ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކާ މެދު މުއާމަލާތުކުރި ގޮތުން ޖެންޑާ މިނިސްޓްރީގެ މުވައްޒަފަކު ސަސްޕެންޑުކޮށްފި އެވެ.
އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، މައްސަލަ ބަލައި ނިމެންދެން ސަސްޕެންޑުކުރީ ދެކުނުގެ އަތޮޅެއްގައި ހުންނަ ޗިލްޑްރަން ސާވިސް ސެންޓަރުގެ މުވައްޒަފަކު ކަމަށެވެ.
އެއީ، އެ ސެންޓަރުގައި ބަލަހައްޓާ ނަފުސާނީ ބައްޔަށް ފަރުވާ ހޯދާ ކުއްޖަކާ މުއާމަލާތު ކުރަންޖެހޭ ގޮތަށް މުހާތަބު ކޮށްފައި ނުވާތީ އަދި އެ ކުއްޖާ ބެލެހެއްޓުމުގައި އަމަލުކުރަން ނުޖެހޭ ގޮތަށް ކަންތައް ކޮށްފައިވާތީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެ ތަނުގައި ބަލަހައްޓަމުން އަންނަ އެ ކުއްޖާ އަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ވަނީ ފަރުވާ ދިނުމަށް އެ ރަށުގެ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އިތުރު ތަފުސީލެއް ނުދީ މިނިސްޓްރީން ބުނީ އެ ކުއްޖާގެެ ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް އެކަމާ ގުޅިގެން ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން އެ މަސައްކަތް ބަލަމުް އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"މި ކަމުގެ މައުލޫމާތު އޮމްބަޑްސްޕާސަންއާ ހިއްސާ ކޮށްފައި ވާނެ،" އޮފިޝަލް ވިދާޅުވި އެވެ.