ރާއްޖޭގައި ދުއްވާ އެއްގަމު ވެހިކަލްތަކުގެ ނަމްބަރު ޕްލޭޓް ބަދަލުކުރަން ވަސާޖިއޯއާ ހަވާލުކުރި މައްސަލައިގައި އޭނާ ހިމެނޭ ގޮތުން ދައުވާކުރަން ފޮނުވާފައިވިޔަސް ކޮރަޕްޝަންގެ އެއްވެސް ކަމެއްގައި ބައިވެރިވުމެއް ނޯންނާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލްޣަނީ މިއަދު ވިދާޅުވެއްޖެ އެވެ.
މެޝިން ރީޑަބަލް ނަމްބަރު ޕްލޭޓް ވަސާޖިއޯއާ ހަވާލުކުރުމުގައި ކޮރަޕްޝަން ހިންގި ކަމުގެ ތުހުމަތު ބަލައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ޓްރާންސްޕޯޓުގެ ދެ ޑެޕިއުޓީ މިނިސްޓަރުން ހިމެނޭ ގޮތަށް ހަ މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފަ އެވެ.
އެއީ ހަމަދުގެ އިތުރުން ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ އާއި އަލީ އިކްރާމާއި މުހައްމަދު ނިޒާރާއި މަރިޔަމް ސަމާހަތުގެ އިތުރުން މަރިޔަމް ތަސްލީމާ އެވެ.
ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ހަމަދުގެ މައްޗަށް އުފުލުމުން ނެރުއްވި ބަޔާނުގައި އޭނާ ވިދާޅުވީ ސަރުކާރުގައި ވޭތުވެދިޔަ ދެ އަހަރާއި އަށް މަސް ހިދުމަތް ކުރައްވަމުން ގެންދެވީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އިހްލާސްތެރިކަމާ އެކުގައި ކަމަށެވެ.
އެއާއެކު އެއްވެސް ކަމެއްގައި ފައިދާއެއް ނުވަތަ މަންފާ އެހެން ފަރާތަކަށް ހޯދައިދިނުމުގެ ބޭނުމުގައި މަގާމުގެ ހައިސިއްޔަތު ބޭނުންކޮށްގެން ނިންމުމެއް ނިންމާފައި ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު މަގާމުގައި ދެމިހުރިހާ ހިނދަކު މަސްއޫލިއްޔަތުތައް އަދާކުރަމުން ގެންދާނީ ތެދުވެރިކަމާއި އިހްލާސްތެރިކަމާއި އަމާނާތްތެރިކަމާ އެކީގައި ކަން ޔަގީންކޮށްދެމެވެ،" ހަމަދުގެ ބަޔާނުގައިވެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ނަމްބަރު ޕްލޭޓް މައްސަލައިގައި އޭސީސީގެ ތަހުގީގަށް އޭނާ ވާނީ އެއްބާރުލުން ދީފަ އެވެ. ކުރިއަށް އޮތް ތަނުގައި ވެސް މި މައްސަލައިގައި ޖަވާބުދާރީވާން ޖެހިއްޖެ ނަމަ ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވި އެވެ.
އޭސީސީން ބުނީ އިވެލުއޭޝަނުން ދެ ވަނައަށް ދިޔަ ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑަށް އެ ބިޑު އެވޯޑުކޮށްފައި ވަނީ އެ ފަރާތަށް ލިބެން ނުޖެހޭ ނާޖާއިޒު މަންފާއެއް ހޯދައިދިނުގެ މަގުސަދުގައިކަން ތަހުގީގަށް ސާބިތުވާ ކަމަަށެވެ. ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ ގޮތުން ޓްރާންސްޕޯޓުގެ ބިޑު ކޮމިޓީއަށް މި ޕްރޮޖެކްޓް ކުރިއަކަށް ނުގެންދެވޭނެ އެވެ.
ޖުމުލަ އަގު 2.5 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އެ މަޝްރޫއު ހަވާލުކުރަން ޖެހޭނީ ނެޝަނަލް ޓެންޑަ ބޯޑު މެދުވެރިކޮށެވެ.
ވަސާޖިއޯއާ ހަވާލުކުރި ފަހުން ވެސް މި މަޝްރޫއު ޓެންޑަ ބޯޑު މެދުވެރިކޮށް ކުރިއަށް ގެންދަން އޭޖީން ލަފާދީ، ފިނޭންސް މިނިސްޓްރީން އެންގި އެވެ. އެކަމަކު އެގޮތަށް ޓްރާންސްޕޯޓުން އަމަލެއް ނުކުރެ އެވެ.
ވަސާޖިއޯއާ އެކު ވީ އެއްބަސްވުން ވެސް އުވައެއް ނުލި އެވެ. އެހެންވެ އެ ކުންފުނިން އެދުނީ 3.7 މިލިއަންގެ ބަދަލެއް ހޯދާށެވެ. މި ބަދަލު ދިނުމާ މެދު ލަފައަކަށް ޓްރާންސްޕޯޓުން އެދުމުން ފިނޭންސް މިނިސްޓްރީން ނިންމީ މާލިއްޔަތު ގަވާއިދާ ހިލާފަށް ގެންދިޔަ ބީލަމަކަށް ވާތީ ބަދަލު ދޭން ނުޖެހޭނެ ކަމަށެވެ.