ފުވައްމުލަކުގައި ކުޑަކުއްޖަކަށް ފަރުވާ ދެމުން ދަނިކޮށް މިއަދު ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.
އެ ރަށު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށް މަރުވީ އުމުރުން ފަސް އަހަރުގެ އަންހެން ކުއްޖެކެވެ.
ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ދިރާރު "މިހާރު" އަށް ވިދާޅުވީ މިއަދު ހަވީރުގެ ވަގުތެއްގައި އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ބަނޑުގައި ރިއްސައި ހޮޑުލާތީ ކަމަށެވެ. ޑޮކްޓަރުން އެ ކުއްޖާއަށް ފަރުވާދެމުން ދަނިކޮށް މަރުވެފައިވާ ކަމަށާއި މަރުވާން ދިމާވި ސަބަބެއް އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިރޭ 7:08 ގައި ކުއްޖާ މަރުވީ. އައިޖީއެމްއެޗުގެ ޓީމެއްގެ ލަފަޔާއެކީ ރަނގަޅަށް ފަރުވާ ދިޔަ. މަރުވާން ދިމާވި ސަބަބެއް އަދި ނޭނގޭ،" އޭނާ ވިދާޅުވި އެވެ.
އެ ކުއްޖާ މަރުވީ ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުން ކަމަށް ސޯޝަލް މީޑިއާގައި އޮތީ އަޑުފެތުރިފަ އެވެ. އެކަމަކު އާއިލާގެ ބަހެއް އަދި ނުލިބެ އެވެ.
ދިރާރު ވިދާޅުވީ ހޮސްޕިޓަލުގެ އެއްވެސް ކަމެއް އުޅޭ ނަމަ އެކަން ބަލާނެ ކަމަށާއި ހެލްތު މިނިސްޓްރީ އާއި ކަމާބެހޭ ފަރާތްތަކުން ވެސް އެކަމާ ގުޅޭ ގޮތުން ކުރާ ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށެވެ.