންނާޗއެކު ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ. ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވަޑައިގެންނެވި އެވެ.

ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ އިން ނެރުނު ފުރަތަމަ 11:

މުހައްމަދު ފައިސަލް (ގޯލްކީޕަރު)، އަކްރަމް އަބްދުލް ގަނީ (ކެޕްޓަން)، ސަމޫހު އަލީ، ހުސައިން ސިފާއު ޔޫސުފް، އަލީ އަޝްފާގު (ދަގަނޑޭ)، ހަމްޒާ މުހައްމަދު (ހަމްޕު)، އަލީ ފާސިރު (ސެންޓޭ)، އަޝްހަދު އަލީ (އަޑޭ)، ހައިޝަމް ހަސަން، އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ)، ހުސެއިން ނިހާން (ނިހާޓް)